ހައްދުންމަތީ ގަމަކީ ދިވެހިރާއްޖޭގެ ރަށްތަކުގެތެރެއިން އެންމެ ބޮޑު ރަށެވެ. އެންމެ ޤަދީމީ ރަށްތަކުގެތެރޭގައި ހިމެނޭ ރަށެކެވެ. އިޤްތިޞާދީ އިޖުތިމާޢީ ސިޔާސީ ރޮނގުތަކުގައި އެންމެ އިހުއްސުރެ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގައި އެތައް އަވަށެއްގައި މީހުން ދިރިއުޅެމުންދިޔައެވެ. ނަމަވެސް 19 ވަނަ ޤަރުނާ ހަމައަށް އައިއިރު ރަށުގައި މީހުންއުޅެނީ 3 އަވަށަށެވެ. އެއީ ދެކުނުން އުތުރަށް މުކުރިމަގު، މަތިމަރަދޫ އަދި ތުނޑިއެވެ. މި ތިން އަވަށުގެ ތެރެއިން ތުނޑިއަކީ އެންމެ ފަހުން އާބާދުވީ ސަރަޙައްދެވެ. އެންމެ ފަހުން ފަޅުވީ އަވަށަކީ މަންދެވެ. އޭގެކުރިން ދިގަރަ، އިހުރު ސޭކު، ބަރުތީލަ، ކޮޅަވޭރަ، ކައްޗަހާރު، ނާދޫ، މާކޮށުމަގަ ފަދަ އެތައް އެތައް އަވަށެއް ފަޅުވީ ކޮން ދުވަސްވަރެއްގައި ކީއްވެގެން ކަމެއް ނޭނގެއެވެ.

އަވަށްތަކުގެ އިތުރުން ދެން އެންމެ މަޝްހޫރު ދެތަނަކީ ތުނޑިއާއި މަތިމަރަދޫގެ ސަރަޙައްދަށްވާގޮތަށް އެ ދެ އަވަށް ދެމެދު ރަށުގެ ހުޅަނގުފަރާތުގައި އޮންނަ މާހިންނެ އާއި މުކުރިމަގުގެ ދެކުނަށް ގޮސް ރަށް ނިމެންދެން އޮންނަ ކުރުހިންނެ އެވެ. ހިންނެ އަކީ ހައްދުންމަތީ ބަހުރުވައިން ހިންނައަށް ކިޔާގޮތެވެ. ސުނާމީގެ ފަހުން މުންޑޫ އާއި ކަޅައިދޫ ރައްޔިތުން ގަމުގައި އާބާދުކޮށްފައި އެވަނީ މާހިންނޭގެ ސަރަޙައްދުގައެވެ. ޕަރީފެންގަނޑުގެ ނަމުން މިހާރު މަޝްހޫރުވެފައިވާ “ބޮޑަފެންގަނޑަ” އޮންނަނީ ކުރުހިންނޭގެ އިރުމަތީފަރާތުގައެވެ. ބުންބެރަ ވެސް މިހާރުވަނީ ކުރުހިންނޭގެ ސަރަޙައްދުތެރޭގައި ހިމަނާފައެވެ. ކަށިކޮލު އޮންނަނީ ކުރުހިންނޭގެ ހުޅަނގުފަރާތުގައެވެ.

ކަށިކޮލޭ ކިޔާތަނަކީ ފަޅުތެރޭގައި ގޮނިވަދެފައި އޮންނަ ފުންގަނޑެކެވެ. ކަށިކޮލު މަޝްހޫރުވެފައިވަނީ ދެމޫސުމަށްވެސް މަޑު ބަނދަރެއްގެ ގޮތުގައެވެ. ހުޅަނގުގެ ގަދައިގައި މުކުރިމަގުގެ އޮޑިފަހަރު އަޅައި އުޅެނީ ކަށިކޮލުގައެވެ. ކަށިކޮލުގައި އޮޑިއެޅުމަށްޓަކައި “އައްދަށަފިނޮޅަ”ގެ އައްދޮށް ފަރާތުގައި ހުންނާނީ “މުންޑާން” ޖަހާފައެވެ. ފުށު ވާ ޖަހަން އެއްގަމުގައި ހުންނާނީ ދުނބުރި މުޑިން “ތިލޯށި” ޖަހާފައެވެ.
ކަށިކޮލު ފެށޭ ހިސާބަކީ ފޮނަދޫ ޚާޒިމުގޭ މީހުން ކުރުހިންނެ ލިޔުއްވައިގެން އުޅުނު ދުވަސްވަރު ކުރުހިންނޭގައި ގެއަޅައިގެން އުޅުނު ހިސާބުކަމުގައިވާ “ފޮނަދޫ މީހުން ގެއެޅީ މަގަ” އޭ ކިޔާ މަގާ ދިމާލުން ކަމަށް ދުވަސްވީ ބޭފުޅުން ބުނުއްވައެވެ. އެއީ މިހާރުގެ ގޮތަށް ދަންނަވާނަމަ ކުރުހިންނެއަށް ވަނުމަށްޓަކައި ހައްދުންމަތީ ބޮޑުމަގުގެ އިރުމަތީފަޅީގައި ހަދާފައިއެހެރަ ބޮޑު ގޭޓާ ދިމާލެވެ. ބޮޑުމަގުގެ އެދިމާލުގައި އެވަނީ ކަފިހި ހުރަހެއްވެސް ލާފައެވެ. އެދިމާލުން ފެށިގެން މާންދޫއާ ވީކޮޅަށް ރަށުގެ ދެކުނަށް ގޮސް 150 ފޫޓެއްހައިތަނަށް ހުޅަނގުފަރާތު ފަޅުތެރޭގައި އެއޮތީ ކަށިކޮލެވެ. ކަށިކޮލުގެ ބޭރަށް އޮންނަނީ 2 ފިނޮޅެވެ. ރަށާ ކައިރިޔަށް “އައްދަށަ ފިނޮޅަ” އެވެ. އައްދަށު ފިނޮޅަގެ ބޭރަށް އޮންނަނީ “ބޭރަ ފިނޮޅަ” އެވެ. މިތަނަށް ފިނޮޅޭ ކީ ކަމުގައިވިޔަސް މިފިނޮޅުތަކަކީ މިހާރަކު އަދި މިހާރު ދުނިޔޭ ތިބި މީހުންގެ ހަނދާނުގައިވެސް ފެނުންމައްޗަށް ހިކިފައި އޮންނަ ފިނޮޅުތަކެއް ނޫނެވެ. އޭގެކުރީގެ ގޮތެއް ނޭނގެއެވެ. ހިކިދިޔައިގައި މިފިނޮޅުތައް ރީއްޗަށް ފާހަގަވާނީ އެތާހުންނަ ރާޅުންނެވެ. މި ފިނޮޅުތަކުގެ މަތީގައި ކަކޫތާ ފެނަށްވުރެ ކުޑަތަންކޮޅެއް ފުންވާނެކަމަށް ފެނެއެވެ. ފިނޮޅުތަކުގެ ބޭރަށް ހިމެނޭ ސަރަޙައްދަށް ކިޔަނީ “ތެލަބަދު” އެވެ. ކަށިކޮލުގެ އުތުރަށް މުކުރިމަގާވީކޮޅު ފަޅުތެރެޔަށް ކިޔަނީ ކަށަވައްލެވެ. ކަށިކޮލުގެ ދެކުނުކޮޅުން ކަށިކޮލު ނިމޭނީ ގަމާ މާންދުއާ ދެމެދު އިހުގައި އޮންނަ “ގައުފިނޮޅަ” (ގާފިނޮޅަ) އޭ ކިޔާ ފިނޮޅަށެވެ. ހިކިދިޔައިގައި ގަމުން މާންދޫއަށް ދާނީ މި ގައު ފިނޮޅު މަތީންނެވެ. މި ގައުފިނޮޅަކީ މާންދު އާ ގަމާ ދެމެދުން ފުއްޓަރު ފަރާތުން (އިރުމަތި ފަރާތުން) އޮއިވަރާއެކު ދަމާ ގައުތަށް ދަށޭފަރާތަށް ގެންދާ ގެންދިޔުމުގައި ދަށޭފަރާތުން (ހުޅަނގުފަރާތުން) އަންނަ އޮއިވަރާ ބައްދަލުވުމުގެ ސަބަބުން މައިތިރިވާ ހިސާބަށް ޖަމާވެފައި އޮންނަ ގައުތަކެވެ. ވެލިތަކުތެރޭގައި ފޮރުވިފައި، ފެހިޖަހައި ކަޅުވެފައި ހުންނަ ގައުތަކެކެވެ.

ކަށިކޮލުގައި އޮޑިފަހަރު ނުބޭއްވޭހައި ގަދަވެއްޖެ ނަމަ ދެން އޮޑިފަހަރު ވައްދާނީ “ގާފިނޮޅަ” މައްޗަށް ނުބީހޭވަރަށް ދިޔަވަރު ބޮޑުވެފައި އޮންނަ ވަގުތަކަށް ބަލައިގެން ކުޑަދޭތެރެއަށެވެ. ކުޑަދޭތެރެއަކީ ގަމުގެ ދެކުނު ކޮޅާއި މާންދޫގެ އުތުރުކޮޅާ ދެމެދު އޮންނަ އޮއެ ދެމޭ ފުންވިލެކެވެ. ޤުދުރަތީ ކަނޑިންމައެކެވެ. ރައްކާތެރި އަމާން ބަނދަރެކެވެ. ކުޑަދޭތެރެއިން އޮޑިފަހަރު ނެރެވޭނީވެސް ހަމަ މި ދެންނެވި މަގުންނެވެ.

ގަމުގެ ކަށިކޮލުގައި ކޭމްޕްޖަހައިގެން ތަމްރީންތަކެއް ފުރިހަމަކުރައްވަމުން ގެންދެވި ސިފައިންގެ ތެރެއިން 25 ބޭކަލަކު ކޯވިޑް 19 އަށް ފައްސިވުމާގުޅިގެން މީޑިއާތަކުގައި މިޚަބަރެއް ލިޔުނު އިރު އެކި ފަރާތްތަކުން އެތަނުގެ ނަން ބޭނުންކޮށްފައިވަނީ އެކިގޮތަށެވެ. އެއްބަޔަކު ލިޔެފައިވަނީ ކަށިކޮލު އެވެ. އަނެއްބަޔަކު ކަށިކޮލިއެވެ. ރަނގަޅުގޮތަކީ ކޮބައިތޯ ބައެއް ބޭފުޅުން ސުވާލުވެސް އުފައްދަވައިފިއެވެ.
އެންމެ އިހުއްސުރެ ގަމު މީހުން މިތަނަށް ކިޔައި އުޅެނީ ކަށިކޮލު އެވެ. ބޭނުންކުރާ ޢިބާރާތަށް ވިސްނާއިރު މުކުރިމަގު މީހުން އެތަނުގައި އޮޑިއަޅާފައި ގޮސް އެ ވާހަކަ އެހެން މީހަކު ގާތުގައި ބުނާނީ އަންނަނިވި ގޮތަށެވެ. “މިއާ ކަށިކޮލު ދޯނި އަޅާފާ” އެވެ. މަތިމަރަދޫ މީހަކު މިޖުމްލަ ބުނާނަމަ ބުނާނީ “މިއާ ކަށިކޮއްލު ދޯނި އަޅާފާ” އެވެ. ރަސްމީ ބަހުރުވައިން އުބުފިއްޔަށް ނިމޭ ލަފުޒުތައް ހައްދުންމަތީ ބަހުރުވައިގެ ތެރެއިން ގަމުގެ ބަހުރުވައިގައި ޢާންމުކޮށް ހުންނާނީ ނިމޭ ފިލި އަބަފިއްޔަށް ބަދަލުކޮށްފައެވެ. މިސާލަކީ ތަޅު = ތަޅަ. ކަޅު – ކަޅަ، ރަނގަޅު = ރަނގަޅަ، މިއަދު = މިއަދަ. ނަމަވެސް “ކަށިކޮލު” މިލަފުޒު އެވެރިން ބޭނުންކޮށް އުޅެފައިވަނީ އަކީ އެ އުސޫލުން ފަހު އަކުރުގެ ފަހު ފިލީގައި އަބަފިލި ޖަހައިގެން ނޫންކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑަށް ވިސްނެނީ އެއިގެ ސަބަބަކީ “ކަށިކޮލު” އަކީ ޚާއްޞަ ނަމަކަށް ވާތީކަމަށެވެ. ގަމު ބަހުރުވައިން “ކޮލަ” ބޭނުންކޮށްފިނަމަ އޭގެ މާނައަކީ “ކޯ” ނުވަތަ “ކޮލުގެ” ނުވަތަ “ކޮލުގައި” އެވެ.

ބައެއް ބޭފުޅުން މިތަނަށް ކިޔާނަމަކީ “ކަށިކޮލި” ކަމަށް އެބަ ލިޔުއްވައެވެ. އެއީ ގޯހެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން “ކަށިކޮލި” ނުވަތަ އިނގިރޭސިބަހުން ކިޔާ “Porcupine Fish” އަކީ މޫދުގައި އުޅޭ ވިހަގަދަ މަހެކެވެ. ކަށިކޮއްޔޭ މިކިޔާ މަހަށް ގަމުމީހުން ކިޔާނީ “ކަށުކޮލި” އެވެ. ދިވެހި ބަސްފޮތުގައި އޮންނަނީ “މިއީ ކޮލީގެ ބާވަތެކެވެ. ލޯބޮޑު އަނގަކުޑަ މަހެކެވެ. މުޅިމަހުގައި ތޫނު ކަށިތަކެއް ހުރެއެވެ. މިމަހަށް ގޯނާއެއް ކޮށްފިނަމަ މި މަސް ވަށް ބޯޅައެއްހެން ފުއްޕާލައި ކަށިތައް ކޮޅަށް ޖަހައެވެ. މިއީ ވަރަށް ވިހަގަދަ މަހެކެވެ ” (ދިވެހިބަހުގެ އެކެޑަމީ، 2020).

ގަމުގެ އެކިތަންތަނަށް އިހުއްސުރެ ކިޔާފައިހުންނަ ނަންތައް ބޭނުންކުރުމުގައި ކާބަފައިން ގެންގުޅޭ އުސޫލެއް ފެނެއެވެ. އެއީ އެއްގަމުގައި އޮންނަ ރުއްގަނޑެއްފަދަ ތަނަކާ ދިމާލުގެ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށް ޚާއްޞަނަމެއް ދީފައި ނުވާނަމަ އެތަނަކަށް ކިޔާނީ އެއްގަމުގައި އޮންނަ ތަނުގެ ނަމުގެތެރެޔަށް “ބަނޑަދަށް” (ބަނޑުދޮށް) އިތުރުކޮށްގެން ކިޔުމެވެ. މިސާލަކަށް ދަށޭވެލާނާ ރުއްގަނޑާ ދިމާލުގެ އަތިރިމައްޗަށާއި ގޮނޑުދޮށަށް ކިޔާނީ “ދަށޭ ވެލާނާ ރުއްގަނޑަ ބަނޑަދަށް” ކަމަށެވެ. މިހަމައިން ބަލައި ވިސްނާއިރު “ކުރުހިންނެ”އާ ދިމާލުގައި ކަށިކޮލު ނެތްނަމަ އެތަނަށް ކިޔަމުންދާނީ “ކުރުހިންނޭ ބަނޑަދަށް” ކަމަށެވެ. ނަމވެސް އެތާގައި ކަށިކޮލު އޮތުމުން އެދިމާ އަތިރިމައްޗަށްވެސް ގޮނޑުދޮށަށްވެސް ނަންކިޔާނީ ކަށިކޮލެވެ. އެއްގަމަކީ ކުރުހިންނެއެވެ. އެ ސަރަޙައްދަކީ ފަހަކަށް އައިސް ދިވެހި ސިފައިންނާއި ބޭރު ޤައުމުތަކުގެ ސިފައިން ގުޅިގެން ހިންގާ މޫދު ތަމްރީންތަކުގައި ބޭނުންކުރަމުންދާ ސަރަޙައްދެކެވެ. ސިފައިން އެތަނަށް ދީގެން އުޅޭ ނަމަކީ “ވައިޓް ބޭ” އެވެ. އެއީ އެތަނުގެ ގޮނޑުދޮށުގެ ސާފުހުދު ދޮންވެލި އަތިރި މައްޗާއި ފަޅުތެރޭގައި ގޮނިލާފައި ފުންވެފައި އޮތް ކަށިކޮލާ ގުޅުވައިގެންނެވެ.

އަޅުގަނޑު ހިތުން ރަށްރަށުގައި ހުންނަ މިފަދަ ތަންތަނުގެ ނަންނަމަކީ އެނަމެއް އޭގެ އަސްލު ގޮތުގައި ދަމަހައްޓަން ޖެހޭ ނަންނަމެވެ. އެއީވެސް ހަމަ މަޢުނަވީ ތަރިކަ ނޫންތޯއެވެ. އަމިއްލަވަންތަ ކަމަކީ އެއީ ނޫންތޯއެވެ.

ޙަވާލާ:
ފޮޓޯތައް:
ޝަހީމް، ހޮރައިޒަން ފިޝަރީޒް،
ގޫގްލް މެޕްސް
ނެޗުރަލް ވޯލްޑް ލަވަރ، ދަ ޕެރޮޑީ ވީކި

މަޢުލޫމާތު:
އަލްމަރްޙޫމް މަންދަގޭ މުޙައްމަދު ދީދީ،
އަލްފާޟިލް މުޙައްމަދު ޒަކީ، ރޯޝަންވިލާ، ލ.ގަން
އަލްފާޟިލް އަދުނާނު ޙުސައިން، ކިލާގަނޑުގެ، ލ.ގަން

ލިޔުންތެރިޔާގެ ފުރަމަލަ

ޠާހާ އަބޫބަކުރު
ތާރީޚީ ހޯދުުންތައް ހޯދައި ތާރީޚް ލިޔުމާއި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތުގެ ލިޔުންތަކަކީ ޠާހާ ގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާ އެވެ.