ދިވެހި ފިލްމުބަލާ އޯޑިއަންސްގެ ބޮޑު ބަޔަކީ ލޯބީގެ ފިލްމު ބެލުމަށް ޝައުގުވެރިވާ އޯޑިއަންސެކެވެ. އެ އޯޑިއަންސަށް އަމާޒުކޮށް ސިނަމާއަށް ފިލްމެއް ނާންނަތާ ދެތިން އަހަރުވެއްޖެއެވެ. ނަމަވެސް މިމަހު 09 ން ފެށިގެން އޮލިމްޕަހުގައި އަޅުވާ “ނަފްރަތުވުމުން” އަކީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރ ޔޫސުފް ޝަފީޢުގެ ޕްރޮޑަކްޝަން ހައުސް އިން ބެލުންތެރިންނަށް ގެނެސްދޭ “ނަފްރަތުވުމުން”ގެ ޓިކެޓް ވިއްކުން ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މދިޔަ ހުކުރު ދުވަހު މެންދުރުފަހުން ފެށިގެން ޓިކެޓް ވިއްކަމުންދާއިރު ފިލްމު “ނަފްރަތުވުމުން” ގެ ފޭސްބްކް ޕޭޖު މެދުވެރިކޮށް ނަން ނޯޓްކޮށްފައިވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ޓިކެޓް ބައްލަވައިގަތުމަށް ފިލްމުގެ ޓީމުން އެދެއެވެ.

“ނަފްރަތުވުމުން” އަށް ޓިކެޓް ނެގުމަށް ގުޅާނެ ނަންބަރަކީ 7384040 އަށެވެ.

މެގަހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ ބޮޑު ކާމިޔާބީއާއެކު އެ ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރ ޔޫއްޕެ މިފަހަރު މި ގެނެސްދޭ “ނަފްރަތުވުމުން” އަކީ ޔޫއްޕެ ލިޔެފައިވާ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ކާސްޓަށް ބަލައިލާއިރު، ޔޫއްޕެގެ އިތުރުން މިވަގުތު އެންމެ ޑިމާންޑް ބޮޑު އެކްޓްރެސް މަރިޔަމް ޢައްޒަ، ދުވަސްތަކެއް ވާންދެން ސާބިތުކަމާއެކު ފިލްމު ސްކްރީންތަކުން އެންމެ ގިނައިން ފެންނަމުންދާ ހުނަރުވެރި، އުއްމީދީ ތަރި ޢަލީ އާޒިމް (ދޮން އައްޔަ) އާއި ފިލްމު ‘ލައިލާ”ގައި ދައްކައިދިން ލޯބީގެ މަންޒަރުތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދާފައިވާ އަޙްމަދު އީސާ (އާނަންދު) ހިމެނެއެވެ.

“ނަފްރަތުވުމުން” އަކީ ޔޫއްޕެ ޕްރޮޑަކްޝަން އިން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.

“ނަފްރަތުވުމުން”ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.