ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ސައްބީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ކޮޓަރިއަށް ވަދެ ހަމަޖެހިލަމުން ނިފާރުގެ ނަންބަރަށް ހައިފާ ގުޅާލި އެވެ.

“ތިޔަ ނަންބަރު މި ވަގުތު ވަނީ ނިވާލާފަ ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގަ. ޝުކުރިއްޔާ!” އިވުނު ޖަވާބުން ލިބުނު މާޔޫސްކަމާއިއެކު ހައިފާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ލިބުނު ކުޑަކުޑަ އުންމީދު ވެސް ފަނޑުވެގެން ދިޔަ ކަހަލަ އެވެ.

ނިފާރާއި ވާހަކަ ދައްކަން ކިތަންމެ ބޭނުން ނަމަވެސް ވަގުތާއި ހާލަތަށް ބަލާއިރު މިވަގުތަށް އެންމެ ރަނގަޅުވާނީ އެކަމާއި ނޫޅުމެވެ. އެހެން ކަމަކާއިގެން އުޅެން ފަށައިފިނަމަ ނިފާރަށް އުނދަގޫވެދާނެ އެވެ. އޭނާއާއިމެދު ނިފާރުގެ ހިތުގައި އެހެން ވިސްނުމެއް އުފެދިދާނެ އެވެ. މަސައްކަތުގެ މިސްރާބު ބަދަލުވެދާނެ އެވެ.

ހިތުގެ ކެކުޅުންތަކުގައި އަތް އަޅަމުން ހައިފާ މަސައްކަތްކުރީ ނިދާލެވޭތޯ އެވެ. ދެން ވެސް އޭނާއާ ނިފާރަށް ބައްދަލުވެވޭނެ އެންމެ އަވަސް މަގަކީ މާދަމާ އެވެ. ވަގުތާއި ހާލަތަށް ބަލާއިރު ދުވަސް ކުރުކޮށްލުމަށް އޭނާއަށް މިވަގުތު ކުރެވޭނެ އެންމެ ރަނގަޅު އަދި އެންމެ ބޭނުންތެރި ގޮތަކަށް ވާނީ އެގޮތެވެ.

ކުއްލިއަކަށް ނިފާރު ކޯޓަށް ވެއްދި މައްސަލައާއިއެކު އެތައް ބައެއްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ދަރިއަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ފާއިދާއި އޭނާއަށް އެހީވިކަމަށް ޝައްކު ކުރެވޭ ޖިހާދުގެ ހުރި ނުބައިކަމުގެ ވާހަކަ އިސާހިތަކު ނޫސްތަކުން ޖާގަ ހޯދި އެވެ. އެންމެ މައްސަލައެއް ނޫނެވެ. މީހެއްގެ މުދާތަކެއް ފޭރިގަނެ ދެމީހުންގެ ނަމަށް ބަދަލުކުރި މައްސަލައިގެ އިތުރުން ވަކީލުންތަކެއްގެ ސޮއި ވަގަށް ނަގައި އެއިން ނާޖާއިޒް ފައިދާ ހޯދި މައްސަލަ އެވެ. ދައުލަތުގެ ރަސްމީ ލިޔުންތަކެއް ބަދަލުކުރުމަށް ރިޝްވަތުދިން މައްސަލަ އެވެ. އެކަމުގައި އެހީތެރިވި މީހުންގެ ޚިޔާނާތުގެ މައްސަލައެވެ. މަގާމްގެ އާރާއި ބާރާއި ނާޖާއިޒް ފައިދާ ހޯދި މައްސަލަ އެވެ.

ތެޅެމުން ތެޅެމުން ކަހަލަ ގޮތަކަށް އައިސް ގެއަށް ވަތް ނާއިމް ހުރީ މާޔޫސްވެ ކަރު އެލިފަ އެވެ. ދެލޮލުން ކަރުނަ ހިލިފައިވާއިރު މީހާގެ ގައިގައި މާބޮޑު ހަކަތައެއް ނެތެވެ. ވަދެގެން އައިގޮތަށް އައިސް ސޯފާތެރެއަށް ވެއްޓިގަތްއިރު ޖެހިގެން ހުރި ސޯފާގައި އޭނާގެ މަންމަ ރާނިޔާ އާއި ކޮއްކޮ ޔަޒީދާ ތިއްބެވެ. ހައިރާންކަމާއިއެކު ނާއިމަށް ބަލާލި ޔަޒީދާއަށް ބަލާލަމުން ނާއިމް ވާހަކަ ދައްކަން ފެށި އެވެ.

“މިހުރިހާ ކަމެއް މިހެންވީ ޔަޒީދާގެ ސަބަބުން. އެކަމު.. ޔަޒީދާ ވެސް ތި އިންނަނީ އަތް އުރާލައިގެން ގޭގަ. ކަންކަން މިހާރު ގޮސްފައިވާ ހިސާބު ވެސް ބަލާލާކަށް މަންމައާ ކޮއްކޮއެއް ނޫޅޭ. އެންމެ ކުޑަމިނުން އެރޭ ވީގޮތް ވެސް ޔަޒީދާއަކަށް ބުނެއެއް ނުދެވުނު. ފުލުފުލުގަ މައްސަލަތައް. ބައްޕަ ހައްޔަރުކޮށްފި. ބަފައިބެ ހައްޔަރުކޮށްފި. އަންހެނުން ގެއިން ނުކުމެއްޖެ. މަ ވަރުބަލިވެއްޖެ. މިވަރުގެ ކަމެއް ހިނގައިގެން އުޅޭއިރު މަންމަމެންގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟” ނާއިމް ހުއްޓާލީ ރާނިޔާއަށް ބަލާލަމުން ނެވެ.

މިވެސް ކިޔާލަން:  އެ އަޑު - އަށްވަނަ ބައި

“އާނ.” ރާނިޔާގެ ޖަވާބު އިވިފައި ނާއިމާއި ޔަޒީދާ ދިޔައީ ސިއްސައިގެން ނެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ނާއިމަށް ތެދުވެވުނެވެ. ދެ ދަރިން ތިބީ ސުވާލުތަކުން ފުރި ބަސް ހުއްޓިފަ އެވެ.

މަޑުމަޑުން ތެދުވެގެން އައިސް ނާއިމް ގާތު އިށީންނަމުން ރާނިޔާ ވާހަކަ ދައްކަން ފެށި އެވެ.

އިރާކޮޅު ވެހެންފެށި ވާރޭ މެންދަމާއި ގާތްވިއިރު ވެސް ހުއްޓައެއް ނުލަ އެވެ. ވެހެމުންދިޔަ ހިމަފޮދު ވާރެއިން ސަލާމަތްވާން އަސްކަނިތައް ދަށަށް ވަންނަމުން ތުއްތުތުއްތު ކުއްޖަކު ކޮނޑުމަތީގައި ބާއްވާލައިގެން ދެ އަހަރުގެ ކުއްޖަކު އަތުހިފައިގެން ގޯޅިއަކުން އައިސް މަޖީދީމަގަށް ނުކުތް އަންހެންމީހާ އާއި ދެކުދިން ތިބީ ތެމި ފޯވެފަ އެވެ. ނިންޖައިގެން ތާއްޔާ ޖެހިޖެހިހުރި ކުޑަކުޑަ ފިރިހެން ކުއްޖާއަށް ރަނގަޅަށް ނުވެސް ހިނގެ އެވެ.

ދަތުރަކަށް އެދޭ ފަދައަކުން އަތް އުފުލަމުންދިޔަ އެމީހުންނާއި ބައެއް ކާރު ގާތްކުރި އެވެ. ކޮންމެވެސް ވާހަކަތަކެއް ވެސް ދެއްކި އެވެ. އެއްވެސް ކާރަކަށް އެމީހުން ނާރުވަ އެވެ. ނުވަތަ ނާރަ އެވެ.

ހެންވޭރުން މާފަންނާއި ދިމާއަށް ދަތުރުކުރަމުން ދިޔަ އަމިއްލަ ކާރު ކުއްލިއަކަށް މަޑުކޮށްލަމުން ދުވާރާއި ގާތްކޮށްލީ އެތަނުގައި ތިބި ބަޔަކު ފެނުމުން ނެވެ. ތުއްތުތުއްތު ކުއްޖަކު އުނގަށް ލައިގެން ކުޑަ ފިރިހެން ކުއްޖަކު ގައިގައި ލައްކޮށްލައިގެން އިން މެދުއުމުރުގެ އަންހެން މީހާ އިނީ ނިދި ޖެހިފަ އެވެ. ދެކުދިން ވެސް ތިބީ އެފަދަ ހާލެއްގަ އެވެ.

ކާރު ދޮރު ހުޅުވައިލަމުން ކާރުން ފޭބި ޒުވާން ފުރައިގެ ފިރިހެންމީހާ އަވަސްއަވަހަށް އެމީހުންނާއި ކައިރިއަށް ޖެހިލަމުން ސަލާން ގޮވާލި އެވެ. މަޑުމަޑުން އަތުގައި ހިފަމުން ކުޑަ ފިރިހެން ކުއްޖާ ކޮޅަށް ނެގި އެވެ.

“މިއޮއް ދަންވަރު ކިހިނެއްވެފަ މިތާ ތި ތިބީ؟ ހިނގާ އަވަހަށް ގެއަށް ދާން. ތިހެން ތިބޭކަށް ނުވާނެ.” ފިރިހެންކުއްޖާ ގޮވައިގެން ކާރާއި ދިމާއަށް ހިނގައިގަތް އެ ޒުވާނާ މަސައްކަތް ކުރީ ކުޑަ ފިރިހެންކުއްޖާ ކާރަށް އަރުވާށެވެ.

“ވަންނާނެ ގެއެއް ތަނެއް ނެތް.” އަންހެންމީހާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ހިތާމަ އާއި ހިތްދަތިކަމުގެ ކުލަވަރު ކިތަންމެ ރަނގަޅަކަށް ވެސް އެ އަޑުން ފާޅުވި އެވެ.

“ތިކަމާ ވިސްނާނީ ފަހުން. ހިނގާ އިހަށް އަހަރެންނާއިއެކު.” ކާރަށް އަރަން އިޝާރަތްކޮށްލަމުން އޭނާ ބުނެލި އެވެ.

މިވެސް ކިޔާލަން:  ރިހި ރާޅުތައް – ޗެޕްޓަރ 4

“ޝީޓުތައް ތެމިދާނެ.” އޭނާގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ވާކަށް އޭނާ ނޭދެ އެވެ.

“ޝަކުވާ ކުރާނެ އިތުރު މީހަކު ނުހުންނާނެ. އެހެން ކަންކަމާ ވިސްނާނީ ފަހުން. އަވަހަށް އަރާ.” އޭނާ ބޭނުންވީ އެމީހުނަށް އެހީތެރިވާށެވެ. އެކަމުގެ ސަބަބުން ދިމާވެދާނެ ގެއްލުމަކަށް، ކުރިމަތިވެދާނެ އުނދަގުލަކަށް އޭނާ ނުވިސްނަ އެވެ.

ރިމޯޓް ކޮންޓްރޯލްގެ އެހީގައި ހުޅުވާލި ގޭޓުން ވަދެގެން އައި ކާރު މަޑުކޮށްލީ ދިހަ ފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. ގޯތިތެރެއިން މަގެއްގެ ޖާގަ ދޫކޮށްލުމަށްފަހު ދެން ހުރި ސަރަހައްދުގައި ވަނީ މާގަސް ހައްދާފަ އެވެ. ކުޑަވަރެއްގެ އުނދޯލިގެއެއް ފިޔަވައި އެހެން ތަނެއް އެ ބިންކޮޅުގައި ނެތެވެ. ނުހަނު ފަހުން އިމާރާތް ކޮށްފައިވާ އެ އިމާރާތުގެ ރީތިކަމާއި ފުރިހަމަކަން ބޭރުން ވެސް ފެންނަން ހުއްޓެވެ.

“އަހަރެންނަކީ މުހުތާރު. މިއީ އަހަރެންގެ ގެ. ހިނގާ އެތެރެއަށް.” ކާރުން ފައިބަމުން މުހުތާރު އަމިއްލައަށް ތަޢާރަފްވި އެވެ.

“ރާނިޔާ.” ތުއްތު ދަރިފުޅު ކޮނޑުމަތީގައި ހަމަޖައްސާލަމުން އެ އަންހެންމީހާ ނަން ބުނެލި އެވެ.

ރާނިޔާގެ ތިންމައިން ގޮވައިގެން ގޭތެރެއަށް ވަތް މުހުތާރު ފެނުމާއިއެކު، ސިޓިންރޫމު ސޯފާގައި އިން މެދުއުމުރުގެ އަންހެން މީހާ ފުންމައިގެން ތެދުވި އެވެ. މުހުތާރަށް ހިނިތުންވެލަމުން އަވަސްއަވަހަށް އައިސް ރާނިޔާގެ އަތުން ތުއްތު ދަރިފުޅު ނަގައި އުރާލި އެވެ. ހާލު ކިހިނެއްތޯ އަހާލި އެވެ.

“ލަކްޝްމީ! އަހަރެން ބުނީމެއްނު އަހަރެން އަންނަންދެން މަޑުކުރާނެކަމެއް ނެތޭ. ކައިގެން ނިދާށޭ.” އެ އަންހެންމީހާއަށް ބަލާލަމުން މުހުތާރު ވާހަކަ ދެއްކި އެވެ.

“ބޭރު މީހަކާ ވައްތަރީ.. ކާކުބާ؟” ރާނިޔާގެ ހިތުގައި ސުވާލު އުފެދުނެވެ.

“ދައްތަމެން ގެންގޮސް ވައްދާ އެފަޅީ ހުރި ފެމެލީ ރޫމަށް. ރަނގަޅު ކާއެއްޗެއް ވެސް ތައްޔާރު ކޮށްލާތި.” މުހުތާރު ބަލާލީ ރާނިޔާއަށެވެ.

“ބޮސް. ދައްތަ ދަބަސް ކޮބާ؟ ޑްރެސް ޗޭންޖުކުރަން ބޭނުންވަނީނު.” އެކަމާއިމެދު މުހުތާރަށް ވިސްނާލެވުނީ އެހިސާބުން ނެވެ.

“އެ ބުނާހެން. އެކަމަށް ވެސް ހައްލެއް ގެންނަން ޖެހޭނެދޯ. އާދޭ.. ފިހާރައަށް ވަދެލަން.” ބޭރަށް ނުކުންނަން ހިނގައިގަތުމުން މުހުތާރުގެ ފަހަތުން ލަކްޝްމީ ހިނގައިގަތެވެ. އޭނާއާއިއެކު އައުމަށް ރާނިޔާ ގާތު ވެސް ބުންޏެވެ.

ދެ ފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ ބޮޑު ފިހާރައެކެވެ. ފިހާރައިގެ މަތީބައި ޚާއްސަކޮށްފައި ހުރީ އަންނައުނާއި ރީތިވުމަށް ބޭނުންވާ ސާމާނަށެވެ. އަންހެން ފިރިހެން ކުދިބޮޑު ހުރިހާ ބާވަތެއްގެ އަންނައުނާއި ރީތިވުމަށް ބޭނުންވާ ސާމާނެއް އެތަނުން ލިބެން ހުއްޓެވެ. ފިހާރައިގެ ތިރީބައި ޚާއްސަކޮށްފައިވަނީ ކައްކަން ބޭނުންވާ ސާމާނާއި އެފަދަ ބާވަތްތަކަށެވެ. ގޭތެރެއަށް ބޭނުންވާ މުހިންމު ހުރިހާ ސާމާނެއް ވެސް އެތަނުގައި ހުއްޓެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ތިންވަނަ ބައި

ދެ ދަރިންނާއި ރާނިޔާއަށް ބޭނުންވާ އަންނައުނާއި ރީތިވުމަށް ބޭނުންވާ ހުރިހާ އެއްޗެއް ނެގުމަށް މުހުތާރު ބުނި ނަމަވެސް ރާނިޔާއަކަށް އެކަން ކުރާކަށް ނުކެރުނެވެ. މުހުތާރުގެ ހެޔޮކަމަށް ޝުކުރު އަދާކުރަމުން ދެ ދަރިންނާއި އޭނާއަށް ދުވަސްކޮޅަކު ނަމަވެސް ނިދާލެވޭނެ ގޮތާއި ކެއިންބުއިން ހަމަޖައްސާލަދިނުމުން ފުދޭނެކަމަށް ބުންޏެވެ. ދެލޮލުން ކަރުން އޮހޮރެމުންދިޔަ ހާލުގައި ވާހަކަ ދައްކަމުންދިޔަ ރާނިޔާގެ އެހެން އެއްވެސް އެދުމެއް ނެތެވެ.

“މިއިން އެއްވެސް އެއްޗަކަށް މިއިން އެއްވެސް ޚިދުމަތަކަށް ދުވަހަކު ވެސް ލާރިއެއް ދައްކާކަށް ނުޖެހޭނެ. މީހަކަށް ކަމެއް ކޮށްދޭނަމަ ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އެކަން ކޮށްދިނުމަށް އަހަރެންގެ މައިންބަފައިން އަހަރެންނަށް ދަސްކޮށްދިނީ. ކަންތައް ކުރަމުން މި ދަނީ ވެސް އެހެން. ދައްތަމެން ތިހެން ކަންތައް ކޮށްފިނަމަ އަހަރެންގެ ހުރިހާ އުންމީދެއް ފެނަށް ވާނެ. އަހަރެންގެ މައިންބަފައިން އަހަރެންނަށް ދަސްކޮށްދިން ކަންތައް ރަނގަޅަށް ނުކުރެވުނުކަމުގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އަބަދު ވެސް ހިތުގައި އޮންނާނެ. އެކަން ވާނީ އަހަރެންގެ ހިތުން ނުފިލާނެ ހިތާމައަކާއި ހިތްދަތިކަމަކަށް.” ވާހަކަ ދައްކަމުން ދިޔަ މުހުތާރުގެ މޫނުމަތިން ފެނުނު މާޔޫސްކަން ރާނިޔާގެ ހިތަށް ތަދުކުރި އެވެ.

“ދައްތާ! ބޮސް ބުނާގޮތް ހަދާ. ބޮސް ވަރަށް ރަނގަޅުވާނެ.” ރާނިޔާއަށް ބޭނުންވާނެ ބައެއް އަންނައުނު ދައްކަމުން ލަކްޝްމީ ވެސް އެދުނެވެ.

ބޭނުން ނުވި ނަމަވެސް މުހުތާރާއި ލަކްޝްމީ އެދުނު ފަދައިން ރާނިޔާ ކަންތައް ކުރި އެވެ.

ކޮޓަރި ދެއްކުމަށްފަހު ހެދުން ބަދަލުކޮށްލަން ބުނަމުން ލަކްޝްމީ ދިޔައީ ބަދިގެއަށެވެ.

ލެއްވި ހެޔޮ ރަޙުމަތަށް ޝުކުރުވެރިވަމުން ރާނިޔާ އަވަސްވެގަތީ ޝުކުރުގެ ސަޖިދަ ކުރުމަށެވެ.

ކެއުމުގެ ކަންތައް ނިންމާލުމަށްފަހު ބަދިގޭގެ މަސައްކަތުގައި ލަކްޝްމީއަށް ރާނިޔާގެ އެހީތެރިކަން ލިބުނެވެ.

ނިދޭނެ ގޮތް ހަމަޖެހުމާއިއެކު ދެކުދިން ނިދައިފި އެވެ. ލެއްވި ހެޔޮ ރަޙުމަތަށް ޝުކުރު އަދާކޮށްލަކޮށްލާ އޮތް ރާނިޔާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ދިމާވި ކަންތައްތަކާއިމެދު ވިސްނާލަ ވިސްނާލާ އޭނާއަށް އޮވެވުނީ އެވެ.

ރޭގަނޑުގެ ހަމަހިމޭންކަން ނަގާލަމުން ފަތިހުގެ ހަލަބޮލިކަމަށް ވަގުތު ތަން ދިންއިރު ވިއްސާރައިގެ އަސަރު ފިލައި ހިނގައްޖެ އެވެ.

އެހެން ދުވަސްތަކުގެ ވެސް އާދައިގެމަތިން ބޮޑުފަތިހާ ތެދުވެ ރާނިޔާ ފަތިސް ނަމާދު ކުރިއެވެ. ޤުރުއާން ކިޔެވުމަށް އެތައް ވަގުތެއް ހޭދަކުރި އެވެ.

ކޮޓަރިން ނުކުތް ވަގުތު ފެނުނު މަންޒަރާއިއެކު ރާނިޔާ ދިޔައީ ސިއްސައިގެން ނެވެ.

“ސަޕްރައީޒް..”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top