މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިނަމަންޓުން އުފައްދާ ފިލްމް ”ގޮށްރާޅު“ އަޅުވާނެ ތާރީޚަށް ކުރަމުން އައި އިންތިޒާރުގެ ނިމުން މިރޭ އަންނާނެއެވެ. އާނއެކެވެ. މިއަހަރު އެންމެ ބޮޑު އުއްމީދެއް ކުރެވޭ ފިލްމު “ގޮށްރާޅު” މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެއެވެ.
އަނެއްކާވެސް ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނުވާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ “ގޮށްރާޅު” މިއީ ޒުވާން، ހުނަރުވެރި ޑައިރެކްޓަރ އަޙްމަދު ޝިނާންގެ ސޯލޯ ޑައިރެކްޝަން އެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ވަރަށް ތަފާތު ޖޮންރާ ތަކެއްގެ ފިލްމުތަކެއް ގެނެސްދީފައިވާ މޫމިން ފުއާދު އެވެ. “ލޫދިފާ” އާއި “ހެޕީ ބާތްޑޭ” އާއި “ނިވައިރޯޅި” އަކީ މޫމިންގެ ސިކުނޑިން ވުޖޫދުކޮށްފައިވާ ފިލްމުތަކެކެވެ. އެހެންކަމުން މިއީވެސް ފިސާރި ވަރުގަދަވާނެ ފިލްމެއްކަމަށް ޤަބޫލުކުރެވެއެވެ.
މި ފިލްމާމެދު ކުރެވޭ އުއްމީދަށް އިތުރު ދިރުމެއް ގެނެސްދިނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މޫނުމަތި ކަމަށްވާ ޢަލީ ޝިފާޢު (ޗިއްޕެ)، މި ފިލްމު ބެލުމަށްފަހު ބުނެފައިވާ އިބާރާތްކޮޅުންނެވެ.
“އަހްމަދު ޝިނާން އަދި ފިލްމުގެ ޓީމުން ދިވެހި ސިނަމާއަށް އާ ބެންޗްމާކެއް ގެނެސްދީފި،” ކްރައިމް ތްރިލާ “ގޮށްރާޅު” ފިލްމާއިމެދު ޗިއްޕެ ދެކެނީ މިހެންނެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހުގައި ރަސްކަން ކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމުތަކަކީ ރާއްޖޭގެ އެހެން ޕްރޮޑަކްޝަން ހައުސްތަކަށް ގޮންޖަހާލެވޭ ވަރުގެ ފިލްމު ތަކެކެވެ. އެކަން އެމީހުން ސާބިތުކޮށްދިނީ މިދިޔަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑްގައި 32 ދާއިރާއަކުން އެވޯޑް ދިން އިރު 21 އެވޯޑެއް އުފުލައިލާފައި ވާތީއެވެ.
ކޮންމެއަކަސް، މިރޭ ‘ގޮށްރާޅު” އަރަން ފަށާނެއެވެ. ރާޅުގެ އަސަރު އަތޮޅު ތެރެއަށްވެސް ކުރާނެއެވެ. މިއީ ހަމަ ގައިމުވެސް ބަލައިނުލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫންކަން މިހައިތަށް ދޫކޮށްލާފައިވާ މި ފިލްމުގެ ދެ ޓްރެއިލާ އިންވެސް ސާފުކޮށް ބުނެދެއެވެ.
މި ފިލްމުގެ މުހިއްމު ތަރިއަކީ ޑާކް ރެއިންގެ އެންމެ އާންމު މޫނު، ޖުމައްޔިލް ނިމާލްް (ޖުމަލް) އެވެ. ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާހަސަން އިރުފާން (ޒަކިއްޓެ)، އާއި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 މެއި 2025ޚަބަރުކްރިއޭޓިވް ނެޓްވޯރކްގެ އަލަތު ފީޗާ ފިލްމުގެ ކުޑަ މިންވަރެއް ދައްކާލައިފި!
- 9 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި