ޤުރުއާނުގެ ސޫރަތްތަކުގެ ތެރެއިން ބަޤަރާ ސޫރަތަކީ އެހެން ސޫރަތްތަކަށް ލިބިގެންނުވާ ޚާއްސަ އެތައް ކަމެއް ލިބިފައިވާ ސޫރަތެކެވެ. މި އަރޓިކަލްގައި މި ބަލާލަނީ އެފަދަ 7 ޚާއްސަ ސިފައަށެވެ.

ބަޤަރާ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެކެވެ.

ކީރިތި ޤުރުއާނުގެ ހުރިހާ ސޫރަތްތަކަކީވެސް ބަރަކާތުން ފުރިގެންވާ ފެންއާރުތަކެކެވެ. އެހެން ނަމަވެސް ބަޤަރާ ސޫރަތް ކިޔެވުމުގައި ޚާއްސަ ބަރަކާތްތެރިކަމެއް ވާކަމުގައި ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

އަބޫ އުމާމާ رضي الله عنه ވިދާޅުވިއެވެ. ތިމަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވީމެވެ.
“ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެވެ. އަދި އެ ސޫރަތް ނުކިޔަވައި ދޫކޮށްލުން އެއީ ހިތާމަ ހުރި ކަމެކެވެ. އަދި އެ ސޫރަތް ކިޔަވައި މީހެއްގެ މައްޗަށް ސިހުރުވެރިންނަށް ބާރުލިބިގެން ނުވެއެވެ.”
ޞަޙީޙް މުސްލިމް

ބަޤަރާ ސޫރަތް ކިޔެވުމަކީ ނުވަތަ އަޑު އެހުމަކީ ޝައިޠާނާ ފައްސާލުމަށް އޮތް އަވަސްމަގެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
”ތިޔަބައިމީހުންގެ ގޯތި ގެދޮރު ޤަބުރުސްތާނުތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއެއްގެ ކިބައިން ޝައިޠާނާ ފިލައެވެ.“
ޞަޙީޙް މުސްލިމް

ކީރިތި ޤުރުއާނުގައިވާ އެންމެ މަތިވެރި އާޔަތް ވަނީ ބަޤަރާ ސޫރަތުގައެވެ. އެއީ އާޔަތުލް ކުރުސިއެވެ. ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ.

އުޑުތަކާއި ބިންހެއްދެވުމުގެ ދެހާސް އަހަރުކުރިން ﷲ ތަޢާލާ ލިޔުއްވުމެއް ލިޔުއްވިއެވެ. އޭގެން ދެ އާޔަތް ކީރިތި ޤުރުއާނުގައި ބާއްވައިލެއްވިގެންވެއެވެ. އެއީ ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތެވެ. ދިވެހިންގެ މެދުގައި މަޝްހޫރު ނަމުންނަމަ، އާމަނައް ރަސޫލު ދަލީލެވެ.

ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާ މީހުންނަށް ޞަޙާބީން ޚާއްސަ ޤަދަރެއްދީ އުޅުއްވިއެވެ.

މި ސޫރަތުގައި އިސްލާމީ އަޤީދާގެ އުސޫލުތަކާއި އެއްކައުވަންތަކަމުގެ ދަލީލުތަކާއި އަލުންދިރުއްވާނޭކަމުގެ ހެކިތައް ބަޔާންކުރައްވައިފައިވެއެވެ.
މި ސޫރަތުގައި އިސްލާމީ ޝަރީޢަތުގެ އެކިއެކި ޙުކުމްތައް އައިސްފައިވެއެވެ. މިގޮތުން އަޅުކަމުގެ ޙުކުމްތަކާއި، ވަރި، ކައިވެންޏާއި އަދިވެސް މިފަދަ އާއިލީ މައްސަލަތަކުގެ ޙުކުމްތަކާއި މާލީ މުޢާމަލާތްތަކާއި ގުޅޭ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުދޫދުތައް އައިސްފައިވެއެވެ.