ދިވެހި ޑްރާމާ ސިލްސިލާތަކުގެ މަތިން ހަނދާން ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟ ހަނދާން ހުރީ ކޮން ޑްރާމާ ސިލްސިލާތަކެއްގެ މަތިން ހެއްޔެވެ؟ ޑްރާމާ ފެށުމުގެ ކުރިން އަންނަ ލަވަ އަމިއްލައަށް ކިޔައިލެވޭ ހެއްޔެވެ؟ ލަވައިގެ ރާގުވެސް ހަނދާން އެބަހުރި ނޫން ހެއްޔެވެ؟ ޑްރާމާތަކުގެ ބައެއް މަންޒަރުތަކާއި ޑައިލޮގުތައްވެސް ހަނދާން އެބަހުރި ދޯއެވެ.

މިހާރު ޑްރާމާ ސިލްސިލާތައް ފެންނަލެއް އަތުން ގުނާލެވޭހާ މަދު ނަމަވެސް ދިވެހީންގެ މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ދިވެހި ޑްރާމާ ސިލްސިލާތައްވީ ރަންޒަމާނެއް ފާއިތުވެ ގޮސްފިއެވެ. ދިވެހީންގެ ތެރޭގައި އިންތިހާއަށް މަޤުބޫލުވީ އެތައް ޑްރާމާ ސިލްސިލާތަކެއް އެބަހުއްޓެވެ. އެފަދަ ޑްރާމާ ސިލްސިލާތަކެއްގެ ހަނދާން އާކޮށްލަމާ ހެއްޔެވެ؟ ތިރީގައި އެވަނީ ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަޤުބޫލުވީ 10 ޑްރާމާ ސިލްސިލާއެވެ. މި 10 ސިލްސިލާގެ އިތުރުންވެސް ހަމަ މިހާ މަޤުބޫލުވީ ސިލްސިލާތަކެއް ހުރިކަން ފާހަގަކުރަމެވެ.

* ޑްރާމާތައް ލިސްޓުކޮށްފައި އެވަނީ ވަކި ތަރުތީބަކުން ނޫނެވެ.

1. ކައްތިރި (1997-1999)

ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއިއެކު 1997 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދޭން ފެށި މި ޑްރާމާ ސިލްސިލާއަކީ ދިވެހީންގެ މެދުގައި އަދިވެސް އެންމެ މަޤުބޫލު އެއް ސިލްސިލާއެވެ. ބޮޑު ޢާއިލާއެއް، އެއް ގެއެއްގެ ތެރޭގައި އުޅެން ޖެހުމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތަކާއި އެ މައްސަލަތަކުގެ ޙައްލު ގުޅުވައިދިނީ ދިވެހީންގެ ދިރިއުޅުމާއެވެ. ޢާއިލީ ގުޅުމާއި ލޯބީގެ ރީތި މިސާލުތަކާއި މުޖުތަމަޢުގައި ހުރި ނޭދެވޭ އެތައް މައްސަލަތަކެއް ދައްކުވައިދިން 78 އެޕިސޯޑްގެ މި ސިލްސިލާ ޑައިރެކްޓްކޮށްފައިވަނީ ޓީވީއެމްގައި ގިނަ އަހަރުތަކެއް ހޭދަކޮށް ގިނަ ސިލްސިލާ ޑްރާމާތަކެއް ގެނެސްދީފައިވާ މަރިޔަމް ޝައުޤީއެވެ.

ގިނަ އަދަދެއްގެ ފިލްމީ ތަރިން ހިމެނޭ މި ސިލްސިލާގައި ޢާރިފާ އިބްރާހީމް، ޝާކިރުބެ، ޢަލީ ޝަމީލް، އާމިނަތު ރަޝީދާ، ޙަސަން ޢަފީފް (ޖަންބު)، ނީނާ ސަލީމް، އިސްމާޢީލް ވަޖީހް، ޢައިޝަތު ޝިރާނީ، ރީކޯ މޫސާމަނިކު، ނިޢުމާ މުޙައްމަދު، އަޙްމަދު ގިޔާސް، މަރިޔަމް ރިޒްލާ، ޒީނަތު އައްބާސް، ސިއްތިފުޅު އަދި ކުޑަކުއްޖެއްގެ ރޯލުން މަރިޔަމް ޝެލީ ހަރަކާތްތެރިވިއެވެ. އަދިވެސް އިތުރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވިއެވެ.

2. ތިޔޭ މިހިތުގެ ވިންދަކީ (2003-2004)

2003 ވަނަ އަހަރު ޓީވީއެމް އިން ދައްކަންފެށި 52 އެޕިސޯޑްގެ މި ޑްރާމާ ސިލްސިލާއަކީ ޢަބްދުލް ފައްތާޙް (އާފް)ގެ ޑައިރެކްޝަނެކެވެ. މަނިކުގެ ފޯނު ކޯލަކަށްޓަކައި ޝީލާ އެތައް ގަޑިއިރެއް ވަންދެން ފޯނު ބޫތެއްގެ ކައިރީގައި އިންތިޒާރުކުރި ހަނދާންވޭ ނޫން ހެއްޔެވެ؟ އަދި މަނިކު އަށް “ޓާޓާ” ކިޔަމުން ޝީލާ އަތިރިމަތީގައި އެއްކޮޅުން އަނެއްކޮޅަށް ދުވިކަންވެސް ހަނދާން އެބަހުރި ނޫން ހެއްޔެވެ؟ މިފަދަ އެތައް މަންޒަރުތަކަކުން މި ޑްރާމާ ސިލްސިލާ ފުރިހަމަކޮށްދިނެވެ.

މުޙައްމަދު މަނިކުއާއި ޝީލާ ނަޖީބު އަދި ޒީނަތު އައްބާސް މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ސިލްސިލާގައި އާމިނަތު ރަޝީދާ، މަރިޔަމް ޝަކީލާ، މަރިޔަމް ޙަލީމް، އަޙްމަދު ސައީދު، ޙަސަން ޢަފީފް (ޖަންބު)، ނީނާ ސަލީމް، ނިޢުމާ މުޙައްމަދު، ޢާރިފާ އިބްރާހީމް، ޗިޅިޔާ މޫސާމަނިކު އަދި ހާޖަރާ ޢަބްދުލްކަރީމް މުހިންމު ބައިތަކެއްގައި ހަރަކާތްތެރިވިއެވެ. މިއީ ދިވެހި ފިލްމީ ދާއިރާގެ ލެޖެންޑްރީ އެކްޓްރެސް ހާޖަރާ ޢަބްދުލްކަރީމްގެ އެންމެ ފަހު ފެނިލުންވެސްމެއެވެ.

މި ސިލްސިލާގައި ޝީލާ ރޯލާ ކޮންމެ ފަހަރަކު ޓީވީ ބަލަން ތިބި އެންމެން ކަހަލަ ގޮތަކަށް ރުއިކަން ގައިމެވެ. އަދި ޒީނަތު ކުޅެފައިވާ މަކަރުވެރި އަނތްބެއްގެ ރޯލުން ބެލުންތެރިން އޭނާދެކެ އިންތިހާއަށް ރުޅިއައިކަންވެސް ގައިމެވެ. ސިލްސިލާގެ ތީމް ލަވައަކީ ވަރަށް މަޤުބޫލުވި ލަވައެކެވެ. އަދި މި ސިލްސިލާގައި ހިމެނުނު “ނިންދެވީތީ މޭމަތީ” ލަވަ ވަކިން މަޤުބޫލުވިއެވެ.

3. ވައިރޯޅިއަށްވެސް ސިއްރުން (2005-2006)

ފިލްމީ ދާއިރާގެ މަންމަގެ ލަޤަބު ދީފައިވާ ޢާރިފާ އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 52 އެޕިސޯޑްގެ “ވައިރޯޅިއަށްވެސް ސިއްރުން”އަކީ ދިވެހީން އަބަދުވެސް ހަނދާން ހުންނާނެ ޑްރާމާ ސިލްސިލާއެކެވެ.

އަޙްމަދު އާސިމްއާއި ނިޢުމާ މުޙައްމަދުގެ އިތުރުން ލުފްޝާން ޝަކީބް (ލޫއްޕެ) މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ސިލްސިލާގައި ޚަދީޖާ އިބްރާހީމް ދީދީ (ކުޑަ ހައްޖަ)، އަޙްމަދު އަޒްމީލް (އަޒޭ)، އާމިނަތު ރަޝީދާ، ޢަލީ ޝަމީލް އަދި މަރިޔަމް ޝަކީލާ މުހިންމު ރޯލުތަކަކުން ފެނިފައިވެއެވެ. ލޯތްބާއި އެކުވެރިކަން، ދެކޮޅުވެރިކަމާއި ނަފުރަތަށް ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ ޝަރީފާ ފަޚްރީއެވެ.

https://www.youtube.com/watch?v=hAgaAahudhU

މި ސިލްސިލާގެ ތީމް ލަވައަކީ އަދިވެސް ވަރަށް މަޤުބޫލު ލަވައެކެވެ. އަންހެން އަދި ފިރިހެން ވާޝަންއެއް ހިމެނޭ މި ތީމް ލަވައިގެ ޅެން ހަދައިދީފައިވަނީ އަޙްމަދު ނާޝިދު (ދަރަވަންދޫ)އެވެ. ލަވަ ކިޔާފައިވަނީ މޫނިސާ ޚަލީލްއާއި މުޙައްމަދު ޝަހުބާންއެވެ.

4. ހިނިތުންވެލާށޭ ކަލާ (2006-2007)

2006 ވަނަ އަހަރު ގެނެސްދޭން ފެށި މި ޑްރާމާ ސިލްސިލާއަކީ ދިވެހީންގެ ތެރޭގައި އެންމެ މަޤުބޫލުވި އެއް ސިލްސިލާއެވެ.

މުޙައްމަދު މަނިކުއާއި މަރިޔަމް އަފީފާގެ އިތުރުން ޚަދީޖާ އިބްރާހީމް ދީދީ (ކުޑަ ހައްޖަ) މައިގަނޑު ރޯލުތަކުން ފެނުނުއިރު އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު ސައީދު، ނީނާ ސަލީމް، ފައުޒިއްޔާ ޙަސަން، ކޮއްޔަ ޙަސަންމަނިކު، އަޙްމަދު ނިމާލް، ޢަލީ ވަޙީދު އަދި ޢައިޝަތު ސިޔާދާ މުހިންމު ރޯލުތަކެއް ކުޅުނެވެ. ކުޑަ ރޯލަކުން ނަމަވެސް މަރިޔަމް ނިޝާވެސް މުހިންމު ބައެއް އަދާކުރިއެވެ. ހުނަރުވެރި އެކްޓްރެސް އަފީފާ ފިލްމީ ދާއިރާގައި ވިދާލީ ޙަޤީޤަތުގައި މި ޑްރާމާ ސިލްސިލާއިންނެވެ. ޑްރާމާގައި އަފީފާ ލައި އުޅުނު ބޮޑު ހަރުވާޅު ހެދުން އެދުވަސްވަރު ނިކަން މަޝްހޫރުވިއެވެ. އަފީފާއާއި ހައްޖަ ރޯލާ ކޮންމެ ފަހަރަކު ޑްރާމާ ބެލި ގިނަ މީހުން ރުއިކަން ޔަޤީނެވެ.

ނިމާލް އައިސް ހައްޖަގެ ދަރިފުޅު އަތުލައިގެންދާ މަންޒަރު ފަދަ އަސަރުގަދަ އެތައް މަންޒަރުތަކެއް ހިމެނުނު 52 އެޕިސޯޑްގެ މި ޑްރާމާ ސިލްސިލާއަކީ މަހްދީ އަޙްމަދު ލިޔެ ޢަބްދުލް ފައްތާޙް (އާފް) ޑައިރެކްޓްކުރި ސިލްސިލާއެކެވެ.

އަމިއްލަ ރާގަކަށް މުޚްތާރު އާދަމް ކިޔައިދީފައިވާ މި ޑްރާމާގެ ތީމް ލަވަ “ހިނިތުންވެލާށޭ” ކަލާއަކީ ދިވެހީންގެ ތެރޭގައި އަދިވެސް ވަރަށް މަޤުބޫލު ލަވައެކެވެ. މާނަ ފުން މި ލަވައިގެ ޅެން ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)އެވެ.

5. ކަލާގެ ޙައްޤުގައި… (2005)

2005 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން 13 އެޕިސޯޑްގެ މި ޑްރާމާ ސިލްސިލާއަކީ ފާޠިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ އަސަރުން ފުރިގެންވާ ސިލްސިލާއެކެވެ.

ނިޢުމާ މުޙައްމަދާއި ހަތަރު އުދަރެސްގެ ނަމުން މަޝްހޫރުވި މަރުޙޫމް ޢަލީ އަޙްމަދުގެ އިތުރުން ޝީލާ ނަޖީބް މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ސިލްސިލާގައި ޢަލީ ޝަމީލް، އާމިނަތު ރަޝީދާ، ނާޝިދާ މުޙައްމަދު (ނާއްކޮ)، އަޙްމަދު ސައީދު، ރޯނު ޙަސަންމަނިކު، ޢާރިފާ އިބްރާހީމް، ޗިޅިޔާ މޫސާމަނިކު އަދި ޢަލީ ސީޒަން މުހިންމު ރޯލުތަކެއް އަދާކުރިއެވެ. ސިލްސިލާ ފެށިއިރު ނުޒޫގެ ރޯލުން ޖަމްޝީދާ އަޙްމަދު ފެނުނު ނަމަވެސް ޑްރާމާގެ 7 ވަނަ އެޕިސޯޑުން ފެށިގެން ސިލްސިލާގެ ބާކީ ބައި ފުރިހަމަކުރީ ޝީލާ ހިމަނައިގެންނެވެ. ނިޢުމާގެ އަސަރުގަދަ ގިސްލުންތަކާއި އަސަރުގަދަ ޑައިލޮގުތަކުން ޑްރާމާ ބެލި ގިނަ ބަޔަކު ރޮއްވިކަން ޔަޤީނެވެ.

ޑްރާމާގައި ތިން ލަވައެއް ހިމެނުނުއިރު އޭގެ ތެރެއިން “ވޭނާ އުދާހާ ވާމީ ޙަޔާތޭ” މިލަވައިގެ ޑުއެޓް ވާޝަންއަކީ ގިނަ ދިވެހީންގެ ތެރޭގައި އަދިވެސް އެންމެ މަޤުބޫލު ލަވަތަކުގެ ލިސްޓުގައި ހިމެނޭ ލަވައެކެވެ. އާދަމް ޙަލީމް އަދުނާނުގެ ޅެމަކަށް ލަވަ ކިޔައިދީފައިވަނީ މުމްތާޒް މޫސާއާއި ފާޠިމަތު ރައޫފްއެވެ.

6. ރޭޝަމް (2000)

2000 ވަނަ އަހަރު ޢަބްދުލް ފައްތާޙް (އާފް) ޑައިރެކްޓްކޮށް ގެނެސްދިން 22 އެޕިސޯޑްގެ “ރޭޝަމް” އަކީ ހަމަ ގައިމުވެސް އޭނާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާއޭ ބުނުން ގޯހަކަށް ނުވާނެއެވެ.

މަރިޔަމް ނިޝާއާއި އަޙްމަދު މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ސިލްސިލާގައި މަރިޔަމް ނާޒިމާ، ޢަބްދުﷲ ފައިސަލް، އައްސަދު ޝަރީފް، ފައުޒިއްޔާ ޙަސަން، އާމިނަތު ރަޝީދާ އަދި ވަލީދާ ވަލީދު މުހިންމު ރޯލުތަކެއް ކުޅެފައިވެއެވެ. އަސަރުގަދަ، ރީތި ވާހަކައާއި މަރިޔަމް ނިޝާގެ މޮޅު އެކްޓިންގެ ސަބަބުން ޑްރާމާ އެހާ މަޤުބޫލުވީއިރު މި ޑްރާމާއަކީ މަރިޔަމް ނިޝާގެ ފިލްމީ ޙަޔާތުގައި އޭނާގެ ފަރާތުން ފެނުނު އެންމެ މޮޅު އެކްޓިންގ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

https://www.youtube.com/watch?v=bXL5Qy23VYs

އަމިއްލަ ރާގަކަށް އަޙްމަދު އާމިރުގެ އަޑުން ކިޔާފައިވާ ޑްރާމާގެ ތީމް ލަވަ “ރޭޝަމް” އަކީ އަދިވެސް ވަރަށް މަޤުބޫލު ލަވައެކެވެ. މި ލަވައިގެ ކަވަރ ލަވަތަކެއް އިވިގެން ދިޔަނަމަވެސް އަސްލު ލަވައާއި އެއްވަރަކަށް މަޤުބޫލެއް ނުވިއެވެ.

7. މާފްކުރާށޭ!! (1999)

1999 ވަނަ އަހަރު އާމިލާ އާދަމް ޑައިރެކްޓްކޮށް ގެނެސްދިން 10 އެޕިސޯޑްގެ “މާފްކުރާށޭ!!” އަކީވެސް ވަރަށް މަޤުބޫލުވި ޑްރާމާ ސިލްސިލާއެކެވެ.

މޫސާ ޒަކަރިއްޔާއާއި ނިޢުމާ މުޙައްމަދު މައިގަނޑު ރޯލުތައް ކުޅުނުއިރު އަޙްމަދު ސައީދު، މަރިޔަމް ނާޒިމާ، މަރިޔަމް ޙަލީމް، ފައުޒިއްޔާ ޙަސަން އަދި ކުޑަ ނަމަވެސް މުހިންމު ރޯލަކުން މަރިޔަމް ނިޝާވެސް ފެނިގެން ދިޔައެވެ. މޫސާ ޒަކަރިއްޔާ، ނިޢުމާ ވަރިކޮށްފައި ނުކުމެގެންދާ މަންޒަރަކީ ޑްރާމާ ބެލި އެތައް ބެލުންތެރިންނެއް ރޮއްވާލި އަސަރުގަދަ މަންޒަރެކެވެ. އަސަރުގަދަ، ރީތި ވާހަކައާއި ނިޢުމާގެ ފުރިހަމަ އެކްޓިންގ ގިނަ ބެލުންތެރިން ފާހަގަކުރިއެވެ.

https://www.youtube.com/watch?v=wHUz-nEZ2ek

ޑްރާމާގައި ހިމެނުނު ދެ ލަވަވެސް ވަރަށް މަޤުބޫލުވިއެވެ. އޭގެ ތެރެއިންވެސް ޢަލީ ރަމީޒް ފަޒީލާއާއެކު ކިޔާފައިވާ “ޖާދޫގަރު ދޭތީ އަނިޔާ” ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވެއެވެ.

8. ދޯޕައްޓާ (2000)

2000 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން 10 އެޕިސޯޑްގެ “ދޯޕައްޓާ” އަކީވެސް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާއެކެވެ.

މުޙައްމަދު ޝާވިންއާއި ޖަމްޝީދާ އަޙްމަދުގެ އިތުރުން ނިޢުމާ މުޙައްމަދު މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ޑްރާމާ ސިލްސިލާގައި ޝީލާ ނަޖީބު، ނީނާ ސަލީމް، ޢާރިފާ އިބްރާހީމް، މަރިޔަމް ޝަކީލާ، މުޙައްމަދު އިބްރާހީމް (އެމް.އައި)، އާމިނަތު ރަޝީދާ، ހާޖަރާ ޢަބްދުލްކަރީމް އަދި މުޙައްމަދު ޔޫސުފް މުހިންމު ރޯލުތަކެއް އަދާކުރިއެވެ. ކޮއްޔަ ޙަސަންމަނިކާއި ފައުޒިއްޔާ ޙަސަން އަދި އަޝްރަފް ނުއުމާން ޚާއްސަ ފެނިލުމެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ.

https://www.youtube.com/watch?v=FvkppMuWktc

ޑްރާމާގައި ބޭނުންކޮށްފައިވާ ހެދުންތަކާއި މޭކަޕް އަދި ހިމަނާފައިވާ ލަވަތަކުގެ ރީތިކަމަށް ހުރިހާ ބެލުންތެރީން އިއްތިފާޤުވިއެވެ.

ޑްރާމާއިން އެންމެ އަޅައިގަތް ތަންކޮޅަކަށް ވާނީ ހަމަ ގައިމުވެސް މި ޑްރާމާގައި ބޭނުންކޮށްފައިވާ ލުއި މިއުޒިކުކޮޅެވެ. ހިންދީ ފިލްމު “ދިލް ސޭ..”ގެ މިއުޒިކުކޮޅަކަށް ވިޔަސްވެހެވެ.

9. ޢައިޝާ (1998-1999)

އިސްމާޢީލް ޙިލްމީއާއި ޖަމްޝީދާ އަޙްމަދާއެކު 1998 ވަނަ އަހަރު ޢަބްދުލް ފައްތާޙް (އާފް) ގެނެސްދޭން ފެށި 52 އެޕިސޯޑްގެ “ޢައިޝާ”އަކީ އަދިވެސް ދިވެހީން އެ ޑްރާމާއެއްގެ މަތިން ހަނދާންކުރާ ޑްރާމާ ސިލްސިލާއެކެވެ.

އިސްމާޢީލް ޙިލްމީއާއި ޖަމްޝީދާގެ އިތުރުން ނިޢުމާ މުޙައްމަދު، އައްސަދު ޝަރީފް، ވަލީދާ ވަލީދު، ޢަލީ ޝަމީލް، ޢާރިފާ އިބްރާހީމް، މަރިޔަމް ޙަލީމް، އަޙްމަދު ސައީދު، ޚަދީޖާ މުޙައްމަދު، އަޙްމަދު، އަދުނާން ޢަބްދުއްރަޙީމް، މަރިޔަމް ރިޒްލާ، އަދި ކުޑަކުއްޖެއްގެ ރޯލުން މަރިޔަމް ޝެލީ ހަރަކާތްތެރިވިއެވެ. ކިތަންމެ ކުޑަކުޑަ ރޯލަކުން މަރިޔަމް ނިޝާ ވެސް ފެނިގެންދިޔައެވެ.

https://www.youtube.com/watch?v=0YwicgGGmeg

ޑްރާމާ ސިލްސިލާގައި ހިމެނުނު ދެ ލަވަވެސް ވަރަށް ހިތްގައިމެވެ. މަޤުބޫލެވެ. ނަމަވެސް ތީމް ލަވަ “ލޯބި ޢައިޝާ”ގެ މަޤުބޫލުކަމުގެ ވާހަކަ ނުދައްކައިފިނަމަ އިންސާފަކަށް ނުވާނެއެވެ. ޖަޢުފަރު ޢަބްދުއްރަޙުމާންގެ ޅެމަކަށް ޢަބްދުއްސަމީޢު މިލަވަ ކިޔައިދީފައިވަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. ލަވައިގެ ރާގަކީ މަޝްހޫރު އިނގިރޭސި ލަވަ “ލޭޑީ އިން ރެޑް” ކަން ފާހަގަކޮށްލަމެވެ.

10. އުއްމީދު (1997)

1997 ވަނަ އަހަރު ފާޠިމަތު ނަހުލާ ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން “އުއްމީދު” އަކީވެސް ވަރަށް މަޤުބޫލުވި ޑްރާމާ ސިލްސިލާއެކެވެ.

ޙުސައިން ޞަބާޙްއާއި މަރިޔަމް ނިޝާ އަދި ޢަލީ ޝަމީލް މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ޑްރާމާ ސިލްސިލާގައި ދައްކުވައިދެނީ މަޖުބޫރުން ކުރުވާ ކައިވެންޏެއްގެ ސަބަބުން ޒުވާން އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތެވެ. ޑްރާމާ އެހާ މަޤުބޫލުވީ ވާހަކައިގެ އަސަރު ގަދަވެފައި މަރިޔަމް ނިޝާގެ ފުރިހަމަ އެކްޓިންއޭ ބުނުން ގޯހަކަށް ނުވާނެއެވެ. މަރިޔަމް ނިޝާގެ ކޮންމެ ރުއިމަކާއެކު ބެލުންތެރިން ކަރުނައެޅިކަން ގައިމެވެ. އަދި ޝަމީލް ކުޅެފައިވާ އަނިޔާވެރި ފިރިއެއްގެ ރޯލުގެ ސަބަބުން ޑްރާމާ ބަލަމުން ދިޔައިރު އޭނާދެކެ ބެލުންތެރީން ރުޅިއައިކަންވެސް ޔަޤީނެވެ.

https://www.youtube.com/watch?v=dFWTsAszamI

ޑްރާމާގައި ތިން ލަވައެއް ހިމެނިފައިވާއިރު ޙުސައިން ޞަބާޙް ކިޔައިދީފައިވާ “ލެވޭތީ މިނޭވާ ނުރުހިގެން ދަނީހޭ” މި ލަވައަކީ އަދިވެސް ވަރަށް މަޤުބޫލު ލަވައެކެވެ.

ވަރަށް މަޤުބޫލުވި ޑްރާމާ ސިލްސިލާތަކެއްގެ މަތިން ހަނދާންވެއްޖެ ދޯއެވެ. އަދިވެސް މިފަދަ ރީތި ޑްރާމާ ސިލްސިލާތަކަކަށް އެދިއެދި ތިބި އެތައް ދިވެހީންނެއް އެބަތިއްބެވެ. ޚާއްސަކޮށް އަތޮޅުތެރޭގައެވެ. މިއީ ޒަމާނުއްސުރެ އެމީހުންގެ މުނިފޫހިފިލުވުމުގެ ބައިވެރިޔާއެވެ. ތިޔަ ކިޔުންތެރީންގެ ތެރޭގައިވެސް މި ޑްރާމާ ސިލްސިލާތައް ބަލާފައި ތިބި ކިޔުންތެރީން ތިބޭނެއެވެ. އަޅެ ބުނެބަލާށެވެ. ތިޔަ ކިޔުންތެރީންގެ މެދުގައި އެންމެ މަޤުބޫލު ދިވެހި ޑްރާމާ ސިލްސިލާއަކީ ކޮބައި ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.