ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލް ކަމުގައިވާ ހުރަވީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފި އެވެ.
ހުޅުމާލޭ ނޭބަރހުޑް އެކެއްގައި ތަރައްޤީކޮށްފައިވާ ހުރަވީ ސްކޫލަކީ 50 ކުލާސްރޫމްގެ ސްކޫލެއެކެވެ. ހުރަވީ ސްކޫލްގެ ކިޔެވުން ފަށާފައިވާއިރު، އެ ސްކޫލްގައި 700 ދަރިވަރުން ކިޔަވާނެއެވެ. މި ސްކޫލަކީ 1400 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލް ތަރައްޤީކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކުއެވެ.
ހުރަވީ ސްކޫލުގައި އެލްކޭޖީން ފެށިގެން ގްރޭޑް 09 އަކާ ހަމައަށް ކިޔަވައިދޭނެއެވެ. އަދި އަންނަ އަހަރު އެ ސްކޫލްގައި ގްރޭޑް 10 އަކަށް ކިޔަވައިދޭން ފެށުމަށް ހަމަޖެހިފަިއވާއިރު، އަންނަ މަހު އޭލެވެލްއަށް ވަނުމުގެ ފުރުސަތުވެސް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.
ހުރަވީ ސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކިޔަވައިދެއެވެ. ހަތް ފަންގިފިލާގެ މި ސްކޫލް ފަރުމާކޮށްފައިވަނީވެސް އެފަދަ ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށެވެ.
ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން) ނުވަތަ ކޮލީ ނަންފުޅުން ނަމަ އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުނަށް ނިސްބަތްކޮށް ނަންކިޔާފައިވާ ހުރަވީ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ.
