ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިބަހުގެ ދުވަހެވެ. ދިވެހިބަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސެވެ. ދިވެހި ގައުމިއްޔަތުގެ އެއް ރުކުނެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ ‘ ބުނާނީ، ލިޔާނީ ސާފު ދިވެހިބަހުން’ މިއެވެ.

މި ޝިއާރުން ބާރު އަޅަނީ ދިވެހިބަހުން މުއާމާލާތު ކުރެވެން އޮތް ހަމަ ކޮންމެ ހާލަތެއްގައި ދިވެހިބަހުން މުއާމަލާތު ކުރުމުގެ މައްޗަށެވެ. ދިވެހިބަހުން ދިވެހީން ކުރާ މުއާމަލާތު އިތުރު ކުރުމުގެ މައްޗަށެވެ. އޮފީސްތަކުގައްޔާއި ގޭތެރޭގައްޔާއި އިޖުތިމާއީ އެއްވުންތަކުގައި ދިވެހިބަހުން ސާފުކޮށް ރީތިކޮށް ވާހަކަ ދެއްކުމުގެ މައްޗަށެވެ. އާދޭހެވެ! ދިވެހީންގެ މަސްލަހަތު އޮންނަ ހަމަ ކޮންމެ ކަމެއްގައިމެ ސާފު ދިވެހިބަހުން ވާހަކަ ދެއްކުމުގެ މައްޗަށެވެ. އެ ފަދަ ކޮންމެ މުއާމަލާތެއްގައި ލިޔާން ޖެހޭ ލިޔުންތައް ދިވެހިބަހުން ތާނަ އަކުރުން ލިޔުމުގެ މައްޗަށް ވެސް މެއެވެ.

ދިވެހިބަސް ހީނަރުވާން ދިމާވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ، ދިވެހިބަހުން ވާހަކަ ދެއްކެން އޮންނަ އެކި ފެންވަރު ކޮމިޓީތަކުގައްޔާއި ޖަލްސާތަކުގައްޔާއި ރަސްމިއްޔާތުތަކުގައްޔާއި އެއްވުންތަކުގައްޔާއި މަސައްކަތުބައްދަލުވުންތަކުގައްޔާއި މަހާސިންތާތަކުގައްޔާއި ވިލީސިންތާތަކުގައްޔާއި ސެމިނާރުތަކުގައްޔާއި އިޖުލާސްތަކުގައްޔާއި އިޖުތިމާއީ އެއްވުންތައް ފަދަ ބައްދަލުވުންތަކުގައި ދިވެހިބަހުން ވާހަކަ ނުދައްކައި ބޭރު ބަސްބަހުން ވާހަކަ ދައްކައި ލިޔެ ހެދުން ހިމެނެއެވެ. ހަމަ އެހެންމެ ރީތި ދިވެހި ލަފުޒުތައް ހުއްޓައި އެ ފަދަ ލަފުޒުތައް ބޭނުން ނުކޮށް ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހިބަހާ މަސްހުނި ކޮށްގެން ވާހަކަ ދެއްކުމާއި، ރީތި ދިވެހި ލަފުޒުތައް އެކި ސިފަސިފަޔަށް ބަދަލުކޮށްގެން ވާހަކަ ދެއްކުމާއި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދަށް ސަމާލުކަން ނުދީ ވާހަކަދައްކައި ލިޔުންތައް ލިޔުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

މިހެންވުމުން ދިވެހިބަހުން ކުރާ މުއާމަލާތުތައް އިތުރު ކުރާން ޖެހެއެވެ. ދިވެހި މުވައްޒަފުން ދިވެހި މުވައްޒަފުންނާ ޖެހިލުންވެ ވަޑައިގަތުމެއް ނެތި ބޭރު ބަސްބަހާ ދިވެހިބަސް މަސްހުނި ނުކުރައްވައި ސާފު ދިވެހިބަހުން ރީތިކޮށް ވާހަކަ ދައްކަވާން ޖެހެއެވެ. ދިވެހި ދަރިވަރުން ދިވެހި ދަރިވަރުންނާ ކުރާ އާންމު މުއާމަލާތްތައް ސާފު ދިވެހިބަހުން ކުރާން ޖެހެއެވެ. މި ފުރުސަތު އެ ދަރިވަރުންނަށް ގޭތެރެއިންނާއި މަދަރުސާއިން ފަހިކޮށް ދެއްވާން ޖެހެއެވެ. ދިވެހި މައިންބަފައިން ދަރީންނާ ސާފު ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަވާން ޖެހެއެވެ. މީޑިޔާތަކުން ދިވެހިބަހުން ލިޔާ ލިޔުންތައް ދިވެހިބަސް ބޭނުން ކުޅައުމުގެ ހަމަތަކާއި އުސޫލުތަކާ އެއް ގޮތަށް ލިޔެ އާންމު ކުރާން ޖެހެއެވެ. ބަސް ވިދާޅުވާން ތިއްބެވި ވެރީން ކުރައްވާ މުއާމަލާތުތައް ސާފު ދިވެހިބަހުން ކުރައްވާން ޖެހެއެވެ. ގައުމީ އެކިއެކި ޚިދުމަތްތަކުގައި މި އަސާސް ހިފަހައްޓަވާން ޖެހެއެވެ. ދިވެހިބަސް ރައްކާތެރިކުރައްވައި ޖީލުން ޖީލަށް ވާސިލުކޮށް ދެއްވުމުގެ ޒިންމާ ހަމަ ކޮންމެ ދިވެއްސަކުމެ އުފުއްލަވާން ޖެހޭކަން މި ފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ދިވެހި ބަހުން ބުނެވޭނެއެވެ. ދިވެހިބަހުން ލިޔެވޭނެއެވެ. ބުނާށެވެ. ލިޔާށެވެ. ބުނާނީ ލިޔާނީ ދިވެހިބަހުންނޭ ބުނެ އަޑު އުފުލަމާތޯއެވެ!

 ނޯޓް: މިއީ ދިވެހިބަހުގެ އެކެޑަމީން އާއްމުކުރައްވާފައިވާ ލިޔުމެކެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.