“ގެއްލުނު ފުރާނަ” ގެ ނަމުގައި މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އުފައްދަމުންދާ ޑްރާމާއަކީ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ފުރަތަމަ ފަހަރަށް ލީޑްރޯލުން ފެނިގެންދާނެ ފިލްމެވެ. އައްޔަގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ) ވެސް މި ޑްރާމާގައި ލީޑް ރޯލް ކުޅެއެވެ. މި ޑްރާމާގައި އައްޔަގެ އަންހެނުން ޢާއިޝަތު ޒިޔާދާވެސް މުހިންމު ރޯލެއް ކުޅެއެވެ. މިއީ ހަމަގައިމުވެސް ފިލްމީ ހަޔާތުގައި ސްޓެޕް އައްޔަ އަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.

ފިލްމީ ދާއިރާ އާއި ތަންކޮޅެއް ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު ސްޓެޕް އައްޔަ ނުވަތަ ޢަލީ ޝާހިދު ފިލްމީ ދާއިރާއަށް އަލުން އަނބުރައި ގެނެސްދިނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އެވެ. ފިލްމީީ ދާާއިރާގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ކުރިމަތީގައި ޢަލީ ޝާހިދަކީ ހަމައެކަނި ނެށުމަށް ސްޓެޕް ހެދުމުގެ އިތުރަށް ފިލްމީ ދާއިރާގެ ތަފާތު މަރުހަލާ ތަކުގައި ސްޓެޕަކަށްފަހު ސްޓެޕެއް އަޅަމުންގޮސް ފައިތިލަ ސާބިތުކޮށްލާނެ އިޚްލާސްތެރިއެއްކަން ދައްކައިދިނުމަށް ފުރުޞަތު ލިބުނީ ސައީދުގެ ފަރާތުން ކަން ސްޓެޕް އައްޔަ ފާހަގަކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.

“ވަކިވެ ދިއުން” ޝޫޓިންގައި އައްޔަ އާއި ޒިޔާދާއަށް ޔޫއްޕެ ޝޮޓް ކިޔައިދެނީ – ފޮޓޯ: މުނިއަވަސް

ދިވެހި ފިލްމު “ނޭދެން ވަކިވާކަށް”، “އިމްޝާ ޑްރާމާ”، “ނޯޓީ ފޯޓީ” އާއި “ފޯޓީ ޕްލަސް” އަކީ މި ފިލްމުތަކުގައި އައްޔަ ފެނިގެން ގޮސްފައިވާ ފިލްމު ތަކެކެވެ. ނަމަވެސް ސައިޑްރޯލުންނެވެ. އެހެން ނަމަވެސް އައްޔަ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހިއްޖެއެވެ. އެ ފުރުޞަތު ލިބިއްޖެ އެވެ. ފުރުޞަތު ދިނީ މި ދާއިރާގައި އާ ފަންނާނުން ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ޔޫސުފް ޝަފީޢު އެވެ. މިހާރު ބ. ދަރަވަންދޫގައި ޝޫޓްކުރަމުންދާ ޔޫއްޕެގެ ސިލްސިލާ ޑްރާމާ “ގެއްލުނު ފުރާނަ” ގައި ލީޑް ރޯލް އަދާކުރަނީ ސްޓެޕް އައްޔަ އެވެ. ޑްރާމާގައި ސްޓެޕް އައްޔަގެ އަންހެނުން އާމިނަތު ޒިޔާދާ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.

ސްޓެޕް އައްޔަ އާއި އޭނާގެ އަންހެނުން ޒިޔާދާ

އާމިނަތު ޒިޔާދާ އަކީ ފިލްމީ ދާއިރާއަށް މިހާރު އާ މޫނެއް ނޫނެވެ. އެންމެ ފުރަތަމަ ފިލްމަކުން ޒިޔާދާ ފެނުނީ މިއަހަރު ފެބްރުއަރީ ފަސްވަނަ ދުވަހުން ފެށިގެން ފަނޑުކަމެއް ނެތި ދައްކަމުން އަންނަ ހޯރޯ ކޮމެޑީ “ފޯޓީ ޕްލަސް” އިންނެވެ. އެ ފިލްމުގައި ޒިޔާދާ ދައްކައިދީފައިވަނީ ފާހަގަކޮށްލެވޭހާ މޮޅު އެކްޓިންއެކެވެ. މިއީވެސް ޔޫއްޕެ ދިން ފުރުޞަތެކެވެ.

ސްޓެޕް އައްޔަ އަށް ފިލްމެއްގެ ލީޑް ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ކޮންމެ ފަންނާނަކުވެސް މިފަދަ ދަނޑިވަޅެއްގައި އުފާވާނެކަމީ ދުނިޔޭގެ ޙަޤީޤަތެކެވެ. އައްޔަ އަށް ލިބުނު އުފާވެރިކަން ފޭސްބްކްގައި ހާލަތު ބަޔާންކޮށްދޭ ވަރުގަދަ އަދާހަމައެއް ޖަހައިގެން ވަނީ އާއްމުކޮށްފައެވެ.

“ފިލްމީ ދާއިރާއިން އިތުރަށް ކުރިއަށްދާން އަޙްމަދު ސަޢީދު އަދި ޔޫސުފް ޝަފީޢު (ޔޫއްޕެ) ފުރުޞަތު ދެއްވުމަކީ އަޅުގަނޑަށް ލިބުނު އިތުރު ހިތްވަރެއް. #ނޭދެންވަކިވާކަށް #އިމްޝާޑްރާމާ #ނޯޓީ40 #40ޕްލަސް އަށްފަހު އަލަށް އުފައްދާ ޑްރާމާ ސީރީޒް “ގެއްލުނު ފުރާނަ” ލީޑްރޯލް ކުޅެން ލިބުމަކީ ދާއިރާއިން ކުރިއަށްދާން ލިބުނު އިތުރު މަގެއް. އިރާދަކުރެއްވިއްޔާ ބެލުންތެރިން ބޭނުންވާފަދަ ރަނގަޅު ޕާރފޮމަންސެއް ކޮންމެ ކެރެކްޓަރ އެއްގައި ދައްކައިދެވޭތޯ މަސައްކަތް ކުރާނަން. ހިތްވަރަކީ ބެލުންތެރިން ތި ދެއްވާ ތަރުހީބު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގަ ފިލްމުތަކުން، ލަވަތަކުން އަދި ޑްރާމާއިން ވެސް ފެނިގެންދާނެ. ރަމަޟާންމަހު ވީޑީޓީ އިން ގެނެސްދޭ ޑްރާމާ ޝޫޓިން ތެރެއިން. 👇 ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް އަށް މިފުރުޞަތުގަ ޝުކުރު އަދާކޮށްލަން. ތެންކިޔު ޝަފީޤް ދޮންބެ.”

ފޭސްބްކްގައި އައްޔަ ޖަހާފައިވާ ސްޓެޓަސް މެސެޖް

ޢަލީ އާޒިމް (ދޮން އައްޔަ) އަކީ މި ފަހަކަށް އައިސް ދިވެހި ސިނަމާގައި ރަސްކަން ކުރަމުން އަންނަ ޒުވާން، އުއްމީދީ ހުނަރުވެރި ފަންނާނެކެވެ. މި ޑްރާމާގައި އެރޫ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.

އައްޔަގެ ސްޓެޓަސް އަށް ގިނަބަޔަކު ވަނީ މަރުޙަބާ ކިޔައި ހިތްވަރު ދީފައެވެ. މުނިއަވަސް އިންވެސް އައްޔަގެ ދެމަފިރިންނަށް މި ދާއިރާގައި ފަހި ކާމިޔަބު ދުވަސްތަކެއް ލިބުމަށް އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.