2016 ވަނަ އަހަރު އުފެއްދި ދިވެހި ރޮކް އަދި މެޓަލް މިއުޒިކް ބޭންޑް ‘ގްރެވިޓީ’ގެ ފުރަތަމަ ލަވަ އަލްބަމް “ފަހުލަވާނުން” ބައިސްކޯފާ ގުޅިގެން ލޯންޗުކޮށްފިއެވެ.
ގްރެވިޓީގެ “ފަހުލަވާނުން” އަލްބަމް ލޯންޗްކުރުމުގެ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިއުޒިކީ ފަންނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އޮގަރު އިބްރާހިމް ވަހީދު އެވެ.
ލޯންޗުކުރީ މާގިރި ހޮޓެލްގައި ގްރެވިޓީ ބޭންޑުގެ ހުރިހާ އާޓިސްޓުންނާއެކު ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ގްރެވިޓީގެ “ފަހުލަވާނުން” އަލްބަމްގެ ލަވަތަކުގެ ޅެންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ހުރީ އަދުގެ ޒުވާނުންނަށް މުޖުމަތައުގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ. ރޭގެ ރަސްމިއްޔާތުގައި ގްރެވިޓީ ބޭންޑުގެ ބައެއް ލަވަތައް ދައްކާލާފައި ވެއެވެ.
ރޭގެ ރަސްމިއްޔާތުގައި މިއުޒިކީ ފަންނުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އެހެން ބައެއް އާޓިސްޓުން ވެސް ބައިވެރިވި އެވެ.
ގްރެވިޓީ ބޭންޑްގެ މެންބަރުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ރޮކްސްޓާ މުހައްމަދު މުއައްޒިން އަކީ ލީޑް ވޯކަލިސްޓެވެ. ޖެސީ އަކީ ބޭސް ގިޓަރިސްޓެވެ. ސިނޫ އަކީ ޑްރަމަރެވެ. ޒާހިލް އަދި ޝަހީދު ލިގެސީ އަކީ ގިޓަރިސްޓުންނެވެ. ކީސްގައި ހަރަކާތްތެރިވަނީ ޒާހިލް އެވެ.
