އޭޝިއާގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ދިވެހިރާއްޖޭގައި ކޭމްޕްކޮށްގެން ތިބި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ޓީމު ރާއްޖޭގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ކ. ގުރައިދޫގައި ކޭމްޕްކޮށްގެން ތިބި ފަލަސްތީނުގެ ޓީމުން މި ކޭމްޕްގައި ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއިއެކު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ދެވަނަ މެޗު ރޭ ވަނީ ކުޅެފަ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ވަނީ ދައްކައިފަ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 5-0 އިން ފަލަސްތީނު ކާމިޔާބުކުރި ނަމަވެސް، ރޭގެ މެޗުގައި އެ ޓީމަށް ދިވެހިރާއްޖެ ކޮޅަށް ޖެހުނީ 3 ލަނޑެވެ.
ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ޖެހި ފަސް ލަނޑާއިއެކު އެ މެޗު ނިންމާލަން ޖެހުނުއިރު އެ މެޗުގެ ވެސް ފަހު ހާފުގައި ދިވެހިރާއްޖޭ ޓީމުން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފަ އެވެ. ފަލަސްތީނުގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ވެސް ހޯދައިފަ އެވެ.
ރޭގެ މެޗުގައި ވެސް ފަލަސްތީނު ޓީމުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ހަވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ޔަޒާން އަނާން ހަލީފާ އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ، ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހިރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، ފަލަސްތީނުން ވަނީ އިތުރު ފުރުސަތުތަކެއް ފަހިކޮށްފަ އެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. މި ލަނޑަކީ އެ ޓީމުގެ އަބްދުއްރަހްމާން ވަލީދު ނަގައިދިން ކޯނަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިވެހިރާއްޖޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ދިވެހިރާއްޖެއިން ދެއްކިއިރު، އެ ޓީމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިވެހިރާއްޖޭގެ ކީޕަރު ދިފާއުކޮށްފައިވެއެވެ. ފަލަސްތީނުން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ކަރީމް ޔޫސުފް ޖަހައިދިން ލަނޑުން ނެވެ. ކަރީމް ޖެހި މި ލަނޑަކީ އެ ޓީމުގެ ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
