އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްދުއްމައްޗަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަރލްޑް ބޭންކްގެ ހަތަރު ބޭފުޅުންނާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

 

އެންވަޔަރަންމަންޓް މިނިސްޓަރުގެ މިދަތުރުފުޅަކީ ރާއްޖޭގެ ރަށްތަކުގެ ކުނީގެ މައްސަލައަށް ޙައްލު ހޯއްދެވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ޒޯން  ހަތަރަކާއި ފަހެއް ހިމެނޭ މ،ފ،ދ،ތ އަދި ލ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން “މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެންޓް” ގެ ނަމުގައި ކުރިއަށްގެންދަވާ މަޝްރޫޢުގެ ސްޓޭކްހޯލްޑަރ ވަރކްޝޮޕް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ.

 

“މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެންޓް” ގެ ސްޓޭކްހޯލްޑަރ ވަރކްޝޮޕް މިއަދު ހެނދުނު 09:00 ން ފެށިގެން ހަވީރު 16:00 އަށް ލ.ގަމު ހަމަދުބިން ޚަލީފާ އާލްޘާނީ ސްކޫލްގައި ކުރިއަށްދާނެއެވެ. މިވަރކްޝޮޕް ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިޕްރޮޖެކްޓަކީ ޒޯން  ހަތަރަކާއި ފަހެއް ހިމެނޭ ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ ދަތިތައް ފިލުވުމަށް ފެށިގެންދާ ވަރަށް މުހިންމު ޕްރޮޖްކްޓެއްކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ރައްކާތެރިގޮތުގައި ކުނިނައްތާލެވޭނެގޮތްތައް މި ވަރކްޝޮޕުން ބައިވެރިންނަށް ދަސްވެގެންދާނެކަމަށާއި، ކޮންމެ ރަށެއްގައި ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު ސެންޓަރު ތަކެއް ޤާއިމްކުރެވޭނެ ކަމަށެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެންޓް – ފޮޓޯ: ؛. އަތޮޅު ކައުންސިލް

ވޯކްޝޮޕްގެ ބައިވެރިއެއްގެ ގޮތުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ލ.އަތޮޅުގެ ރަށްތަކުގައި އޮތް ރީތި މޫދުތަކާ މުރަކައިގެ ފަރުތައް އެގޮތުގައި ތާއަބަދަށް ބާއްވަން ބޭނުންކަމަށާއި މިކަންކަން އަންނަނިވި ޖީލްތަކަށް ފޯރުކޮށްދިނުމަށް ލ.އަތޮޅަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އަތޮޅު ކައުންސިލުން އިސްނަގައިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ސާފުބޯފެން ފޯރުކޮށްދިނުމުގެ ގޮތުންނާއި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން “ޒެޕްވިސް” (ޒީރޯ ޕްލާސްޓިކް ވޭސްޓް އިނިޝިއޭޓިވް އެޓް ސްކޫލް) ގެ ނަމުގައި ކުރިއަށްގެންދެވުނު ޕްރޮޖެކްޓްގެ ދަށުން އަތޮޅުގެ ހުރިހައި ސްކޫލަކަށް ވޯޓަރ ޕިއުރިފިކޭޝަން މެޝިން ފޯރުކޮށްދެވިފައިވާކަން ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

 

ޚަބަރު މަސްދަރު: ލ. އަތޮޅު ކައުންސިލް ވެބްސައިޓް

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.