މުނިފޫހިފިލުވުމުގެ ދާއިރާގެ ވީޑިއޯ އަދި އޯޑިއޯ އުފެއްދުންތަން ގެނެސްދިނުމަށް ގެނެސްދޭ ބައިސްކޯފް އެޕް ވަރަށް ކުލަގަދަކޮށް މިމަހުގެ 12 ވާ ހޯމަ ދުވަހުގެ ރޭ ލޯންޗް ކުރާ ހަފުލާގައި “ހުވާ” ގެ ޓްރެއިލާ ދައްކައިލަން ނިންމާފައިވާކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.
ރާއްޖޭގައި އުފައްދާ ފުރަތަމަ ވެބްސީރީސް “ހުވާ” އަކީ ނަހުލާގެ ވާހަކައަކަށް އޭނާ އާއި އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސީރީޒް އެކެވެ. ފައިސަލް ވަނީ މީގެ ކުރިން ނަހޫގެ ޑްރާމާ ސީރީޒް “އުމުރަށް ސަލާން” ވެސް ޑައިރެކްޓްކޮށްދީފައެވެ. “ހުވާ”ގައި ފެންނާނީ މަޝްހޫރު މޭކަޕް އާޓިސްޓު ހަސަން އާދަމް (މޭކަޕް ހަސަން) ގެ ފަރި މޭކަޕްތަކެވެ.
“ހުވާ” ގެ ކާސްޓުންގެ ތެރޭގައި ފިލްމުގެ ޑައިރެކްޓަރ ފައިސަލް ގެ އިތުރުން ޝީލާ ނަޖީބު، ޔޫސުފު ޝަފީއު (ޔޫއްޕެ)، އައިމިނަތު ރިޝްފާ، ރަވީ ފާރޫގް، މަރިޔަމް އައްޒަ، އިބުރާހީމް ޖިހާދު (ޖިމީ) އަދި އަލީ އާޒިމް (ދޮންއައްޔަ) ފަދަ ތަރިން ހިމެނެ އެވެ. ނަހޫ ބުނާ ގޮތުގައި ގާތްގަނޑަކަށް 40 ތަރިން މި ސީރީޒުން ފެންނާނެއެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގެ އޭ ގްރޭޑްގެ ތަރިންނާއި ފިލްމީ ދާއިރާއަށް އާ މޫނުތައް ވެސް ހިމެނެއެވެ.
“ހުވާ” ގައި، މުޅި ޖުމްލަ 70 ވަރަކަށް އެޕިސޯޑް ހިމެނެއެވެ. ކޮންމެ އެޕިސޯޑެއްގެ ދިގު މިނުގައި ހުންނާނީ 10 ވަރަކަށް މިނެޓެވެ.
“ހުވާ” ޝޫޓްކޮށްފައިވަނީ މާލެ އާއި ކ. ގުރައިދޫގައެވެ.
