މިޒަމާނު ފޮނަދޫ ގޭގޭ ދޮރަ މައްތު އެކިއެކި ޑިޒައިންތެކު ގާ ޖަހާފާ ނޯނުއްވާ ސިމެންތިން ތަޅުން އަޅާފާ އޮތަކަސް އަފޭން ކުޑައިރޭ އޮންނާނޫ އަކިރި ލާފާ. މި އަކިރި ގަނޑަ ކޮންމަ އަހަރަކުވެސް ރޯދަޔަށް ބަދަލު ކެރާޅެތް.

ރޯދަޔަށް އަކިރި ނަގާން ތައްޔާރަވާން ފަށާޅެތް ރޯދަޖެހޭން މަހަކަށް ވޫމާ. ޝައުބާން މަހަށް ހަނދަ ބެލޫމާ އެވޫ އަކިރި ނަގާން ފަށާން. އަފޭން ކުޑައިރޭ އެންމަ ފުރަތަމަ ރޯދަޔަށް އަކިރި ނަގާން ދާންފެށޫ ފޮނަދުވާ ޖެހީގެން އޮންނަން ފަޅަރަށް، ހުރަޔަށް. އެރަށަށް ދާނޫ ބޮއްކުރަލަކާ ކަނބާފާ. ބައެއް މީހުން ހިކި ދިޔާ ހިނފާވެސް ދާޅެތް.

އަކިރި ނަގާން ދާން ތައްޔާރަވާން ބޮއްކުރާ އޮންނަ މީހުން އަތުން އެންމަ ފުރަތަމަ ބޮއްކުރާ ހޯދާން ޖެހޭނޫ. އެމީހުން ދޭނޫ މީހުން ބޮނަން ތަރުތީބުން. އެގޮތަށް ބޮއްކުރާ ދެން ދޮހަޔަށް ގޯނި ހޯދާ، ހެނދުނު ސައިތައްޔާރަކޮށް ނުވަގަޑިއަށް ޖޫސްގިރާ، ދެވައްތަރުން (ކުޅި އަދި ފޮނި) ބޯކިބާ ފިހާޅެތާ.

ރައްޓެހި ރަހުމަތްތެރިންނާ ހިސާބަގަނޑުން ވާހަކަ ދައްކާ އޮޅެން އެންމެން ކާރީ ބޮނާޅެތް އަކިރި ނަގާންދާން. އަކިރި ނަގާ ނިންމާފާ އެރަށުލާ (ހުރަޔު ލާ) ކައްކާން ވެސް ބައެއް މީހުން އެއްޗެހި ގެންދާޅަތާ. އާއްމުކޮށް ގެންދާނޫ ބަތްގަނޑަ ހަދާން އެެއްޗެހި، ނޯނުއްވާ ނޫޑުލީސް. މަސްވެރިކަމަށް ފޯރި ހުންނަން މީހުން ދަން ފަހަރެއް ވެއްޖައިމުން ބަތް ކައްކާން އެއްޗެހި އެކަނި ގެންދާނޫ. ދެން އެތަނުން މަހަ ހިފައިގެން ގަރަދިޔަ ކައްކައިގެން ކާނޫ.

އަކިރި ނަގާން ދަން ދޮހާ ނިކަން ފަތިހާ ތެދުވެ ސައިބޮއެގެން ބޮއްކުރަލާ ނައްޓާލާޅެތް. ޢެއްބަޔަކު އަނިއްބަޔަކަށްވަނީން ކުރޫން ދެވޭތޯ ވަރަށް ފޯރިޔާއެއްކޮށް ކަނބާފާ ދާނޫ. އަކިރި ނަގާ އޮޅެނޫ ފަކީރާޔާ އުދަލި ބޭނުންކޮށްގެން ކޮނެގެން، ދާގަނޑަކުން ފުރާނައިގެން. މިއޯ ވަރަށް ބުރަ މަސައްކަތެއް. ރަތްދަކާ އައްވު ތިބެ ކޮނެގެން ނަގަން ތަތްވެލި، ދާގަނޑަކަށް އަޅައިގެން ލޮނަތެރޭ ފުރާނައިގެން އޭގެ އަކިރިބައި ގޯންޏަށް އަޅާ ގޯނި ފުރާނޫ. އާންމުކޮށް ކޮންމަ ގެޔަކަށްވެސް ފަންސާހާ ސަތޭކަޔާ ދޭތެރޭ އަދަދަކަށް ގޯންޏު އަކިރި ނަގާޅެތް.

މި މަސައްކަތަކޫ ބުރަ ކަމަކަށް ވިޔަސް ޖޯޝާ ފޯރިޔާ އެއްކޮށް ކެރަން އިރޭ ބަލާން ހުންނަ މީހަކަށް އެހައި ބުރަ ކަމެއްހެން ހީއެއް ނުވާޅަ. އަކިރި ނަގާ ނިންމާލާފާ ރަށަށް އުމަން އިރޭ ހުންނާނޫ މެންދުރުން ލަނބާފާ. ބޮއްކުރަލަށް އަކިރި އަރުވައިގެން ގޮހޮ އަކިރިތެއް ބާލާނޫ ފޮނަދޫ ކޮޅަށް (ކައްދޫ އާއި ވީ ކޮޅަށް). މި އަކިރިތެއް ބަލާފާ ފުންޏެއްހެން ބަހައްޓާފާ އަންހެންވެރީންދާނޫ ގޭށަށް. ބައެއް ފިރިހެން ވެރީން ހަމަ އެދޮހާ އަކިރިތެއް ގޭށަށް ގެންދާޅެތް. ތަންކޮޅެއް ކުރޫން، ގޭށަށް އަކިރި ގެންގޮހޮ އޮޅެނޫ ބަރޮލަށް އަރުވައިގެން. ފަހުން ލޮރީ ގެނެހޫގެން އޮޅޭންފެށީފަހުން ލޮރީއާ ގެންދާނޫ. ބައެއް މީހުން މި އަކިރި ގެއަށް ގެނަހޫފާވެސް އެކި ބައި ބަޔަށް ފުރާނާޅެތް.

އަކިރި ފެތެރުމުގެ މަސައްކަތް ފަށާނޫ މާހެފުން ދޮހާ ހަވީރު، ނޯނުއްވާ އެރޭ. އަކިރި ފެތެރެމުގެ ކުރޫން، ގޭދަށު ކުރޫން އޮންނަން އަކިރި ގަނޑަ ކަހާ މަގުމައްތަށް ފަތަރާޅެތް. އެ އަކިރި ބައެއް މީހުން ރޯދަ އުމާން ދޭއް ނޯނުއްވާ ތިންދޮހާ ކުރޫން ކަހާ މަގުމައްތަށް ފަތަރާޅެތް.

މިއޯ އަފޭން ކުޑައިރޭ އަކިރިލާ އޮޅެނަ ގޮތް. އޭގެ ކުރުވަށް ޖެހީލަން އިރޭ ގޭގޭ ތަޅުން އަޅާ މުށި ޖަހާން ފެށުމުގެ ކުރޫން ގޭތެރެއަށްވެސް އަކިރިލާ އޮޅެނާ. ބޮޑައަށު ހުންނަން ބޭރުގޭތެރެޔަށް ބޯއަކިރި އަދި ކުޑައަށު ހުންނަ ހިސާބަށް ހިމުން އަކިރި ލާ އޮޅެނާ. ރޯދަ މަހު ފުރަތަމަ ދޮހާ މުޅި ފޮނަދޫ ހީވާނޫ ދޮންވެލި ފިނޮޅެއްހެން.