ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 6
މުނިއަވަސް ގްރެފިކްސް

މިސްޓީރިޔަސް ވުމަން

އެހެން ފަހަރުތަކާ ޚިލާފަށް، މިރުޒާއަށް އޭނާ ފުރަތަމަ ފަހަރަށް ފެނުނީ ބޮޑު ޑިސްކޯއެއްގެ ތެރެއިންނެވެ. އެއީ އާދައިގެ ރޭތަކާ އެއްވެސް ތަފާތެއް ނެތް ރެއެކެވެ. މިއުޒިކުގެ އަޑުގަދަކަމުން ވާހަކަދައްކަން އުނދަގޫވާ، ކުލަކުލައިގެ ބައްތިތަކުގެ އަލި މޫނުތަކަށާއި ހަށިގަނޑުތަކަށް އެޅެމުންދިޔަ، އަދި އެ ފާރުތަކުން ބޭރުގައި ދުނިޔެއެއް އޮތްކަން ހަނދާންނެތިފައިވާ ފަދަ ގޮތަކަށް މީހުން ނަށަމުންދިޔަ ތަނެކެވެ. މިއުޒިކުގެ ގަދަ އަޑުގެ ތެރެއިން މީހުންގެ ހުނުމުގެ އަޑު އިވެމުންދިޔައެވެ. ބިއްލޫރި ތަށިތައް ޖެހޭ އަޑާއި، ދުވާލުގެ އަލީގައި އެއްބަސްވާން ބޭނުންނުވާނެ ފަދަ ސިއްރު ވާހަކަތައް ބުނަން މީހުން ގާތްވެލައިގެން ތިބި މަންޒަރު ފެނެއެވެ. އެ މާހައުލަކީ މުއްސަނދިކަމާއި، އުފާވެރިކަމުގެ އިތުރުން ވަރަށް ބޮޑަށް ފޮރުވިފައިވާ ފަރުވާކުޑަކަމެއް އެކުލެވިގެންވާ ތަނެކެވެ.

މިރުޒާއަކީ މިފަދަ ތަންތަނަށް ނުހަނު ފަރިތަ މީހެކެވެ. އޭނާ ވަނީ ތަފާތު ޤައުމުތަކުގެ، ތަފާތު އުމުރުފުރާގެ އަދި ތަފާތު މިޒާޖުގެ އަންހެނުން ދެކެފައެވެ. މީހުންގެ ސަމާލުކަން ހޯދާނެ ގޮތް ދަންނަ އަންހެނުންނާއި، އެ ސަމާލުކަން ހޯދުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ތިބި މީހުން އޭނާ ވަނީ ދެކެފައެވެ. ރީތިކަމަކީ ބާރެއްގެ ގޮތުގައި ބޭނުންކުރާ ތަނާއި، އެކަނިވެރިކަން އިތުބާރުގެ ސިފައިގައި ފޮރުވައިގެން ތިބޭ މީހުންނާއި، އަގުބޮޑު ހެދުންތަކާއި ހިނިތުންވުންތަކުގެ ފަހަތުގައިވާ މާޔޫސްކަން އޭނާއަށް އޮތީ އާކަމަކަށް ނުވެފައެވެ. އެ ތަނުގެ މާހައުލަކީ އޭނާ ދަންނަ ބަހެކެވެ.

ނަމަވެސް، އެ ވަގުތު ކުއްލިއަކަށް ހުރިހާ ކަމެއް މަޑުޖެހުނު ފަދަ އިޙުސާސެއް ކުރެވުނެވެ. އެއީ އޭނާއަށް ފެނުނު އެންމެ ރީތި އަންހެނަކަށް ވީތީއެއް ނޫނެވެ. އޭނާއަށްވުރެ ރީތި، މުޅި ތަނުގެ ސަމާލުކަން އެމީހަކަށް ހުއްޓޭ ފަދަ އަންހެނުން މިރުޒާ ވަނީ ދެކެފައެވެ. ހަމައެކަނި ރީތިކަމަކުން މިރުޒާގެ ސަމާލުކަން މާގިނައިރަކު ހިފަހައްޓައެއް ނުލެވެއެވެ.

އެ އަންހެންމީހާގެ ކިބައިގައި ހުރީ ތަފާތު ކަމެކެވެ. ފަހަރުގައި އެއީ އޭނާ މީހުންގަނޑާ ތަންކޮޅެއް ދުރުގައި ހުރިގޮތުން ކަމަށް ވެދާނެއެވެ. އޭނާ ހުރީ އެ މާހައުލާ އެހާ ބީރައްޓެހި ގޮތަކަށް ނޫނަސް، މުޅިން އެކުވެފައިވާ ގޮތަކަށްވެސް ނޫނެވެ. ހީވަނީ އޭނާ ދަސްކުރަން އުޅޭ އާ ދުނިޔެއަކަށް ވަދެވިފައި ވާހެންނެވެ. ނޫނީ އެއީ އޭނާގެ ހެދުން އެޅުމުގެ ސާދާކަމާއި، އޭނާގެ މަޑުމައިތިރި މިޒާޖުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތި، ވަށައިގެންވާ ކަންކަމަށް އޭނާ ބަލަމުންދިޔަ ގޮތުން ހައިރާންކަން ގެނުވައެވެ. އޭނާގެ ލޮލުން ފެންނަ ތޫނުފިލިކަމާއި ހޭލުންތެރިކަމުން، އޭނާގެ ހިތުގައި ހިނގަމުންދަނީ ކޮންފަދަ ޚިޔާލުތަކެއްބާއޭ މިރުޒާގެ ހިތަށް އެރިއެވެ.

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 18

އޭނާގެ މޫނުމަތިން ބިރުގަތުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އޭނާގެ ކިބައިން ފެންނަނީ ކަންކަން އޮޅުންފިލުވުމުގެ ޝައުޤުވެރިކަމެވެ. އެކަންވީ މިރުޒާއަށް ވަރަށް ޝައުޤުވެރި ކަމަކަށެވެ.

ބައްތިތަކުގެ އަލި އޭނާގެ މޫނަށް އެޅި، އަނެއްކާވެސް އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔަ މަންޒަރު މިރުޒާ ބަލަން ހުއްޓެވެ. އޭނާ ކައިރީގައި ހުރި އަންހެންމީހާއާ ކޮންމެވެސް ވާހަކައެއް ބުނެފައި ހިނިތުންވެލިއެވެ. އަދި އަނެއްކާވެސް ވަށައިގެންވާ، މީހުންނަށް ބަލާލިއެވެ. އޭނާ ބަލަމުންދިޔައީ ބޭކާރު ގޮތަކަށް ނޫނެވެ. އޭނާ ދިޔައީ ކަންކަން ދިރާސާކުރަމުންނެވެ.

މިއީ މިރުޒާގެވެސް އާދައަކަށްވާތީ، އޭނާއަށް އެކަން ފާހަގަކުރެވުނެވެ. ނަމަވެސް މިރުޒާ މީހުން ދިރާސާކުރަނީ އޭނާގެ އަމިއްލަ ބޭނުމަކަށެވެ. އެކަމަކު މި އަންހެންމީހާ ބަލަމުންދިޔައީ އާ ތަޖުރިބާތަކެއް ހޯދައި، އޭނާގެ ހިތުގައި ސިއްރު ވާހަކައެއް ލިޔަމުންދާ ފަދަ ގޮތަކަށެވެ.

ކުއްލިއަކަށް އޭނާ ސީދާ މިރުޒާއާ ދިމާލަށް ބަލާލިއެވެ. މީހުންގަނޑުގެ ތެރެއިން އެ ދެމީހުންގެ ނަޒަރު ސީދާވިއެވެ. އެއީ މަދު ސިކުންތުކޮޅެކެވެ. ނަމަވެސް އެ ވަގުތުކޮޅު މިރުޒާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އޭނާ ވަގުތުން ނަޒަރު ވަކިކޮށެއް ނުލައެވެ. އެ އަންހެންމީހާވެސް ނަޒަރު ވަކިކޮށެއް ނުލައެވެ. އެތަނަކުން އެއްވެސް ކަހަލަ ހިނިތުންވުމެއް ނުވަތަ އިޝާރާތެއް ނުފެނެއެވެ. އޭނާ ހަމައެކަނި ބަލަހައްޓައިގެން ހުރީއެވެ.

ދެން އެމީހުންގެ މެދުން މީހަކު ހުރަސްކުރުމާއެކު، އެ ވަގުތުކޮޅު ނިމިގެންދިޔައެވެ. މިރުޒާ އޭނާގެ ގާތުގައި ހުރި މީހާ ދައްކަމުންދިޔަ ވިޔަފާރީގެ ވާހަކައަށް ސަމާލުކަންދޭ ކަމަށް ހެދުނެވެ. ބޭނުންވާ ވަގުތު ޖަވާބުދީ، ބައެއް ފަހަރު ހީނލި ނަމަވެސް، އޭނާގެ ނަޒަރު ހުރީ އެ މީހުންގަނޑުގެ ތެރެއަށެވެ. އޭނާ އަދިވެސް އެތަނުގައި ހުއްޓެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 27

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އެއްވެސް އަމިއްލަ ފައިދާއެއް ނެތި މީހަކާ ބެހޭގޮތުން މަޢުލޫމާތު ހޯދަން މިރުޒާ ބޭނުންވިއެވެ. އޭނާގެ ނަމެއް މިރުޒާއަކަށް ނޭނގެއެވެ. އޭނާ ސްރީލަންކާއަށް އައީ ކީއްކުރަން ކަމެއް، އޭނާގެ ދިރިއުޅުމަކީ ކޮބައިކަމެއް، ނުވަތަ ރާއްޖޭގައި އޭނާގެ އިންތިޒާރުގައި މީހަކު ހުރިތޯއެއްވެސް ނޭނގެއެވެ. އޭނާގެ ހިތާމަތަކާއި ހުވަފެންތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް މިރުޒާއަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެއީ ދިވެއްސެއް ކަމެވެ.

ބޭރު ޤައުމެއްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ތަފާތު ބަސްބަހާއި މޫނުތަކަށް އޭނާ އޮތީ އާދަވެފައެވެ. ނަމަވެސް، މި އާދައިގެ ކަމުން އޭނާގެ ހިތަށް މިހާ ބޮޑު އަސަރެއް ކޮށްފާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.

މިފަދަ ބީރައްޓެހި ތަނަކުން، އަމިއްލަ ވަޒަނުގެ މީހަކާ ދިމާވުމުން ކުރެވުނު އިޙުސާސަކީ ބަޔާންކުރަން ދަތި އިޙުސާސެކެވެ. ފަހަރުގައި އެއީ އޭނާ ވާހަކަދެއްކިއިރު އިވުނު ދިވެހި ބަހުގެ އަޑުގެ ސަބަބުން ކަމަށް ވެދާނެއެވެ. އެއީ ރަށްރަށާއި، އާއިލީ ބައްދަލުވުންތަކާއި، ފެރީގެ ދަތުރުތަކާއި، ހަވީރުގެ ސައިގެ ވަގުތުތަކާ ގުޅިފައިވާ ބަހެވެ. އެއީ ޓިނު ފުރާޅުތަކަށް ވާރޭވެހޭ އަޑާއި، ކަނޑުގެ ވަހާ ގުޅިފައިވާ ބަހެވެ. ނޫނީ، އެއީ އޭނާގެ އަސްލު މިޒާޖު ނޭނގި ހަމައެކަނި ނަން ދަންނަ މީހުންގެ މެދުގައި ދިރިއުޅެން މިރުޒާ ފޫހިވެފައި ހުރީމާ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، އޭނާ ހުރީ އެކަނބުލޭގެއާ ވާހަކަދައްކަން ނުހަނު ބޭނުންވެފައެވެ. އަދި މިރްޒާ ގަފޫރަކީ ކަމަކަށް އެދުމަށްފަހު، އެކަމެއް ހަމައެކަނި ނަސީބުގެ މައްޗަށް ދޫކޮށްލާނެ ފަދަ މިޒާޖެއްގެ މީހެއް ނޫނެވެ.

*****

ރަހުމަތްތެރިއެއްގެ މެދުވެރިކަމުގައި އޭނާއަށް އޭނާއާ ރަނގަޅަށް ބައްދަލުވިއެވެ. މި ބައްދަލުވުން ހިނގީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެއީ ކްލަބްތަކުގެ އަޑުގަދަ މާހައުލާ ދުރު، އެކަކު އަނެކަކުގެ ކަންފަތްދޮށުގައި ހަޅޭއްލަވަން ނުޖެހި ވާހަކަދެއްކޭ ފަދަ އަމާން މާހައުލެއްގައެވެ. އޭނާގެ ރަހުމަތްތެރިޔާ އެތަނަށް އައީ ސްްރީލަންކާއަށް ޒިޔާރަތްކޮށްގެން އުޅޭ ދިވެހިންގެ ގުރޫޕަކާ އެކުގައެވެ. އެމީހުން ލަންކާއަށް ގޮސް އުޅެނީ ތަފާތު ބޭނުންތަކުގައެވެ. އޭގެ ތެރޭގައި ބޭސްފަރުވާއަށާއި، ވިޔަފާރިކުރުމަށާއި، ޤައުމުގެ ރީތި ތަންތަން ބަލާލުމުގެ އިތުރުން، ހޮޓާތަކުގެ އަގުބޮޑުކަމާއި ތަންތަނަށް ބަދަލުވުމުގެ ތަކުލީފެއް ނެތި، ތަފާތު މާހައުލެއްގައި ދުވަސްކޮޅަކު މަޑުކޮށްލުމުގެ ބޭނުމުގައެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 14

އެ ގުރޫޕުގައި އާއިލާތަކާއި، އެކުގައި ދަތުރުކުރާ އަންހެނުންނާއި، ބޭސްފަރުވާއަށް އައިސް އުޅޭ ތިމާގެ މީހުންގެ އިތުރުން، އަމިއްލަ ކަންކަން ނިންމުމަށް ގިނަ ދުވަހު މަޑުކުރަން ނިންމައިގެން ތިބި މީހުން ހިމެނެއެވެ. އެމީހުން ކިޔައިދިން ގޮތުގައި، ގާތްގަނޑަކަށް ތިން މަސް ދުވަހު އެ ޤައުމުގައި މަޑުކުރަން އެމީހުން ބޭނުންވެއެވެ. އެހެންކަމުން އެމީހުން ހޯދަމުން ދިޔައީ އަރާމު، ރައްކާތެރި، އަގުހެޔޮ އަދި އަމިއްލަ ގެއެއް ފަދަ އިޙުސާސް ކުރެވޭ ފަދަ މިނިވަން ތަނެކެވެ.

މި ހިސާބުން މިރްޒާ ވާހަކައިގެ ތެރެއަށް ވަނެވެ. އޭނާގެ ބާރުގެ ދަށުގައި ތަފާތު ބޭނުންތަކަށް ބޭނުންކުރާ އެޕާޓްމަންޓްތައް ހުރެއެވެ. އޭގެ ތެރޭގައި އާދައިގެ ދިރިއުޅުމަށް ބޭނުންކުރާ ތަންތަނާއި، އަމިއްލަ ސިއްރު ބައްދަލުވުންތަކަށް ބޭނުންކުރާ ތަންތަންވެސް ހިމެނެއެވެ. މީހުންނަށް އިތުބާރު ހޯދައިދޭނެ ގޮތާއި، މީހުން އަޑުއަހަން ބޭނުންވާ ވާހަކަތައް ދެނެގަނެ، މީހަކު އޭނާގެ މައްސަލަ ކިޔައިދީ ނިމުމުގެ ކުރިން އެކަމަށް ހައްލެއް ހުށަހަޅަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

މި ގުރޫޕުގެ ކުރިމަތީގައި އޭނާ ދެއްކީ އެ ސަރަހައްދު ރަނގަޅަށް ދަންނަ، އެމީހުންގެ ކަންބޮޑުވުންތައް އިޙުސާސްކުރެވޭ، އަދި ނުދަންނަ މަގުތަކުގައާއި އިތުބާރު ނުކުރެވޭ މީހުންގެ ކައިރިއަށް ދާން ނުޖެހި، އެކަށީގެންވާ ތަނެއް ހަމަޖައްސައިދެވޭނެ އެހީތެރި ދިވެއްސެއްގެ ސިފައެވެ.

އޭނާއަށް މާ ބޮޑު ދޮގުތަކެއް ހަދާކަށް ނުޖެހުނެވެ. އެ އެޕާޓްމަންޓަކީ އަރާމު، ފަސޭހަ ހިސާބެއްގައި ހުރި، އަދި އެ ގުރޫޕަށް މާލީ ގޮތުން އަތްފޯރާ ފަށުގައި ހުރި ތަނެކެވެ. ދަތުރުފަތުރާއި، ކައިރީގައި ހުރި ފިހާރަތަކާއި، ހޮސްޕިޓަލްތަކަށް ދެވޭނެ މަގުތަކާއި، ކުއްޔަށް ހިފޭނެ މުއްދަތާ ބެހޭގޮތުން އެމީހުން ކުރި ސުވާލުތަކަށް މިރްޒާ ވަރަށް ފުރިހަމައަށް ޖަވާބު ދިނެވެ. އެއީ އެ ޤައުމުގައި އުޅެގެން އޭނާ ހޯދާފައިވާ ތަޖުރިބާގެ އަލީގައެވެ.

ދެން އޭނާގެ ރަހުމަތްތެރިޔާ އެމީހުންގެ ކައިރީގައި މަޑުމަޑުން ހުރި އަންހެން މީހާއާ ދިމާއަށް އެނބުރުނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top