ރާއްޖޭގައި އެނިމޭޓެޑް ފިލްމު އުފެއްދުމުގެ މަސައްކަތުގެ އެންމެ އުހުގައި ހަރަކާތްތެރިވަމުން އަންނަ ސެލްމިން ސްޓޫޑިއޯ އިން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު މަސައްކަތް ހިމެނޭ އެންމެ ބޮޑު އެނިމޭޓެޑް ފިލްމު “ބަގީޗާ” ގެ ޓެރެއިލަރ އާއްމުކޮށް، ޓިކެޓް ބްކިން އަށް ތައްޔާރުވެއްޖެ އެވެ.
ޓްރެއިލަރ އާއްމުކުރަމުން ސެލްމިން ސްޓޫޑިއޯގެ ސީއީއޯ އަދި ފައުންޑަރ ޔާމިން ރަޝީދު ބުނީ މިހައިތަނަށް ރާއްޖޭގައި އުފެއްދިފައިވާ އެންމެ ބޮޑު ފިލްމު ގެނެސްދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“ފިލްމު އުފެއްދުމަށް ފަސް އަހަރު ހޭދަވެއްޖެ – އެއް މިލިޔަނަށްވުރެން ގިނަ ފައިސާ ހޭދަވެއްޖެ. މިކަމުގައި އަހަރެމެންގެ އެންމެ ހުނަރުވެރި އެނިމޭޓަރުން، އާޓިސްޓުން އަދި ކްރިއޭޓިވް ޓެކްނީޝަނުން ބައިވެރިވޭ. މިއީ ގޮންޖެހުންތަކަކާއި ޖޯޝާއި އެކުގައި ކަޑައްތުކުރަމުން އަންނަ ދަތުރެއް.” ޔާމިން ގެ ފޭސްބްކް ޕޭޖްގައި އޭނާ ބުނެފައި ވެއެވެ.
ޔާމީން ރަޝީދު ގެ އުއްމީދަކީ އެ ސްޓޫޑިއޯ އިން މި ފިލްމު ތައްޔާރުކުރުމުގައި ހޭދަކުރި އުފާވެރިކަމާއި ހިތްހަމަޖެހުމާއި އެއްވަރަށް ބެލުންތެރިން ވެސް ފިލްމު ބަލާފައި އުފާކޮށް ހިތްހަމަޖެހޭނެ ކަމަށެވެ.
ނޮވެމްބަރު 04 ން ފެށިގެން “ބަގީޗާ” ގެ ޓިކެޓް ބްކް ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޓިކެޓޤ ބްކް ކުރުމަށް ސްވެކް ސިނަމާގެ 3338998 ނަންބަރު ފޯނަށް ގުޅުމަށް ޕްރޮޑިއުސަރުން އެދެއެވެ.
ފަނޑުވުމެއް ނެތް މަގްބޫލުކަމެއް ދިވެހިންގެ މެދުގައި ހޯދާފައިވާ “މާކަނާ ޝޯ” ގެ ފަހަތުގައި ހުރި އެންމެ އިސް އެނިމޭޓަރު އަދި މި ޝޯ އުފައްދަމުން އަންނަ ސެލްމިން އެނިމޭޝަންގެ ވެރިޔާ ޔާމީން ރަޝީދު ވަނީ ‘ސެލްމިން’ ގެ ކުޑަދަށުން އެތަކެއް އެނިމޭޓެޑް ފިލްމާއި އިޝްތިހާރު އުފައްދާފައެވެ. އޭނާއަށް ވަނީ 2015 ވަނަ އަހަރު ‘ވިޒުއަލް އާޓްސް އެންޑް އެނިމޭޝަން” އަށް ޚިދުމަތް ކުރުމުގެ ރޮގުން ޤައުމީ އިނާމު ލިބިފައެވެ.
“ބަގީޗާ” ގެ ޓްރެއިލަރ
“ބަގީޗާ” ގެ ޓީޒަރ ޓްރެއިލަރ
