މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް ޖޫން 23 ގައި އައްޑޫ ސިޓީގައި ފަށައިފިއެވެ. މި ސާރވޭއަށް ތިންމަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ . އަދި މި ސާރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ވަނީ ނިންމާވާފައެވެ.

މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ ޓީމުން އައްޑޫ ސިޓީގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު، މި ސަރވޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރާއްޖޭގައި ހުރި އާސާރީ އެންމެ ބޮޑު އެއް ސަރަހައްދު ކަމުގައިވާ އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ.

އައްޑޫ ސިޓީ ކޯގަންނުގައި އާސާރީ ތަރިކައިގެ ތިންބައެއް ހިމެނެއެވެ. އެއީ ކޯގަންނު ގަބުރުސްތާނާއި މެދު ޒިޔާރަތުގެ އިތުރުން ކޯގަންނު މިސްކިތެވެ. ކޯގަންނު ގަބުރުސްތާނުގެ ތެރޭގައި ވަރަށް ގިނަދުވަސްވީ ހަތަރު މިސްކިތް ކަމަށްވާ އަތަރާ މިސްކިތާއި، ބޯދާ މިސްކިތާއި ފަނޑިޔާރު މިސްކިތުގެ އިތުރުން ކޯގަންނު މިސްކިތް އެބަހުއްޓެވެ. ގަބުރުސްތާނުގެ ބިމުގެ ބޮޑުމިނުގައި 105000 އަކަފޫޓު ހުންނައިރު މި ގަބުރުސްތާނުގެ ވަށާފާރު ރާނާފައިވަނީ 2003 ވަނަ އަހަރުގައެވެ.

އިހުޒަމާނުގެ ބުޑިސްޓް ދީނުގެ މޮނާސްޓްރީ އެކުވެންޏަކާ ވައްތަރަށް އޮތް ކޯގަންނުގެ ގަބުރުސްތާނަކީ ވަރަށް ބޮޑު ގަބުރުސްތާނެކެވެ. ކޯގަންނު ތެރޭގައި ހުންނަ މެދު ޒިޔާރަތުގެ ތެރޭގައި ވަރަށް ގިނަދުވަސްވީ މަހާނަ ގައުތައް އެބަހުއްޓެވެ. މިގައުތަކުގެ ތެރޭގައި ޙާފިޡުންގެ މަހާނަގައު ކަމަށް ބެލެވޭ މަހާނަގައުވެސް އެބަހުއްޓެވެ.

މި ސާރވޭއަކީ ރާއްޖޭގައި ހުރި ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އާސާރީ މާއްދީ ތަރިކަތައް ކިތާބުކޮށް، އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ‘އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް’ އެއް އެކުލަވާލުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.