♪♬𝄞 ޝުކުރޭ ކުރަނީ…… ލޯބިންފުރިހަމަ….. މިނިވަން ބަޔަކަށް ވީތީ!…
ހޯދައިދެއްވި މިނިވަން މި ޖައްވަކޭ
ރޯޝަންކުރުވީ އުޖާލާ ފަތިހެކޭ
މިނިވަން ހޯދައިދެއްވާ… އަޅުވެތިކަން، ♪♬𝄞 ހައްހައްހައްހާ”
ޓީޒާ ފެށިގެން އަންނަނީ ބަރުބަރު، އާދަޔާޚިލާފު ގޮތެއް ހުންނަ އަޑަކުން، ދިވެހީންގެ މިނިވަންކަމާ ގުޅިފައިވާ ހިތްގައިމު ލަވަތަކުގެ ތެރެއިން ލަވައެއްގެ ބައެއް ލަފުޒުތައް، ލަވައިގެ ރާގަށް، އެހެނަސް ތަންކޮޅެއް ލަސްލަހުން ކިޔަމުން އަންނަ އަޑާއެކުގައެވެ. ލަވައިގެ ލަފުޒުތަކުގެ ތެރެއިން ‘އަޅުވެތިކަން’ މި ލަފުޒު ކިޔާފައި ކުޑަކުޑަ ހުއްޓުމަކަށް ފަހު މަލާމާލުގެ ވަރުގަދަ ހިނިގަނޑެއް ޖަހައިލާ އަޑުއިވެއެވެ. މި ހިސާބުން ހަނދާނަށް އައީ ގައްބަރު ސިންގް ޖަހާލާ އައިކޮނިކް ހިނިގަނޑުމަތިންނެވެ. މާނައަކީ، ޕާޓީގައި ހިމެނޭ މި މަންޒަރުން ނުވަތަ އަޑުކޮޅުން ދިވެހި ސިނަމާގެ އައިކޮނިކް ހިނިގަނޑެއް އުފަންވެއްޖެކަމަށް އަހަރެން ގަބޫލުކުރަމެވެ.
ދިވެހި ސިނަމާގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އައިފިލްމްސްގެ އައު އުފެއްދުން “ޕާޓީ” ގެ ފުރަތަމަ ރަސްމީ ޓީޒާ ޓްރެއިލާ އާންމުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. މި ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ 13 ޖެނުއަރީ 2027 ގައެވެ.
View this post on Instagram
– ޓީޒާއިން ބެލުންތެރިންނަށް ބޮޑު ސިހުމެއް!
އާންމުކުރި ޓީޒާއާއެކު ދޫކޮށްލާފައިވާ ވަރުގަދަ މެސެޖުގައި ބުނެފައިވަނީ، “މައެއްގެ ލޯތްބަކީ ދުވަހަކުވެސް އުންމީދު ކަނޑާލާނެ އެއްޗެއް ނޫން” ކަމަށާއި އަދި “އިންސާފަށްޓަކައި ކުރާ ހަނގުރާމަވެސް ހުއްޓައެއް ނުލާނެ” ކަމަށެވެ. މީގެއިތުރުން “ހަނުހުރުން ނައްތާލާ” ޓެގްލައިން އަދި #ނުދައްކާވާހަކަ މި ހޭޝްޓެގާއެކު މި ފިލްމަކީ މުޖުތަމައުގައި ފޮރުވިފައިވާ ހައްސާސް އަދި ނުދައްކާ ހުރި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްކަން މިވަނީ ހާމަވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ޝައުޤުވެރި ޓީޒާއިން ފެނިގެންދަނީ ސިހުމާއި ނުތަނަވަސްކަމުން ފުރިގެންވާ މަންޒަރުތަކެކެވެ. ފިލްމީ ދާއިރާގެ މަޝްހޫރު އަދި ގިނަ މޫނުތަކެއް އެކި ކަހަލަ ޖަޒުބާތީ ހާލަތްތަކުގައި ޓީޒާއިން ފެނިގެންދާއިރު، ބައެއް މީހުންގެ މޫނުމަތިން ބިރުވެރިކަމާއި ކަންބޮޑުވުން އަދި އަނެއްބައި މީހުންގެ ކިބައިން ސިއްރުވެރި ގޮތްތަކެއް ފާހަގަކުރެވެއެވެ. ޓީޒާގައި ބޭނުންކޮށްފައިވާ ހިތްތެޅުވައިލާ ފަދަ ބެކްގްރައުންޑް މިއުޒިކާއި، ބިރުވެރި ނޭވާލުމުގެ އަޑުތަކުގެ ސަބަބުން މުޅި ވީޑިއޯއަށް އިތުރު ފުންމިނަކާއި ޝައުޤުވެރިކަމެއް ގެނެސްދެއެވެ.
މީގެއިތުރުން، ޕާޓީއެއްގެ ތެރޭގައި ހިނގާ ނުރައްކާތެރި ހާދިސާތަކަކާއި، އެކަމުގެ ސަބަބުން ލިބޭ ހިތާމައާއި އިންސާފު ހޯދުމަށް މައެއް ކުރާ ވަރުގަދަ މަސައްކަތް މި ޓީޒާއިން ނުސީދާކޮށް ބުނެދެއެވެ.
ޓީޒާގެ ވަކި ހިސާބަކުން ޢަލީ އާޒިމް (ދޮން އައްޔަ) ފެންނަ ސީންގައި އޭނާގެ ޚާއްޞަ މާކަޕް ފެނިފައި އިތުރަށް ދެތިން ފަހަރަކު ޓީޒާ ބަލައިލަން ޖެހުނެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި އެކްޓަރު ކޮޕީ އިއްސެ އެ ބުނެލާ ވަރުގަދަ ޖުމްލައިންވެސް އޭނާ ދެކެ ބިރުގަންނަވަރު ކޮށްލައެވެ.

ފިލްމުގެ ލީޑް ނިޢުމާގެ މާ ގިނަ މަންޒަރުތަކެއް ހިމަނާފައި ނުވަނީ ހަމަ ގަސްދުގައިކަމަށް ބުނަން އެނގެއެވެ. ނިޢުމާގެ ވަރުގަދަ އެކްޓިންއާއެކު ހިމެނޭ ގިނަ މަންޒަރުތަކެއް މި ފިލްމުން ފެންނާނެކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން އެ މަންޒަރުތައް ބެލުންތެރިންގެ ހިތްތަޅުވައިލަން ގަސްދުގައި ނުހިމަނާ ހުރީކަމަށް ޤަބޫލުކުރެވެއެވެ.
އައިފިލްމްސް އިން އަބަދުވެސް ތަފާތު އަދި މުޖުތަމައާ ގުޅޭ މޮޅު އުފެއްދުންތައް ގެނެސްދޭއިރު، “ޕާޓީ” ވެގެންދާނީ ވެސް ބެލުންތެރިން ސިއްސުވާލާނެ ފަދަ ވަރުގަދަ އަސަރުގަދަ ފިލްމަކަށެވެ. ޓީޒާ އާންމުވުމާއެކު މިހާރުވެސް ގިނަ ބަޔަކު ދަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި މި ފިލްމު ބަލައިލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.
