ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅަކީ ދިވެހި ލަވަ އަލްބަމްތައް އެންމެ ފޯރިއާއެކު ނެރެމުން އައި ދުވަސްވަރެވެ. ހިތްގައިމު، ލޯބީގެ ލަވަތައް ހިމެނޭ އަލްބަމްތައް ނުކުތުމާއެކު ‘ވަގު ކޮޕީއެއް’ ހަދައިގެން ނަމަވެސް އެ އަލްބަމްތައް އަޑުއަހައި އުޅުނީ އޭރު ނެރުނު އަލްބަމް ތަކުގައި ހިމެނޭ ލަވަތަކުގެ ހިތްގައިމުކަމުންނެވެ. އެފަދަ ހިތްގައިމު އޯޑިއޯ އަލްބަމެއް، ކުރީގެ މަޝްހޫރު ޑައިރެކްޓަރ އަދި އެހާއި މިހާރުވެސް ޅެންވެރިކަމުގައި އަރައިހުންނެވި އީސާ ޝަރީފްގެ ފަރާތުން ބައިސްކޯފުގެ އަހުލުވެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެވެ.

ޢީދު ހަދިޔާއެއްގެ ގޮތުގައި ބައިސްކޯފު އެޕްގައި މިމަހު 11ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އޯޑިއޯ އަލްބަމް “ހަނދާން ކުރައްޗޭ” އަކީ ވަރަށް ހިތްގައިމު ހިންދީ ރާގު ތަކަކަށް ކިޔާފައިވާ 10 ލަވަ ހިމެނޭ އަލްބަމެކެވެ.

އޯޑިއޯ އަލްބަމް “ހަނދާން ކުރައްޗޭ”ގެ ލަވަތައް ހަދާފައިވަނީ އީސާ ޝަރީފް އާއި މިހާރު ޅެންވެރިކަމުގައި ވިދާ ބަބުޅަމުން އަންނަ ހުނަރުވެރި ޅެންވެރިޔާ ޢިއްޒަ އަޙްމަދު ނިޒާރު ކަމަށް މި އަލްބަމްގެ ޕްރޮޑިއުސަރ އީސާ ޝަރީފް މުނިއަވަސް އަށް ބުންޏެވެ.

“އަލްބަމްގަ ހިމެނޭނީ 10 ލަވަ. ދެން މި އަލްބަމުގައި ހިމެނޭ ލަވަތަކުން އިއްޒަ ހަދާފަވާ ލަވައަކަށް ނިސްބަތްކޮށް އަލްބަމްގެ ނަން ކިޔާފަ މިއޮތީ.” އިއްޒަގެ ދެ ލިރިކްސް އާއި އީސަގެ އަށް ލިރިކްސް މި އަލްބަމްގައި ހިމަނާފައިވާނެ ކަމަށްވެސް އީސަ މަޢުލޫމާތުދެއެވެ.

މި އަލްބަމުގެ ލަވަތައް ކިޔާފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، މުމްތާޒު މޫސާ އާއި އީސަގެ ‘ހިތު ކޭތަ’ އަލްބަމަށް ލަވަކިޔާފައިވާ ހާމިދު ނިޝާން އެވެ.

“ހަނދާން ކުރައްޗޭ” އަކީ އީސަ ޓެސްޓެއްކޮށްލުމުގެ ގޮތުން ނެރޭ އަލްބަމެއްކަމަށް ބުންޏެވެ. އީސަގެ ވިސްނުން ހުރީ ދިވެހި ލަވަ އަލްބަމްތަކުގެ ރަންޒަމާނުގައި އެ އޮތް ސަޕޯޓް މިހާރު އޮތް މިންވަރެއް ބަލައިލުމެވެ. އެގޮތުން ބައިސްކޯފު މެދުވެރިކޮށް އޯޑިއޯ އަލްބަމް ނެރުމަށްފަހު މީގެ ވީޑިއޯ އަލްބަމެއް ނެރުމުގެ ވިސްނުން ގެންގުޅޭކަމަށް ވެސް އީސަ ބުންޏެވެ.

“ހަނދާން ކުރައްޗޭ” އަށް ހޮވާލާފައިވަނީ ވަރަށް ފަހުގެ ހިތްގައިމު، ލޯބީގެ އިހްސާސްތައް ހުރި ހިންދީ ރާގުތަކެކެވެ.

“އަޅުގަނޑު ހިތަށްއެރީ ވަރަށް ރޮމޭންޓިކް ރީތި ރާގުތަކަކަށް ލަވަތަކެއް ނެރެގެން މިހާރު މީހުންގެ ފީޑްބެކް ހުންނަގޮތް ބަލައިލާނަމޭ.” މި އަލްބަމް ތައްޔާރުކޮށް ނެރުމުގެ ވިސްނުން އައިގޮތް ކިޔައިދެމުން އީސަ ބުންޏެވެ.

“މީގެ ޚާއްޞަކޮށް ކޮންމެވެސް ދެ ލަވައެއް އަޅުގަނޑުމެން ތްރީ-ޑީގަ ބެކްގްރައުންޑްތަކެއް ހަދައިގެން ކްރޮމާ-ކީ ބޭނުންކޮށްގެން އެތެރޭގަ ޝޫޓްކޮށް ތްރީ-ޑީ ދެ ލަވަ ނެރޭނަން.” އޯޑިއޯ އަލްބަމް “ހަނދާން ކުރައްޗޭ”ގެ ވީޑިއޯ ރިލީޒްކުރުމަށް ވިސްނުން ހުރީ މީގެ ދެމަހެއް ހައި ދުވަސް ފަހުންކަމަށް އީސަ މަޢުލޫމާތުދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ