ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް – ބާބު 09

އަޒްމާރާގެ ނަޒަރުން….

މި ވާހަކައިގެ ސަބަބުން އޭނާ ވަރަށް ދެރަވި ތަން ފެނުނެވެ… ދެން އޭނާ ރުޅިއައިސްގެން ބުންޏެވެ. “މައްސަލައެއް ނެތް، އެހެންވިއްޔާ އަހަރެން ފައުޒާގެ ކޮޓަރިއަށް ގެންގޮސްދީ.”

އަހަރެން ވަރަށް ދެރަވިއެވެ. ނަމަވެސް މިއީ އަހަރެން ބޭނުންވި ގޮތެވެ. “ވަޓް އެވަރ،” އަހަރެން ބާރަށް ބުނެފައި ދޮރުން ނުކުތީމެވެ.

ފައުޒާގެ ކޮޓަރިއާ ހަމައަށް ދެވުނު ވަގުތު އޭނާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. “ކަލެއާ އެކު އުޅުމަށްވުރެ ކިޔާމްއާ ދިމާވުންވެސް އަހަންނަށް މާ ރަނގަޅު.”

އަހަރެން ފުން ނޭވާއެއްލުމަށްފަހު ދޮރު ހުޅުވާލީމެވެ. އެ ވަގުތު އަހަންނަށް ފެނުނީ ފެންނަން ބޭނުންނުވާ ފަދަ މަންޒަރެކެވެ. ރިޝްވާން އިނީ އެނދުމަތީގައި އަހަރެންގެ ކޮއްކޮގެ ގައިމަތީގައެވެ. ރިޝްވާން އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން ފައުޒާއާ ރައްޓެހިވެގެން އުޅޭ މީހާއެވެ. އޭނާގެ ކިބައިން އަހަރެންގެ ސިފަތައް ފެންނާތީ، އަހަރެން އޭނާ ދެކެ ފޫހިވެއެވެ. އޭނާއަކީ ރަންކުލައިގެ އިސްތަށިގަނޑެއް ހުންނަ، ހައިސްކޫލްގެ ފުޓްބޯޅަ ކުޅުންތެރިއަކާ ވައްތަރު މީހެކެވެ.

“މިއީ ކޮން ސަކަރާތެއް؟” އަހަރެން ރުޅިވެރިކަމާއެކު އަހާލީމެވެ.

ލިޔާމް ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އަހަރެން، ފައުޒާ އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ މީހާއާ ދިމާލަށް ބަލައިލީމެވެ. އެމީހުން ތިބީ ވަރަށް ބޮޑަށް ސިހިފައި ލިޔާމްއާ ދިމާލަށް ބަލާށެވެ.

“އަހަރެންގެ ކޮއްކޮގެ ގައިން ދޫކޮށްލާ!” އެމީހުންނާ ދިމާލަށް ބާރަށް ހިނގައިގަންނަމުން ލިޔާމް ހަޅޭއްލަވައިގަތެވެ.

“ލިޔާމް،” އަހަރެން އޭނާ ހުއްޓުވުމަށްޓަކައި އޭނާގެ އަތުގައި ހިފެހެއްޓީމެވެ.

“މިވަގުތަކު ނޫން، ކުޑަކުއްޖާ،” އޭނާ އަހަރެން ފޮޅުވާލިއެވެ.

“އަނެއްކާވެސް ތި ބަސް ބޭނުންކުރަން ފެށީ ދޯ،” އަހަރެން ފޫހިވެފައި ބުނީމެވެ.

“މިހާރު ތިބުނީ ކީކޭ؟” އޮޅުންބޮޅުންވެފައި ތިބި ފައުޒާއާއި އޭނާގެ ރަހުމަތްތެރިޔާއާ ދުރަށް ނަޒަރު ބަދަލުކޮށް، އޭނާ އަހަންނާ ދިމާލަށް ކަޅި އަޅާލިއެވެ.

“އަހަރެން ބުނި އެއްޗެއް ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ،” އެހެން މީހުންނަށް އަޅާނުލައި އަހަރެން އޭނާއަށް ރައްދުދިނީމެވެ.

“އަހަރެން ކަލޭގެ ފުރާނަ ސަލާމަތްކުރި ނަމަވެސް އޭގެ މާނައަކީ އެއްވެސް ކަމެއް ބަދަލުވުމެއް ނޫން،” ލިޔާމް ބުންޏެވެ. “އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާ. ކަލޭ އެކަމާ މެދު ކޮންމެ ގޮތަކަށް ދެކުނަސް އެއީ ކަލޭގެ މައްސަލައެއް.” އޭނާ އަހަންނާ ދުރަށް އެނބުރިލިއެވެ. “ރިޝްވާން، މިތަނުން ނުކުމޭ!” އޭނާ އަމުރުކުރިއެވެ.

“އާނ، އަހަރެން މިދަނީ،” ދޮރާ ދިމާލަށް ހިނގައިގަންނަމުން ރިޝްވާން މަޑުމަޑުން ބުންޏެވެ. އަހަރެންގެ ކައިރިން ލާފައި ދިޔައިރު އޭނާ އަހަންނަށް އެއްލޯ މަރާލިއެވެ. އަހަރެން ހަމައެކަނި ފޫހިވެފައި ބަލައިލީމެވެ.

ލިޔާމް އޭނާގެ ފުށްކިބައިގައި ޖެހުމުން އަހަރެން ސިހިގެން ދިޔައެވެ.

“އަހަރެން ބުނީ މިތަނުން ނުކުންނާށޭ!” ލިޔާމް ބާރަށް ބުންޏެވެ.

“މިދަނީއޭ،” ރިޝްވާން އަނެއްކާވެސް ބުންޏެވެ. އަދި އޭނާ ނުކުމެގެން ދިޔައެވެ.

“ލިޔާމް، ކޮބާތަ ކަލޭގެ މައްސަލައަކީ؟ ކީއްވެ ތިހާ ގޯސް މޫޑެއްގަ ތިހުރީ؟” ފައުޒާ އޭނާގެ ބޭބެއާ ދިމާލަށް ބަލައިލިއެވެ.

“މި ކުއްޖާގެ ކަންތައް ބަލާ،” ލިޔާމް އަމުރުކުރިއެވެ. “އަހަރެން ހުންނާނީ ބޭރުގަ، ކަލޭގެ ސިއްރުތައް ކިޔައިނުދޭތި… ނޫނީ ކިޔައިދިނަސް އަހަރެންގެ ފަރުވާލެއް ނެތް.” އޭނާ އަނެއްކާވެސް އަހަންނާ ދިމާލަށް ކަޅި އަޅާލުމަށްފަހު ބާރަށް ދޮރު ލައްޕާލާފައި ނުކުމެގެން ދިޔައެވެ.

“ކިހިނެއްވީ…”

“އަހަރެން އޭނާ ރުޅި އަރުވާލީ،” އަހަރެން ބުނީމެވެ. “އެއީ އާ ކަމެއް ނޫންތާ.”

“އޯކޭ،” އޭނާ އަތް އުފުލާލިއެވެ. “އެއީ ވާހަކަ ދައްކަން ބޭނުންވާ މައުޟޫއެއް ނޫންކަން އެނގިއްޖެ. ކޮން ކަމެއް ބޭނުންވަނީ؟”

“އަހަރެން ބޭނުންވަނީ އަންނައުނު… އެކަމުގެ ތަފްސީލު ދޭކަށް ބޭނުމެއް ނޫން،” އޭނާ ވާހަކަ ދައްކަން އުޅުމުން އަހަރެން އަތުން އިޝާރާތްކޮށް ހުއްޓުވީމެވެ.

“އޯކޭ،” އޭނާގެ އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ.

އަހަރެން އޭނާގެ ކުރިމައްޗަށް އަރައި ބުނީމެވެ، “އަހަރެން އަމިއްލައަށް ޗެކްކޮށްލިޔަސް އެންމެ ރަނގަޅުތަ؟”

“އާނ، ބޭނުން އެއްޗެއް ނަގާ،” އޭނާ ބޯޖަހާލިއެވެ.

“ތޭންކްސް،” އަހަރެން އަލަމާރި ކައިރިއަށް ގޮސް ބަލައިލީމެވެ. އަދި ސްކިނީ ޖީންސަކާއި ހުދު ކުލައިގެ ޓޮޕެއް ނެގީމެވެ. އެ ބަދަލުކުރުމަށްފަހު ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ބޭރަށް ނުކުތުމުން ފައުޒާ ހިނިތުންވެލިއެވެ.

“މަށަށް ހީވަނީ ދެން އަބަދުވެސް ކަލޭ އަމިއްލައަށް ކްލޯތުސް ޗޫސްކުރަން ދޫކޮށްލަންވީހެން،” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކަލެއަށް އެނގޭނެ ކަލެއަށް ފަސޭހަވާނެ ގޮތް.”

“އަހަރެންވެސް ހިތަށް އެރީ ތިހެން. ކޮންމެއަކަސް ޝުކުރިއްޔާ،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ.

“އެ ދެން އެވަރު ކަމެއް ނޫން ދޯ،” އޭނާ ބުންޏެވެ. “ދެން އަހަރެންގެ އެ އަނެއް ހެދުން އަނބުރާ ލިބޭނެ ކަމަށް އުއްމީދު ނުކުރަންވީތަ؟”

“ނޫން، އައި އޭމް ސޮރީ. އެކަން ކިޔައިދޭން އުނދަގޫ، އަދި މިވަގުތު އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން،” އަހަރެން ބިމަށް ބަލަހައްޓައިގެން ހުރެ ބުނީމެވެ.

“އެންމެ ރަނގަޅު. ކިޔައިދެވޭވަރު ވުމުން ކިޔައިދީ،” އޭނާ ބޯޖަހާލިއެވެ.

ދެން އަހަރެމެންނަށް އިވުނީ ބޭރުގައި ބަޔަކު އަރާރުންވާ އަޑެވެ.

“އަހަރެން އޭނާ ދެކެލަން ދޫކޮށްލާ،” ކިޔާމް ބޭރުގައި ހުރެ ބާރަށް ބުނާ އަޑު އިވުނެވެ.

“މިވަގުތަކު ނޫން، ކިޔާމް. މިތަނުން ދޭ،” ލިޔާމް ހަޅޭއްލަވައިގަތެވެ.

“މި ކިހިނެއްވެގެން އުޅޭ ކަމެއް؟” ފައުޒާ އަހަންނާ ސުވާލުކުރިއެވެ.

“އަހަރެން ފަހުން ކިޔައިދޭނަން،” އަހަރެން އަނެއްކާވެސް އެހެން ބުނެފައި ދޮރާ ދިމާލަށް ދުއްވައިގަތީމެވެ.

“ކަލެއަކަށް އަހަރެން ކުރަންވީ ކަންތަކެއް ނޭންގޭނެ،” ކިޔާމް ބުންޏެވެ.

“ދުރަށްދޭ،” އަހަރެން ދޮރު ހުޅުވާލި ވަގުތު ލިޔާމް، ކިޔާމް ދުރަށް ކޮއްޕާލިއެވެ.

“ހުއްޓާލާ،” އަހަރެން އަމުރުކުރީމެވެ. މާ ބާރަކަށް ނޫން ނަމަވެސް އެ ދެމީހުންވެސް އަހަންނާ ދިމާލަށް ބަލައިލިއެވެ.

“ކަލޭ އޯކޭތަ؟” ކިޔާމް ހައިރާންވެފައި އެހިއެވެ.

“ކަލޭގެ ސަބަބަކުން ނޫން އޭނާ އޯކޭ ވީކީ،” ލިޔާމް އަހަރެމެން ދެމީހުންގެ ދެމެދަށް ވަނެވެ.

“ލިޔާމް، އާދޭސްކުރަން،” އަހަރެން ފުން ނޭވާއެއްލީމެވެ.

“ކީކޭ؟ އެއީ ތެދެއް،” އޭނާ އަހަންނާ ދިމާލަށް ކަޅި އަޅާލިއެވެ.

“އޭނާ އަހަންނަށް އަނިޔާކުރަން ގަސްތެއް ނުކުރޭ… އަހަރެން ބުނީމެއްނު…”

“އެކަމަކު އަހަރެން ކަލޭގެ ގައިގަ ދަތްއެޅިކަން އެއީ ބަދަލުވާނެ ހަގީގަތެއް ނޫން،” ކިޔާމް، ލިޔާމްގެ ކައިރިން ލާފައި ކުރިއަށް ޖެހިލިއެވެ.

“ފަހަތަށް ޖެހޭ!” ލިޔާމް ބާރަށް ބުންޏެވެ.

“އާނ، ކަލޭ ދަތްއެޅިކަން އެއީ ބަދަލުވާނެ ކަމެއް ނޫން،” ލިޔާމްގެ ފަހަތުގައި ހުރެ އަހަރެން އެއްބަސްވީމެވެ.

“އައި އޭމް ސޯ ސޮރީ،” ކިޔާމް އާދޭސްކުރިއެވެ.

“އެނގޭ، އެކަމަކު ކަލޭ ބުނިހެން… އެއްވެސް ކަމެއް ބަދަލެއް ނުވޭ. އަހަރެން މިއަދު ވަރަށް ބިރުގަތް،” އަހަރެން އަދިވެސް ހުރީ ކުޑަކޮށް ސިހިފައެވެ.

“އަޒްމާރާ، ޕްލީޒް…” ކިޔާމް ކުރިއަށް ފިޔަވަޅެއް އެޅުމުން ލިޔާމް އަނެއްކާވެސް އޭނާ ކޮއްޕާލިއެވެ.

“ބަލައިގެން އުޅޭ!” ލިޔާމް ހަޅޭއްލަވައިގަތެވެ. އޭނާގެ ދެލޯ މަޑު ކުލައަކަށް ބަދަލުވެ، ދަތްތައް ދިގުވަމުންދާ ތަން އަހަންނަށް ފެނުނެވެ.

“ހުއްޓާލާ ލިޔާމް! ކަލެއަށް އެއްވެސް ފަރުވާލެއް ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ!” އަހަރެން ބާރަށް ބުނީމެވެ. އެހެން ބުނެވުނު މޮޔަ ހިތަށް އެރީ ބުނެވުނު ފަހުންނެވެ.

އަހަރެން ހައިރާންވީ އޭނާގެ ދެލޮލުން ފެނުނު އަސަރުންނެވެ. އޭނާ ދުރަށް ބަލައިލިއެވެ. ނަމަވެސް އަލުން އަހަންނާ ދިމާލަށް ބަލައިލިއިރު ހުރީ ކުރިންވެސް ހުންނަ ހަރުކަށި ބެލުމެވެ.

“ކަލޭ ތިބުނީ ރަނގަޅަށް،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އެކަމަކު މިއީ އަހަރެންގެ ވަޒީފާ. މިހާރު އަހަންނަށް އެނގިއްޖެ މި މުސީބާތް ޖެހިފައިވާ ތަނުގަ އަހަންނަށް އިތުބާރު ކުރެވޭނީ ހަމައެކަނި އަހަރެންގެ އަމިއްލަ ނަފްސަށާ ފައުޒާއަށްކަން…”

“އަދި ލަޔިލްއަށްވެސް!” ފައުޒާ އަހަރެންގެ ފަހަތުން ބުނެލިއެވެ.

ލިޔާމް އޭނާއަށް ކަޅިއަޅާލުމުން ފައުޒާ މަޑުޖެހިލިއެވެ. “އަހަރެން…”

“ތި މޮޔަ އުޒުރު ދެއްކުން ހުއްޓާލާ!” އަހަރެން އޭނާގެ ވާހަކަ މެދުކަނޑާލީމެވެ.

“ކޮން އުޒުރެއް؟” އޭނާ ނޭނގޭ ކަމަށް ހެދުނެވެ.

“ކަލޭ ތީ ހާދަ ގޮތްދޫނުކުރާ މީހެކޭ،” އަހަރެން އަތްމައްޗަށް އަތް އަރުވައިގެން ހުރެ ފޫހިވެފައި ބުނީމެވެ.

“ކަލޭ ތީ ހާދަ އުނދަގޫ ބޮޑު މީހެކޭ،” އޭނާ ރައްދު ދިނެވެ.

“ހިނގާ މިތަނުން ދާން އަޒްމާރާ،” ފައުޒާ އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ.

“އާނ،” ސަލާމަތްވުމުގެ ފުރުސަތެއް ލިބުމުން އަހަރެން އުފާވިއެވެ.

“އަހަރެންވެސް އަންނާނަން…” އެ ދެމީހުން އެއްފަހަރާ ބުނަން ފެށިއެވެ.

“ނޫން،” އަހަރެން އެމީހުން ހުއްޓުވުމަށްފަހު ފައުޒާއާއެކު ހިނގައިގަތީމެވެ. އޭނާ އަހަރެން ގޮވައިގެން ތިރިއަށް ގޮސް ސިޓިންގްރޫމްގައި ޓީވީ ހުޅުވައިގެން ޗެނަލްތައް ބަދަލުކުރަން އިނެވެ.

“ލިޔާމްއާއި ކަލެއާ ދެމެދު ކިހިނެއްވީ؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އޭނާ އެހިއެވެ.

‘ލިޔާމް، ކަލެއަށް އަހަރެން ދުރަށް ފޮނުވައެއް ނުލެވޭނެ.’ އަހަންނަށް އެހެން ބުނެވުނީ ކީއްވެބާވައެވެ؟އޭނާ މީހުންނާ ދުރުވާ ވާހަކަ ދެއްކީ ވަރަށް ތެދުވެރިކަމާއެކުގައެވެ. އަހަރެން ހީކުރީ އޭނާ އަހަންނަށް ހިތް ހުޅުވާލަނީ ކަމަށެވެ. އަދި އެކަން އަހަންނަށް މުހިންމުވިއެވެ. އޭނާ އަހަންނަށް އިތުބާރު ކުރަން އަހަރެން ބޭނުންވިއެވެ. އަހަރެން މިކަން ބޭނުންވަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. ލިޔާމްގެ ކިބައިގައި އަހަރެން ގަޔާނުވާ އެތައް ކަމެއް ހުރިއިރު، ގަޔާވާ ކަންތައްތައްވެސް އެބަހުއްޓެވެ. އަހަރެން އޭނާއާ ގާތްވާން މަސައްކަތް ކުރި ވަރަކަށް އޭނާ އަހަރެން ދުރުކުރަން މަސައްކަތް ކުރެއެވެ. އަހަރެން މިހާ ބޮޑަށް މިކަމާ ފަރުވާލެއް މި ބަހައްޓަނީ ކީއްވެބާވައެވެ؟

“އަހަރެން ނު…”

“ހުއްޓާލާ،” އޭނާ ހަރުކަށިކަމާއެކު ބުންޏެވެ. “އޭނާއަކީ އަހަރެންގެ އެންމެ ގާތް ބޭބެ. އޭނާގެ މިޒާޖު އާދައިގެ ވަރަށް ވުރެ ގޯސްވާން ފެށުމުން އަހަންނަށް އެނގޭނެ. އޭނާއަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން. އަދި ކިޔާމްގެ ވާހަކަވެސް!” އޭނާ އަތް އުފުލާލަމުން ބުންޏެވެ. “އެއީ ކޮން ކަމެއް؟ ކަލޭ ރަނގަޅުހޭ؟ ރަނގަޅު ނުވާންވީ ކީއްވެ؟” އޭނާ ހުރީ ވަރަށް ސީރިއަސްވެފައެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ބާވީސްވަނަ ބައި

“ފައުޒާ، މިއީ ވަރަށް އޮޅުންބޮޅުން ބޮޑު ކަމެއް،” އަހަރެން ދުރަށް ބަލަހައްޓައިގެން ހުރެ ބުނީމެވެ.

“އޮޅުންބޮޅުން ބޮޑޭ ބުނުން ހުއްޓާލާ،” އޭނާ ބާރުއެޅިއެވެ. “ކިޔައިދީ. ކިޔާމްގެ ވާހަކައިން ފަށާ.”

އަހަރެން އޭނާއާ ދިމާލަށް ބަލައިލުމަށްފަހު، ލިޔާމް އަށްވެސް ކިޔައިދިންހެން ކުރުކޮށް ތަފުސީލުކޮށް ކިޔައިދިނީމެވެ. “އޭނާ އަހަރެންގެ ތުންފަތުގަ ބޮސްދީފައި އޮޅުމެއްގެ ތެރެއިން ދަތްއެޅުނީ.”

“އޭނާ ދަތްއެޅިއްޔޭ؟ އަހަންނަށް ހީވި މަތީގައި އެކަހަލަ އަޑެއް އިވުނުހެން، އެކަމަކު ޔަގީނެއް ނުވި…”

“އަހަރެންގެ ގައިން ލޭ އަންނަން ފެށުމުން އަހަރެން ދުވީ. އަހަރެން ހީކުރީ އަހަރެންގެ ކޮޓަރިއަށް ދެވުނީ ކަމަށް، އެކަމަކު ވަދެވުނީ ލިޔާމްގެ ކޮޓަރިއަށް،” އަހަރެން ކުރިއަށް ގެންދިޔައީމެވެ.

“އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ދޯ،” ފައުޒާ ހަމްދަރުދީއާއެކު ބޯ ހޫރުވާލިއެވެ.

“އާނ، ލިޔާމް އަހަންނަށް އެހީތެރިވި… އެވަރުން އެ ނިމުނީ،” އަހަރެން އަނެއްކާވެސް ދުރަށް ބަލައިލީމެވެ.

“އެވަރުން އެ ނިމުނީއެއް ނޫން. އޭނާ ކިހިނެއް އެހީވީ؟” އޭނާ ހައިރާންވެފައި ހުރެފައި ކުއްލިއަކަށް ދެލޯ ބޮޑުކޮށްލިއެވެ. “ކަލޭ އޭނާގެ ލޭ ބުއީތަ! އޭގެ މާނައަކީ…”

“ނޫން!” އަހަރެން ސިހިފައި ބާރަށް ބުނީމެވެ. “އަހަރެން އޭނާގެ ލެޔެއް ނުބޮން. އޭނާ އަހަރެން ފެންގަނޑު ކައިރިއަށް ގެންދިޔައީ އަހަރެންގެ އަސްލު ސިފައަށް ބަދަލުވެވޭނެ ގޮތް ހަދައިދޭން. ފެނުގެ ތެރޭގައި ހުންނައިރު އަހަރެންވެސް ތިޔަ މީހުން ފަދައިން ބާރުގަދަ ވާނެ،” އަހަރެން ކިޔައިދިނީމެވެ.

“ދެން އޭގެ ސަބަބުން އޭނާގެ މިޒާޖު ބަދަލުވާންވީ ކީއްވެ؟” އޭނާ އޮޅުންބޮޅުންވެފައި އެހިއެވެ.

“ކަނޑުރެއްސިއަކު އޭނާގެ އަސްލު ސިފައަށް ހުންނައިރު ލޭއިންސިއަކަށް އޭގެ އަސަރު ކުރާނެ. އެއީ ލޭއިންސިއަކު ކަނޑުރެއްސިއެއްގެ ލޭ ބުއިމާ ދާދި އެއްގޮތް ކަމެއް. މުޅިން އެއްގޮތް ނޫން ނަމަވެސް، ލޭއިންސިން ގުދުރަތީ ގޮތުން ކަނޑުރެއްސިންނަށް ދަމައިގަނޭ. އަހަރެން ޔަގީން ކުރަން ކަލޭގެ ބޭބެ ކުރިން ނަފްރަތު ކުރި މީހަކަށް ހިތް ކިޔުމުން އެކަމާ އޭނާ ހިތްހަމަނުޖެހޭނެކަން.” އަހަރެން ވާހަކަ ނިންމާލުމަށްފަހު ޓީވީއަށް ބަލައިލީމެވެ. އެކަމަކު އަސްލު ސަބަބަކީ އެއީ ނޫންކަން އަހަންނަށް އެނގެއެވެ. އޭނާ ގޯސްކޮށް އުޅެން ފެށީ އަހަރެން ބުނި އެއްޗެއްގެ ސަބަބުންނެވެ.

“އަހަރެން ބުނީމެއްނު ކަލޭ އަހަރެންގެ ބޭބެއާ ލައިކްވެއޭ،” އޭނާ މަލާމާތްކޮށްލިއެވެ.

“ކަލެއަށް ކިހިނެއް ތިހެން ހީވީ؟” އޭނާގެ އެ ޚިޔާލީ ވާހަކައިން އަހަންނަށް ހެވުނެވެ.

“ލިޔާމްގެ އިހުސާސްތަކަކީ ދޮގެއް ކަމަށް ބުނިއިރު ކަލޭގެ މޫނުމަތިން ފެނުނު މާޔޫސްކަމުން. އަދި އަހަރެން ގަބޫލެއް ނުކުރަން އެއީ ދޮގެއް ކަމަކަށް،” އޭނާ ހިނިތުންވުމަކާއެކު ބުންޏެވެ.

“އާނ، ދެން ތިހެން ކިޔާ،” އަހަރެން ފޫހިވެފައި ބުނީމެވެ.

“ކީކޭ؟ ކަލޭ ހީކުރަނީ އަހަރެން މީ ކަނު މީހެއް ކަމަށްތަ ނޫނީ މޮޔައެއް ކަމަށްތަ؟” އޭނާ އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. “އޭނާ ކަލެއާ ލައިކްވޭ!” އޭނާ އަހަރެން ކުޑަކޮށް ހަލުވާލިއެވެ. “މާތްކަލާކޯ، ކަލޭވެސް އޭނާ ފަދައިން ހާދަ ގޮތްދޫނުކުރެއޭ!” އޭނާ އަހަރެން ދުރަށް ކޮއްޕާލުމުން އަހަރެން އޭނާ ހިފި ތަނުގައި އަތް އުނގުޅާލީމެވެ.

“މީހުންނަށް ކަންކަން ވިސްނައިދޭން ކަލެއަށް ވަރަށް ރަނގަޅަށް އެނގޭ،” އަހަރެން ހީލީމެވެ.

“ސޮރީ،” އޭނާ ލަދުން ހުރެ ހިނިތުންވެލިއެވެ.

“ކަލޭގެ ތި ޚިޔާލީ ވާހަކަ ލިޔާމް ކައިރީގައި ބުނެފިންތަ؟ އޭނާއާ ކުރިމަތިލާފައި މި ވާހަކަ ބުނުމުގެ ހިތްވަރު ނެތްހާ ހިނދަކު އަހަރެން މިކަން ގަބޫލެއް ނުކުރާނަން،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ.

“އަހަރެން މިއީ އޭނާގެ އެންމެ ލޯބިވާ ކޮއްކޮ. އަހަންނަށް އެއްވެސް ބިރެއް ނެތް،” އޭނާ އިތުބާރާއެކު ބުންޏެވެ.

“ކޮންމެއަކަސް،” އަހަރެން ބުނީމެވެ. “ކަލޭ ތީ މޮޔައެއް.”

“އަހަރެން އެކަމާ ދެކޮޅެއް ހަދަން… އަހަރެން ހަމައެކަނި ލޯބި ދެކެ ލޯބިވަނީ،” އޭނާ އުފަލުން ހުރެ ބުންޏެވެ.

“އާނ، އެއީ މޮޔަކަމަކީ. ލޯތްބަކީ ނުރައްކާތެރި އެއްޗެއް. ލޯތްބަކީ އަމިއްލަ ސިކުނޑިއެއް އޮންނަ އެއްޗެއް، އަދި އެއީ ބަދަލުކުރެވޭނެ އެއްޗެއް ނޫން. ލޯތްބަކީ ގޮތްދޫނުކުރާ، މޮޔަ އެއްޗެއް،” އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަ ހުރީ ދުވަހަކުވެސް ލޯބި ނުލިބޭނެ މުސްކުޅި އަންހެނެއްގެ ވާހަކަ ހުންނަ ގޮތަށެވެ. އެކަމަކު އަހަރެން ބުނީ ތެދެކެވެ! ހަމައިގައިމުވެސް އެއީ އަހަރެން ގަބޫލުކުރާ ގޮތެވެ. ލޯބީގެ ސަބަބުން އަހަރެން ލިޔާމްއަށް ހިތްކިޔަންވީ ކީއްވެ ހެއްޔެވެ؟

ނޫނެކެވެ! އެއީ ކުށްހީއެކެވެ. އަހަރެން އޭނާއަށް ހިތްކިޔަނީ އޭނާއަކީ ރީތި މީހަކަށް ވާތީއެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އޭނާއަށް ހިތްކިޔާނެއެވެ. ކޮންމެއަކަސް، މިހާރު އަހަންނަށް ހީވަނީ އަހަރެން މިއީ މޮޔައެއް ހެންނެވެ!

“ތީ ވަރަށް މާޔޫސީ ވިސްނުމެއް… ލިޔާމްވެސް ވިސްނަނީ ހަމަ ތިހެން،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

“އޭގެ މާނައަކީ އެއްވެސް ކަމެއް ނޫން،” އޭނާގެ ދެލޮލުން ފެންނަ އުއްމީދީ ކުލަވަރު ފާހަގަވުމުން އަހަރެން ބުނީމެވެ.

“އާނ، ކަލޭ ތިހެން ބުންޏަސް… ކަލޭ އެއްބަސްވާން ބޭނުން ނުވަނީ…”

“ހޭއި، ތިޔަ ދެމީހުން ބަނޑުހައިތަ؟” ލިޔާމް ސިޓިންގްރޫމްގެ ދޮރުމަތީގައި ލެނގިލައިގެން ހުއްޓެވެ.

އޭނާ އަދިވެސް ހުރީ އަހަރެންދެކެ ކުޑަކޮށް ރުޅިއައިސްފައިކަން އެނގެއެވެ. އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އޭނާ ބޭނުންވަނީ ފިނިކޮށް އުޅެން ކަމަށްވާނަމަ، އަހަރެންވެސް އުޅޭނީ އެގޮތަށެވެ. އަހަރެންވެސް އޭނާއާ ދިމާލަށް ކަޅިއަޅާލީމެވެ.

“އާނ،” ފައުޒާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

“ފައުޒާ،” ލިޔާމް ފުން ނޭވާއެއްލިއެވެ. އޭނާ ކޮއްކޮއާ ދިމާލަށް ބަލައިލިއިރު އެ ހަރުކަށިކަން ކުޑަކޮށް ކެނޑުނެވެ. “އަހަރެން މާފަށް އެދެން ކުރިން ކަލެއާ ދިމާލަށް އެއްޗެހި ކިޔުނީތީ.” އޭނާ އަހަންނާ ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް ފުން ނޭވާއެއްލިއެވެ. އޭނާ އަހަރެންގެ ދެލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ ބުންޏެވެ، “އަހަރެން ހުރީ ރުޅިއައިސްފަ. ކަލޭ ދެރަކުރާކަށް ގަސްތެއް ނުކުރަން.” އެއަށްފަހު އަވަހަށް އޭނާގެ ކޮއްކޮއާ ދިމާލަށް ނަޒަރު ބަދަލުކޮށްލިއެވެ.

އަހަރެން އެއްވެސް އަސަރެއް ނުދައްކާ އިނދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އަހަރެން އޭނާއާ ދުރަށް، ފައުޒާއާ ދިމާލަށް ބަލައިލީމެވެ.

އޭނާގެ މޫނުމަތިން އަނެއްކާވެސް އުޖާލާ ހިނިތުންވުމެއް ފެނިގެންދިޔައެވެ. “އެންމެ ރަނގަޅު ލިޔާމް. ކަލޭ އުޅޭ ގޮތް އަހަންނަށް އެނގެއޭ،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު އަހަންނަށް ބަލައިލާފައި ބޭބެއަށް ބަލައިލިއެވެ.

“އަހަރެން ބަދިގެއަށް މިދަނީ،” އޭނާ އަހަންނަށް އެއްލޯ މަރާލުމަށްފަހު އެތަނުން ދިޔައެވެ.

“ފައުޒާ،” އަހަރެން ބުނީމެވެ. އަދި ފޫހިވެފައި ތެދުވީމެވެ.

“ހިނގާ ބަދިގެއަށް ދާން،” ލިޔާމް އުނދަގޫ ގޮތަކަށް އެނބުރިލިއެވެ.

“ލިޔާމް، ކަލެއަށް އެނގޭތަ ފައުޒާ އެ ދިޔައީ ކީއްވެގެންކަން؟އަހަރެމެން އެންމެން އެއް ކޮޓަރިއެއްގައި ތިބޭއިރު އޭނާ އެގޮތަށް ހެނީ ކީއްވެގެންކަން؟” އަހަރެން އޭނާއާ ދިމާލަށް ހިނގައިގަތީމެވެ.

“އޭނާ އަބަދުވެސް އުޅެނީ އެގޮތަށް، ކުޑަކުއްޖާ. ކަލޭ ތި އުޅެނީ މާ ބޮޑަށް ކަންކަމާ ވިސްނަން،” އޭނާ ދުރަށް އެނބުރެމުން ބުންޏެވެ. ނަމަވެސް އޭނާގެ އަޑުން އެކަން ދޮގުކުރާކަން ސާފުކޮށް އެނގެއެވެ.

އަހަރެން އޭނާގެ ކައިރިން ލާފައި ހިނގައިގަތީމެވެ. “ކަންކަމާ މާ ބޮޑަށް މި ވިސްނަނީ އަހަރެން އެކަންޏެއް ނޫން! ކަލޭގެ ކޮއްކޮވެސްމެ!” އަހަރެން ހަމަޖެހުމަށްޓަކައި ފުން ނޭވާއެއްލީމެވެ. “އޭނާ އެ ހީކުރާ ކަންތައްތަކަކީ ތެދެއް ނޫންކަމަށް އަޅެ ބުނެބަލަ،” އަހަރެން އޭނާއާ ދިމާލަށް އެނބުރިލީމެވެ.

“ކަލޭ ތީ މޮޔައެއް،” އޭނާ ދެލޯ މައްޗަށް އަރުވާލަމުން އަހަރެންގެ ކައިރިން ލާފައި ހިނގައިގަތެވެ.

“އަހަންނަށް އެނގޭ،” އަހަރެން މަޑުމަޑުން ބުނީމެވެ.

“ކީކޭ؟” އޭނާ ހިނިތުންވެލިއެވެ.

“ކަލެއަށް އެ އަޑު ނީވޭ ކަމަށް ހެދެނީތަ؟” އަހަރެން ބުނީމެވެ.

“ކަލޭ ތިބުނީ ރަނގަޅަށް،” އޭނާ ހީލިއެވެ.

“ކަލޭ ތީ ހާދަ އުނދަގޫ ބޮޑު މީހެކޭ،” އަހަރެން ކަޅި އަޅާލީމެވެ.

“އަހަރެން ހީކުރީ އެއީ ކަލޭގެ ވަޒީފާ ކަމަށް،” އޭނާ ހުރީ ވަރަށް މަޖާވެފައެވެ.

“އެންމެ ރަނގަޅު، ގޯސްކޮށް އުޅޭ. ދެން އަހަރެން ކަލެއާ ވާހަކައެއް ނުދައްކާނަން،” އަހަރެން ފޫހިވެފައި ބުނީމެވެ.

“ނަސީބެއްނު!” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

“ކޮންމެއަކަސް،” އަހަރެން ކުދިކިޔާލީމެވެ.

“އަހަންނަށް ހުއްދަ ލިބިއްޖެ ކަލޭ ބޭނުން އިރަކު އެ ފެންގަނޑު ކައިރިއަށް ގެންދަން،” އޭނާ އުނދަގޫ ގޮތަކަށް ބުންޏެވެ.

“ތޭންކްސް،” އަހަރެންވެސް ހަމަ އެފަދަ ގޮތަކަށް ޖަވާބު ދިނީމެވެ. “އަހަރެން ގޮވައިގެން ދާނީ ކަލޭތަ؟”

“އަހަރެން ބުނި އެއްޗަކީ އެއީ އެއް ނޫންތަ؟” އޭނާ ބުންޏެވެ.

“ކީއްވެ ނުވާނީ…”

“ކިޔާމް؟ ހަމަ އަސްލުވެސްތަ؟ ކީއްވެ؟ އޭނާ އަނެއްކާވެސް ކަލޭގެ ގައިގައި ދަތްއެޅުމުން އަނެއްކާވެސް ފެނަށް ވައްޓާލަންތަ؟” އޭނާ ކަޅިއަޅާލިއެވެ.

“އަހަރެން ބުނީ ފައުޒާގެ ވާހަކަ. ކޮންމެއަކަސް، ކިޔާމް ގަސްތުގައި ކުރި ކަމެއް ނޫން އެއީ!” އަހަރެން އުނދަގޫވެފައި ބުނީމެވެ. “އަދި އަހަރެން އޭނާއަށް ދެން އެފަދަ ފުރުސަތެއް ނުދެންޏާ، އޭނާއަކަށް އެފަދަ ކަމެއް ނުކުރެވޭނެ…”

“އޭނާ ކިސްކޮށްލަން ފުރުސަތު ދޭނެއޭ؟” އޭނާ މަލާމާތްކުރިއެވެ. “ކަލޭ ތިހުރީ ހަމަ އަސްލުވެސް އޭނާއަށް ހިތްކިޔާފަ.”

“ނޫނެކޭ!” އަހަރެން ޝަކުވާ ކުރީމެވެ.

“އާނ، އާނ،” އޭނާ ކުދިކިޔާލިއެވެ.

“އަހަރެން ކަލޭދެކެ ފޫހިވޭ،” އަހަރެންވެސް ހަމަ އެ ރާގުގައި ބުނީމެވެ.

“ކަލޭގެ ފުރާނަ ސަލާމަތްކުރި މީހާ ކައިރީގައި ބުނަން އެންމެ ރަނގަޅު އެއްޗަކީ ތިއީތަ؟” ބަދިގެއަށް ވަދެވުނު ވަގުތު އޭނާ އެހިއެވެ.

“އެ މީހާއަކީ ވަރަށް ރޫޑް މީހެއް،” އަހަރެން ބުނީމެވެ.

މިވެސް ކިޔާލަން:  ސޫރަ - ފަސްވަނަ ބައި

“އަހަރެން ބުނިހެން، އަހަރެން ކަލޭގެ ފުރާނަ ސަލާމަތްކުރިން… ސޯ އަހަރެން ބޭނުން ވަރަކަށް ރޫޑްވެވިދާނެ،” އޭނާ ހިނިތުންވުމަކާއެކު ދޮރު ހުޅުވައިދިނެވެ.

“ކޮންމެއަކަސް،” އަހަރެން ކަޅިއަޅާލަމުން އޭނާގެ ކައިރިން ލާފައި ގޮސް ފައުޒާގެ ކައިރީގައި އިށީނީމެވެ.

އޭނާ ވަރަށް އުފަލުން އިނދެ ހިނިތުންވެލުމުން އަހަރެން އޭނާއާ ދިމާލަށް ކަޅިއަޅާލީމެވެ.

“ފައުޒާ، ކަލޭ ތީ ސިއްރު ހިފެހެއްޓޭނެ މީހެއް ނޫންކަން އެނގޭތަ؟” އަހަރެން ބުނީމެވެ.

“އާނ، އެނގޭ،” އޭނާ ސޭންޑްވިޗުން އެތިކޮޅެއް ކަމުން ލިޔާމްއާ ދިމާލަށް ބަލައިލިއެވެ.

ލިޔާމް ފައުޒާގެ ކުރިމަތީގައި އިށީންނަމުން އަހަރެމެން ދެމީހުންނާ ދިމާލަށް ވާނުވާ ނޭނގިފައި ބަލައިލިއެވެ. “ތިޔަ ދެމީހުން ކޮން ސިއްރެއް ހިފަހައްޓަން ތި އުޅެނީ؟” އޭނާ ކޮއްކޮއާ ދިމާލަށް ބަލައިލިއެވެ.

“އޯ، އެއްވެސް ކަމެއް ނޫން ލިޔާމް، އެއްވެސް ކަމެއް ނޫން،” އޭނާ ހިނިތުންވެލިއެވެ.

“އޭނާއަކަށް އެއްވެސް އެއްޗެއް ނޭނގޭނެ… އަހަރެން ބުނީމެއްނު…”

“ހުޝް،” އޭނާ އަހަރެން ހުއްޓުވިއެވެ. “އޭނާ އެކަން ފޮރުވަނީ،” އޭނާ އަހަންނާ ދިމާލަށް ސީރިއަސްކޮށް ބަލައިލިއެވެ.

“އަހަރެންގެ ޚިޔާލު ބަދަލުވެއްޖެ… ކަލެއަކަށް އެއްވެސް އެއްޗެއް ނޭނގޭ. ހުއްޓާލަފާނަންތަ؟” އަހަރެން އޭނާއާ ދިމާލަށް ކަޅިއަޅާލީމެވެ.

“އަހަރެން ބުނީ ތެދެއްކަން އެނގޭ ދުވަހަކުން ކަލޭ އަހަންނަށް ޝުކުރު އަދާކުރާނެ،” އޭނާ ބުންޏެވެ.

“ނޫން، އަހަރެން ނުކުރާނަން… ކަލޭ ބުނީ ތެދަކަށް ވިޔަސް، އެއީ އަހަންނަށް މުހިންމު ކަމެއް ނޫން،” ކާ އެއްޗިއްސަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ.

“ތިޔަ ދެމީހުންނަށް މިހާރު ކިހިނެއްވެގެންތަ ތި އުޅެނީ؟” ލިޔާމް އިނީ ފޫހިވެފައެވެ.

އަހަރެން ހިނިތުންވެލީމެވެ. “މީހުން ބާކީކޮށްލުމުން ކުރެވޭ އިހުސާސް މިހާރު އެނގިއްޖެ ދޯ؟” އަހަރެން އޭނާއަށް ބަލައިލީމެވެ.

“ހަނުހުރޭ، ކުޑަކުއްޖާ. ކަލެއަށް އެއްވެސް އެއްޗެއް ނޭނގޭނެ،” އޭނާ އަތްމައްޗަށް އަތް އަރުވައިގެން ފަހަތަށް ލެނގިލިއެވެ.

“އާނ، ތި ފެށުނީ އަނެއްކާވެސް އަމިއްލަ ހިޔަލަށް ވަންނަން. މާތްކަލާކޯ، އަހަންނަށް ކަލޭ އެނގޭތާ އަދި މިވީ ތިން ދުވަސް، އެކަމަކު ކަލޭގެ އާދަތައް މިހާރު އަހަންނަށް އެނގޭ. ކަލެއަކީ ވަރަށް ފަސޭހައިން ދެނެގަނެވޭނެ މީހެއް… ހުޅުވާލެވިފައިވާ ފޮތެއް ފަދަ،” އަހަރެން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ބުނީމެވެ.

“ފަހަރެއްގައި ކަލޭ ތި ބަލަނީ މާ ބޮޑަށް ކަމަށް ވެދާނެ،” އޭނާ އެއްލޯ އަރުވާލިއެވެ.

“އޯ؟” ފައުޒާ މެދުކަނޑާލިއެވެ.

“އެއްގޮތަކަށްވެސް ތިހެންނެއް ނޫން… އަހަންނަށް ހީވަނީ ކަންކަން އޮޅުވާލަނީ ކަލޭހެން. އަދި ކަލޭ ތިހެން ތި ހަދަނީ ހަމައެކަނި އަހަރެން ރުޅިއަރުވަން،” އަހަރެން ބުނީމެވެ.

“އާނ، އާނ،” އޭނާ ފޫހިވެފައި ބުންޏެވެ.

ކައި ނިމުމުން އަހަރެމެން ބަދިގޭގައި ތިބީ އުނދަގޫ ހިމޭންކަމެއްގެ ތެރޭގައެވެ.

“ދެން ލޭއިންސިން ވަގުތު ހޭދަކުރަން ކުރަނީ ކޮން ކަމެއްގަ؟” އަހަރެން ސުވާލުކުރީމެވެ.

“ލިޔާމް ގިނަ ވަގުތު އިންނަނީ ކޮޓަރީގައި ފޫހިވެފަ،” ފައުޒާ މަލާމާތްކޮށްލިއެވެ.

“ނޫން، ފައުޒާ، ހަނުހުރޭ!” އޭނާ ބާރަށް ބުންޏެވެ.

“އެއީ ހަމަ ކަލޭ އުޅޭނެ ގޮތް،” އަހަރެން ފައުޒާއާއެކު ހޭން ފެށީމެވެ.

“މަށަށް ހީވަނީ އޭނާ އެތަނުގަ އިނދެގެން، އެއްވެސް މީހަކަށް އޭނާ އަންޑަސްޓޭންޑް ނުވާ ކަމަށް ބުނެ އަސަރުގަދަ ޅެންތައް ލިޔަނީހެން،” ފައުޒާ ހިނިގަނޑެއް ޖަހާލިއެވެ.

“އާނ، މަށަށް ހީވަނީ އޭނާގެ ކޮޓަރި ޗެކްކޮށްފިނަމަ ޑައިރީއެއްވެސް ފެންނާނެހެން،” އަހަރެން ބުނީމެވެ.

“އަހަންނަށް އެބައޮތް ފެނިފަ!” ފައުޒާ އުފަލުން ބުންޏެވެ.

“ޝަޓަޕް! ނުފެންނާނެ! އަހަރެން ޅެމެއް ނުލިޔަން، އަދި ޑައިރީއެއްވެސް ނުގެންގުޅެން!” ލިޔާމް ރުޅިއައިސްގެން ތެދުވިއެވެ.

“އޭ، ލިޔާމް، ލަދުގަންނާނެ ކަމެއް ނެތް،” އަހަރެން އޭނާއަށް މަލާމާތް ކުރީމެވެ.

“ފައުޒާ، ކަލޭ ތި ހިތްވަރު ދެނީ އޭނާއަށް!” އޭނާ ޝަކުވާ ކުރިއެވެ.

“އަހަރެން އޭނާ ދެކެ ލޯބިވޭ… އެންމެ ފަހުން މިގޭ ތެރެއިން ވާހަކަދައްކާލާނެ މީހަކު މި ލިބުނީ،” ފައުޒާ އަހަންނަށް ބަލައިލަމުން ބުންޏެވެ.

“އަހަރެން ބޭނުމެއް ނޫން ތިޔަ ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރާކަށް،” ލިޔާމް ޝައްކުގެ ނަޒަރަކުން އަހަރެމެންނަށް ބަލައިލިއެވެ.

“ކީއްވެ؟ ކަލޭގެ ނުރައްކާތެރި ސިއްރުތައް އަހަންނަށް އެނގިދާނެތީ ބިރުގަންނަނީތަ؟” އަހަރެން ހިނިތުންވެލީމެވެ.

“އޯހ، އަހަރެން އަތުގަ އެފަދަ އެތައް ސިއްރެއް އެބަހުރި،” ފައުޒާ ބުންޏެވެ.

“ވަރަށް ސަޅި،” އަހަރެމެން ދެމީހުން ލިޔާމްއާ ދިމާލަށް ބަލައިލީމެވެ.

“ކޮންމެއަކަސް، އަހަރެން މިދަނީ،” ލިޔާމް ހަޅޭއްލަވައިގަނެފައި އެތަނުން ދިޔައެވެ.

އޭނާ ދިޔުމާއެކު އަހަރެމެން ދެމީހުންނަށް ވަރަށް ބާރަށް ހެވުނެވެ. އަދި އެ ހިނިގަނޑު މައިތިރިވީ އިރުކޮޅަކުން ކިޔާމް އެތަނަށް އައުމުންނެވެ.

“އޯ، ހަލޯ،” ފައުޒާ ހެމުން ހެމުން ބުންޏެވެ.

“އާނ، ފައުޒާ،” ކިޔާމް ބޯޖަހާލިއެވެ. “އަޒްމާރާ.”

“ހަލޯ، ކިޔާމް،” އަހަރެންވެސް ބޯޖަހާލީމެވެ.

“ކީއްވެ ތިހާ އުފަލުން ތި ތިބީ؟” އޭނާ އައިސްއަލަމާރި ކައިރީގައި ހުއްޓެމުން އެހިއެވެ.

“ހަމަ މަޖާކޮށްލަނީ،” ފައުޒާ ޖަވާބު ދިނެވެ.

“ލިޔާމްއާތަ؟” ކިޔާމް ހައިރާންވެފައި އެހިއެވެ. ދެން އޭނާގެ މޫނުމަތިން ނަސޭހަތްދޭ ކަހަލަ ކުލަވަރެއް ފެނުނެވެ. “ފައުޒާ، ކަލޭ އޭނާއަށް އެގޮތަށް އުނދަގޫކޮށްގެން ނުވާނެ. އޭނާ އަބަދުވެސް ހުންނަނީ ގޯސް މިޒާޖެއްގަ،” ކިޔާމް ބުންޏެވެ.

“ކިޔާމް، އެއީ ހަމަ މަޖަލަކަށް ކުރާ ކަމެއް. ކުޑަކޮށް ހަމަޖެހިބަލަ،” ފައުޒާ ބުންޏެވެ. “އަދި އެހެން ނޫނަސް އަހަރެން ކުރާ ކަމަކުން އޭނާ ހިތްހަމަނުޖެހިފައެއް ނުހުންނާނެ.”

“އާނ، މަށަށް އެނގޭ،” އޭނާ ފެން ފުޅިއެއް ހިފައިގެން އައިސް އިށީނެވެ. “އަހަރެން ކުރާ ކޮން ކަމަކުންބާ އޭނާ އެހާ ރުޅިގަދަވަނީ؟”

“ކަލޭ ކުރާ ކަމަކުންނެއް ނޫން، ކަލޭ ފެނުމުންވެސް އޭނާ ރުޅިއާދޭ،” ފައުޒާ ސީދަލަށް ބުންޏެވެ.

“ފައުޒާ!” އަހަރެން ސިހިފައި ގޮވާލީމެވެ.

“އަޒްމާރާ، މިއީ ތެދެއްކަން ކަލެއަށްވެސް އެނގޭނެ،” ފައުޒާ ބުންޏެވެ.

“އަހަންނަކަށް ތިޔަ އާއިލާގެ ކަންކަމަކަށް ފާޑެއް ނުކިޔޭނެ،” އަހަރެން ކިޔާމްއާ ދުރަށް ބަލައިލީމެވެ.

“އަދި ކަލެއާ ދޭތެރޭ އޭނާ އެގޮތަށް ކަންތައް ނުކުރަނީ ކީއްވެ؟” ކިޔާމް ފައުޒާއާ ސުވާލުކުރިއެވެ.

“ސަބަބަކީ ކަލެއަކީ ކަލެއަށްވެފައި، އަހަންނަކީ، އަހަންނަށް ވީމަ… ވިސްނިއްޖެ؟” އޭނާ އުނދަގޫ ގޮތަކަށް ބުންޏެވެ.

“އެއްގޮތަކަށްވެސް ނުވިސްނޭ،” އޭނާގެ ބޭބެ ބުންޏެވެ.

“ކަލޭ މިތަނުގައި ހުރުމުންވެސް އޭނާގެ ހިތަށް އުނދަގޫވޭ، ސަބަބަކީ ކަލެއަކީ ކާކުކަން އޭނާއަށް އެނގޭތީ. އެކަމާ ކުރެވޭނެ އެއްވެސް ކަމެއް ނެތް، ކިޔާމް. އޭނާ އެގޮތަށް އުޅެނީ އޭނާގެ އަމިއްލަ ސަބަބުތަކަކަށްޓަކާ، އަދި އެ ސަބަބުތަކާ ހުރެ އޭނާ ކަލޭދެކެ ލޯބިނުވަނީ. ސޯ ސޮރީ، ބަޓް އިޓްޒް ދަ ފެކްޓް،” އޭނާ ބުންޏެވެ.

“އާނ، މަށަށް އެނގޭ،” ކިޔާމް ބުންޏެވެ.

“އޯކޭ، މާ ބޮޑަށް ދެރަނުވޭ. ހިނގާ އަޒްމާރާ، މަޖާ ކަމެއް ކުރަން ދަމާ،” ފައުޒާ އަހަރެންގެ އަތުގައި ހިފައިގެން ބަދިގެއިން ނުކުތެވެ.

“ސޮރީ، އޭނާގެ ކައިރީގަ ހުރުމަކީ ވަރަށް އުނދަގޫ ކަމެއް،” ފައުޒާ މަޑުމަޑުން ބުންޏެވެ. “އެހެންވެ އަހަރެން ލިޔާމްދެކެ މާ ލޯބިވަނީ. އޭނާގެ ހިތުގައި އޮންނަ އެއްޗެއް އޭނާ ބުނާނެ. އޭނާ އެއްވެސް ކަމެއް ފޮރުވާފައެއް ނުބަހައްޓާނެ.”

“ކޮންމެއަކަސް،” އަހަރެން ބުނީމެވެ.

“ހޭއި،” ލަޔިލް އަހަރެމެންގެ ކައިރިއަށް އައެވެ.

“ހޭއި، ލަޔިލް. ކޮން ކަމަކު ތި އުޅެނީ؟” އަހަރެން އެހީމެވެ.

“އޯ، މާ ބޮޑު ކަމެއް ނޫން. އަންހެނުން ހައްލާލުމާ، ލޭ ބުއިމާ، ސަންދޯކުގަ ނިދުމުގަޔާ… އާދައިގެ ކަންކަން،” އޭނާ މަޖާކޮށްލިއެވެ.

ފައުޒާ ހޭން ފެށިއެވެ.

އަހަރެންވެސް ހީލީމެވެ.

“ހަގީގަތުގަ… އަހަރެން ކޮޓަރީގަ އިނދެގެން ވީޑިއޯ ގޭމް ކުޅެނީ… ވަރަށް ފޫހި. ތިޔަ ދެމީހުން ކޮންތާކަށް؟” އޭނާ އެހިއެވެ.

“އަހަރެމެން މިދަނީ ފިލްމެއް ބަލަން. އަންނާނަންތަ؟” ފައުޒާ އެހިއެވެ.

“އަންހެން ކުދިންގެ ވާހަކަދެއްކުމާއި ފިލްމު ބެލުން؟މަށަށް އޯކޭ!” އޭނާ މަޖާ ރާގަކަށް ބުންޏެވެ.

“ސަޅި، ލަޔިލް،” އަހަރެން ހީލީމެވެ.

“އެކަމަކު ހަމަ އަސްލުވެސް ބުނެބަލަ… އަންހެން ކުދިންގެ ސިއްރު ވާހަކަތައް ދައްކާނެތަ؟އަންހެނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ދެނެގަތުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އަހަރެން ހިފަން ބޭނުން،” އޭނާ ޝައުގުވެރިކަމާއެކު ބުންޏެވެ.

“އެއީ އެހާ މަޖާ ކަމެއް ނޫން. ޓްރަސްޓް މީ،” އަހަރެން ހީލަމުން ބުނީމެވެ.

“ހަމަ އަސްލުވެސްތަ؟ އަހަރެން ހީކުރީ…”

“އަހަންނަށް ހީވަނީ އެއީ މަޖާ ކަމެއްހެން،” ފައުޒާ ހިނިތުންވެލިއެވެ.

“ކަލެއަށް ހީވާނެ،” އަހަރެން ލާނެތް ގޮތަކަށް ބުނީމެވެ.

“އާނ، ހަމަ ޔަގީން،” އޭނާ މަލާމާތްކޮށްލިއެވެ.

“އޯކޭ، އޯކޭ… ކޮން ފިލްމެއް ބަލާނީ؟” އޭނާ ހިނިތުންވުމަކާއެކު އެހިއެވެ.

“ނޭނގެ،” އަހަރެން ފައުޒާއަށް ބަލައިލީމެވެ.

“ޑިޒްނީ މެރަތަންއެއް؟” އޭނާ ހުށަހެޅިއެވެ.

“މަށަށް އޯކޭ،” ލަޔިލް އެއްބަސްވިއެވެ.

“އަހަރެންވެސް ބައިވެރިވާނަން،” އަހަރެން ހިނިތުންވެލީމެވެ.

“ސަޅި، ތިޔަ ދެމީހުން އަޒްމާރާގެ ކޮޓަރިއަށް ދޭ، އަހަރެން ފިލްމުތައް ހިފައިގެން އިރުކޮޅަކުން ދާނަން،” ފައުޒާ ބުންޏެވެ.

“އޯކޭ،” އަހަރެން ޖަވާބު ދިނީމެވެ. އަދި އަހަރެންނާއި ލަޔިލް ސިޑިއާ ދިމާލަށް ހިނގައިގަތީމެވެ.

“ހަލޯ،” ވެލީނާ ސިޑީގެ މަތީގައި ހުރެ އަހަރެމެންނަށް ހިނިތުންވެލިއެވެ.

“ކީއްކުރަނީ؟” ލަޔިލް އެހިއެވެ.

“ޑިޒްނީ ފިލްމު ބަލަން އުޅޭ ވާހަކަ އިވުނު،” އޭނާ ހިނިތުންވެލިއެވެ. “އަހަރެންވެސް ބައިވެރިވާނަން.” އަހަރެމެން ސިޑީގެ މައްޗަށް އެރި ވަގުތު އޭނާ ބުންޏެވެ.

“ސަޅި،” އަހަރެން ހިނިތުންވެލީމެވެ.

“ހޭއި، ލަޔިލް، ގޮސް ކާނެ އެއްޗެއް ހޯދައިގެން އައިސްބަލަ،” ވެލީނާ ބުންޏެވެ.

“އާނ، މިދަނީ،” އޭނާ ޖަވާބު ދީފައި ދިޔައެވެ.

“ކިޔާމްގެ ވާހަކަ އިވުނު،” ވެލީނާ ބުންޏެވެ.

“ކިހިނެއް؟” އަހަރެން އެހީމެވެ.

“ކިޔާމް ކިޔައިދިނީ،” އޭނާ ބުންޏެވެ.

“އޯ،” އަހަރެން ބިމަށް ބަލަހައްޓައިގެން ހުރީމެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 2

“އޭނާ ހުރީ ވަރަށް ދެރަވެފަ،” ވެލީނާ ބުންޏެވެ.

“އަހަންނަށް އެނގެއޭ ވެލީނާ،” އަހަރެން ފުން ނޭވާއެއްލީމެވެ. “އެކަމަކު އަހަރެންގެ ސައިޑުންވެސް ވިސްނާލަބަލަ. އޭނާ ކުރި ކަމަކީ ވަރަށް ނުރައްކާތެރި ކަމެއް. އޭނާއަށް ހުއްޓާލެވުނުކަން އެއީ އަހަރެން ނަސީބު ގަދަކަން.”

“އެކަމަކު އެއީއޭ މުހިންމު ކަމަކީ،” އޭނާ ފޯރިއާއެކު ކުރިއަށް ގެންދިޔައެވެ. “އޭނާ ހުއްޓާލި! އެއަށް ވަރަށް ބޮޑު ހިތްވަރެއް ބޭނުންވާނެ.”

އަހަރެން އޭނާގެ ދެލޮލަށް ބަލާކަށް ބޭނުމެއް ނުވިއެވެ. “އެއީ މުހިންމު ކަމެއް ނޫން. ކޮންމެއަކަސް، މިހާރު އަހަރެން ރަނގަޅު. އެހެންވީމާ އޭނާ ދެން ކަންބޮޑުވާނެ ކަމެއް ނެތް.”

“ލިޔާމްގެ އެހީތެރިކަމާއެކު… އަދި ލިޔާމް އެކަމާ ކިޔާމްއަށް ވަރަށް މަލާމާތްކުރޭ،” އޭނާ ފުން ނޭވާއެއްލިއެވެ.

“ހަމަ އަސްލުވެސްތަ؟” އަހަރެން ހައިރާންވެފައި އެހީމެވެ.

“ލިޔާމްއަކީ ރޫޑް މީހެއް، އަދި ކިޔާމްއަކީ އެހާ މަޑުމައިތިރި މީހެއް ކަމުން އޭނާއަކަށް ބޭބެއަށް ރައްދު ދޭކަށް ނޭނގޭ،” އޭނާ ބުންޏެވެ.

“ހަމަ އަސްލުވެސްތަ، ވެލީނާ؟” ފައުޒާ އަހަރެމެންނާ ދޮރުމަތިން ބައްދަލުވިއެވެ.

އަހަރެމެން ކޮޓަރިއަށް ވަނީމެވެ.

“ކީކޭ ތިބުނީ؟” އަހަރެން އެނދުގައި އިށީނުމުން އޭނާ އެހިއެވެ.

“ކަލޭ ތި އުޅެނީ ކިޔާމްއަކީ ވަރަށް މޮޅު މީހެއްކަން ދައްކަން،” ފައުޒާ އަހަރެންގެ ކައިރީގައި އިށީނެވެ. “ކޮބާ ލަޔިލް؟” އޭނާ އަހަރެން ގާތު އެހިއެވެ.

“އޭނާ…”

“ކަލޭވެސް ލިޔާމްއާ މެދު ތިހެން ނޫންތަ ކަންތައް ކުރަނީ؟” ވެލީނާ އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

“އެއްގޮތަކަށްވެސް އެހެނެއް ނޫން،” ފައުޒާ ބުންޏެވެ. “އަހަރެން މި ދައްކަނީ ފެންނަން ހުރި ހަގީގަތުގެ ވާހަކަ.”

“އާނ، ހަމަ ޔަގީން،” ވެލީނާ ބުންޏެވެ.

“ކޮންމެއަކަސް! އަހަރެން ލިޔާމްއަކީ އޭނާ ނޫން ކަހަލަ މޮޅު މީހަކަށް ހަދާކަށް ނޫޅެން. އަހަރެން މި ބުނަނީ ތެދަށް. ކަލެއަށް އެނގޭނެ ކިޔާމްވެސް ލިޔާމްއާ އަބަދުވެސް ދެކޮޅަށް ވާހަކަދައްކާކަން!” ފައުޒާ ރުޅިއައިސްފައި ބުންޏެވެ.

“އެއީ ލިޔާމް އަބަދުވެސް ކަންތައްތައް ފަށާތީ!” ވެލީނާ ރައްދު ދިނެވެ.

“އެއީ ކިޔާމް މުޅި ގޭތެރޭގައި އޭނާއަކީ އެންމެންނަށްވުރެ މޮޅު މީހެއް ކަމަށް ހެދިގެން އުޅޭތީ އޭނާއަށް ކެތްނުކުރެވެނީ. އެކަމާ ކަލޭވެސް ފޫހިވާން ޖެހޭނެ!” ފައުޒާ ބުންޏެވެ.

“އޭނާ އެހެންނެއް ނޫޅޭ! އޭނާއަކީ ރަނގަޅު މީހެއް،” ވެލީނާ އަހަންނާ ދިމާލަށް ބަލައިލިއެވެ. “ކަލޭ ކީކޭ މިކަމަށް ބުނަނީ، އަޒްމާރާ؟”

“އަހަރެން…” އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް އަހަންނަކަށް ނޭނގެ،” އަހަރެން ބުނީމެވެ. ކިޔާމްގެ ބޮސްދިނުމާ މެދު އަހަރެން ހިތްހަމަޖެހުނު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަދި ލިޔާމް… އޭނާއަކީ ހަރުކަށި، ގޯސް މީހެއް ނަމަވެސް، އޭނާގެ ކިބައިގައި ދަމައިގަންނަ ސިފައެއް އެބަހުއްޓެވެ. އަހަންނާ ދިމާލަށް ލިޔާމް ހަޅޭއްލަވާ ކޮންމެ ފަހަރަކު އަހަރެން އޭނާގެ ގައިގައި، އޭނާގެ ތުންފަތުގައި ބޮސްދޭން ބޭނުންވެއެވެ. އަނެއްކޮޅުން ކިޔާމްއަކީ ވަރަށް އޯގާތެރި މީހެކެވެ.

“އޭނާއަށް މަޖުބޫރު ނުކުރޭ،” ފައުޒާ އަހަރެންގެ ކައިރިއަށް ޖެހިލިއެވެ.

“އަހަރެން މަޖުބޫރެއް ނުކުރަން،” އޭނާވެސް އަހަރެމެންނާ ބައިވެރިވެ އަހަންނާ ދިމާލަށް ބަލައިލިއެވެ. “އޭނާ ހަގީގަތުގައިވެސް ކަލެއަށް ކެއަރކުރޭ.”

“އެކަމަކު ލިޔާމްއަކީ ޖެއްސުން ބޮޑު ނަމަވެސް މަޖާ މީހެއް. އޭނާ ކަލެއަށް ޖެއްސުންކުރަން ލޯބިކުރޭ، އަދި އަހަންނަށް އެނގޭ ކަލޭވެސް އެކަމާ ގަޔާވާކަން. އެއީ މުހިންމު ކަމަކީ،” ފައުޒާ ހިނިތުންވެލިއެވެ.

“އޯކޭ، ތިޔަ ދެމީހުން ދެން ‘ޓީމް ލިޔާމް’ އަދި ‘ޓީމް ކިޔާމް’ ޓީޝާޓު ނެރެންތަ ތި އުޅެނީ؟ އަހަރެން ތިކަމުގަ ބައިވެރިއެއް ނުވާނަން،” އަހަރެން ބުނީމެވެ.

“ކާނެ އެއްޗެހި ލިބިއްޖެ،” ލަޔިލް އަތް ފުރާ ޗިޕްސްއާއި ޕޮޕްކޯން ހިފައިގެން ވަނެވެ. “އަދި މެހެމާނަކުވެސް އެބަހުރި،” އޭނާ މިހެން ބުނުމާއެކު ފަހަތުން ލިޔާމް ފެނުނެވެ.

“އަހަރެން މަޑުކުރާނީ ތިޔަ ދެމީހުންގެ މޮޔަ ހިނިގަނޑު ހުއްޓާލިއްޔާ،” އޭނާ ފައުޒާއަށާއި އަހަންނަށް ބަލައިލިއެވެ.

“އާނ، ހަމަ ޔަގީން،” ފައުޒާ މިހެން ބުނުމަށްފަހު ހީގަތެވެ. އަހަރެންވެސް އޭނާއާ ބައިވެރިވީމެވެ. ލިޔާމް ފޫހިވެފައި އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

“ދޮގު ނުހަދާ، ކޮންމެ ގޮތެއް ވިޔަސް ކަލޭ މަޑުކުރާނެކަން އެނގޭ،” ފައުޒާ މަޑުމަޑުން ބުންޏެވެ. އޭނާ އިނީ ލިޔާމްއާ އެންމެ ކައިރީގައެވެ.

އަހަރެން އޭނާގެ ހަރަކާތްތަކަށް ބަލައިލީމެވެ. އޭނާގެ މޫނުމަތިން މާ ބޮޑު ބަދަލެއް ނުފެނުނު ނަމަވެސް، އެ ހަރުކަށިކަން ކުޑަކޮށް ކެނޑި، ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. އެއީ ތެދުވެރި ހިނިތުންވުމެކެވެ. އޭނާ އޭނާގެ ކޮއްކޮއަށް ބަލައެއް ނުލައެވެ؛ އޭނާގެ ނަޒަރު ހުރީ ސީދާ ކުރިމައްޗަށެވެ. “ދެން އަހަރެމެން ތިޔަ ފިލްމެއް ބަލަން ފަށަންވީއެއް ނޫންތަ؟” އޭނާ ފޭކް ފޫހިކަމަކާއެކު ބުންޏެވެ.

“އާނ، ދެން މި ފަށަނީ،” ފައުޒާ ތެދުވެ ފިލްމު އެޅުވިއެވެ. “އަހަރެމެން ފަށާނީ ‘ބިއުޓީ އެންޑް ދަ ބީސްޓް’ އިން. މަށަށް ހީވަނީ އެ ފިލްމު މި މަސްރަހާ ވަރަށް ގުޅޭހެން،” އޭނާ އެނދުގައި އިށީންނަމުން އަހަންނަށް ބަލައިލާފައި މަލާމާތުގެ ހިނިތުންވުމެއް ދިނެވެ.

ފިލްމު ފެށުމުން އެންމެން ހަމަޖެހިލައިގެން ތިއްބެވެ.

“މަޑުކުރޭ، މަޑުކުރޭ،” ފައުޒާ ފިލްމު މެދުކަނޑާލިއެވެ. “އަހަރެމެން އެންމެން ނިދާ ހެދުން ލާންވީނު، ފަހަރެއްގައި މުޅި ރޭ ނުނިދާ ފިލްމު ބަލަން ތިބެން ޖެހިދާނެ.”

“ރަނގަޅު ވާހަކައެއް،” ލަޔިލް ބުންޏެވެ. އޭނާއާއި ވެލީނާ ވަގުތުން އެތަނުން ދިޔައެވެ.

“ހިނގާ އަޒްމާރާ،” ފައުޒާ އަހަރެން ގޮވައިގެން ހިނގައިގަތެވެ. ދެން އޭނާ މަޑުޖެހިލިއެވެ. “ލިޔާމް، ކަލޭ ހެދުން ބަދަލުކުރާނަންތަ؟”

އަހަރެމެން ދެމީހުންވެސް އޭނާއާ ދިމާލަށް ބަލައިލީމެވެ. އޭނާ އިނީ އެއްވެސް ހަރަކާތެއް ނެތި، ހުސް ބިމަށް ބަލަހައްޓައިގެން، ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.

“ލިޔާމް؟” ފައުޒާ އަނެއްކާވެސް ގޮވާލިއެވެ. “ލިޔާމް!” އޭނާ ބާރަށް ބުންޏެވެ.

“ކީކޭ؟” އޭނާ ސިހިފައި ބަލައިލިއެވެ. “އޯ، އާނ. އަހަރެންވެސް ހެދުން ބަދަލުކުރާނަން.” އޭނާ ތެދުވެ އަހަރެމެންގެ ކައިރިން ލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ލިޔާމްގެ ކިބައިން ދެންމެ އެ ފެނުނީ ވަރަށް އާދަޔާ ޚިލާފު ކަމެއް،” ފައުޒާ ބުންޏެވެ. މިހެން ބުނުމާއެކު އޭނާ އަހަރެން ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އޭނާގެ ސިލްކް ނިދާ ހެދުމަށް ބަދަލުވުމަށްފަހު، އަހަންނަށްވެސް ހެދުމެއް ދިނެވެ. އަހަރެން އެ ހެދުން ލުމަށްފަހު ކަމެއް ފާހަގަވިއެވެ.

“މީ ކޯއްޗެއް؟” އަހަރެން ސިހިފައި އެހީމެވެ.

“ނިދާ ހެދުމެއް،” އޭނާ ބުންޏެވެ.

“މީ ނިދާ ހެދުމަކަށްވުރެ މާ ކުރު ހެދުމެއް،” އަހަރެން ރައްދު ދިނީމެވެ.

“އަޅާނުލާ،” އޭނާ ހިނިތުންވެލިއެވެ. ” މި ހެދުމުގަ އަހަރެން ފެނުނީމާ ރިޝްވާން ވަރަށް ލައިކްވޭ.”

“އޯ، މިއަދު ކުރިން ކަލޭގެ ގައިމަތީގައި އޮތް މީހާ ދޯ؟” އަހަރެން ފޫހިވެފައި ބުނީމެވެ. “ވަރަށް ސަޅި،” އަހަރެންގެ ކޮޓަރިއަށް ވަންނަމުން އަހަރެން ބުނީމެވެ.

“ކީއްވެ ތިހާ ލަސްވީ؟” ލަޔިލް ޝަކުވާ ކުރިއެވެ.

އެންމެން ތިބީ ކޮޓަރީގައެވެ. ވެލީނާއާއި ލަޔިލް އެނދުގައި ތިބިއިރު، ލިޔާމް އިނީ ގޮނޑީގައެވެ. އަހަރެންނާއި ފައުޒާ އެނދަށް އެރުމުން އޭނާ ފިލްމު ޖެއްސިއެވެ.

“ސޮރީ،” އޭނާ ބުންޏެވެ. “އަހަރެން މިއީ ކަނޑުރެއްސިއެއް ގޮވައިގެން އުޅޭ މީހާއެއްނު.”

“ޝަޓާޕް،” އަހަރެން އޭނާއާ ދިމާލަށް ޕޮޕްކޯން ކޮޅެއް އެއްލީމެވެ. އެންމެން ހޭން ފެށިއެވެ. ލިޔާމް ފިޔަވައެވެ. ނަމަވެސް އެއީ އޭނާގެ އާދައެވެ. ދެން އަހަރެމެން ފިލްމު ބަލަން ފެށީމެވެ. ފައުޒާ މި ފިލްމު މި މަސްރަހާ ގުޅޭ ކަމަށް ބުނީ ކީއްވެގެންކަމާމެދު އަހަރެން ވިސްނާލީމެވެ. އަހަރެންނާއި ލިޔާމް. އޭނާ އިޝާރާތް ކުރީ އެކަމަށްކަން އަހަންނަށް އެނގެއެވެ. ލިޔާމްއަކީ ‘ބީސްޓް’ އެއްގެ ގޮތުގައި ސިފަކޮށްލުމުން އަހަންނަށް އަމިއްލައަށް ހެވުނެވެ.

ފިލްމު ނިމުނުއިރު އެ ދެމީހުން ގުޅުނެވެ. ‘ބީސްޓް’ އޭނާގެ ލޯބި ހާމަކުރުމުން، ބެލް އެކަން ގަބޫލުކުރިއެވެ. އަދި ‘ބީސްޓް’ގެ އެ ނުރައްކާތެރި ސިފަ ގެއްލިގެން ދިޔައެވެ. ލިޔާމްގެ މިޒާޖުވެސް ހުރީ ‘ބީސްޓް’ އަކާ ދާދި އެއްގޮތަކަށެވެ. އަދި އަހަރެންގެވެސް ބެލްއާ އެއްގޮތް ކަންތައްތަކެއް ހުރެދާނެއެވެ. އެކަމަކު އޭގެ މާނައަކީ މާ ބޮޑު ކަމެއް ނޫނެވެ.

އަހަރެންނާއި ލިޔާމެއް ދުވަހަކުވެސް ނުގުޅޭނެއެވެ… އޭނާއަކީ ވަރަށް ގޮތްދޫނުކުރާ މީހެކެވެ… އަހަރެންވެސް ހަމަ އެފަދައެވެ. އެހެން ނޫނަސް އެއީ އެހާ މުހިންމު ކަމެއްވެސް ނޫނެވެ… އަހަރެންގެ ހިތުގައި ލިޔާމްއަށްޓަކައި އެއްވެސް އިހުސާސެއް ނެތެވެ!

އަހަރެންގެ ހިތާހިތުން މިހެން ކިޔައިލި ވަރަކަށް، އެއީ ތެދެއް ކަމަށް އަހަންނަށް ގަބޫލުކުރެވެން ފެށިއެވެ.

“‘ބީސްޓް’ އަކީ ގޮތްދޫނުކުރާ މީހެއެއް… ބެލްވެސްމެ”. ފައުޒާ އެހެން އެ ބުނީ އަހަންނަށް ކަމެއް ސާބިތުކޮށްދޭން ހެއްޔެވެ؟

އަހަރެން ފައުޒާއާ ދިމާލަށް ބަލައިލީމެވެ. އޭނާ އިނީ ވަރަށް ޝައުގުވެރިކަމާއެކު ފިލްމަށް ގެއްލިފައެވެ. އޭނާ ދެން އެކަމާ މެދު ނުވިސްނާކަން ޔަގީނެވެ. ނަމަވެސް އަހަންނަށް އެކަން ހިތުން ފިލުވައެއް ނުލެވުނެވެ.

އަހަރެން މަޑުމަޑުން ލިޔާމްއާ ދިމާލަށް ބަލައިލީމެވެ. އޭނާ ޓީވީއަށް ބަލަހައްޓައިގެން އިނެއްކަމަކު، އޭނާ ފިލްމު ބަލާހެނެއް ހީއެއް ނުވެއެވެ.

އަހަރެން އޭނާއަށް ބަލާކަން އޭނާއަށް އިހުސާސްވީ ކަންނޭނގެއެވެ؛ އޭނާ އަހަންނާ ދިމާލަށް އެނބުރިލިއެވެ. ފުރަތަމަ އޭނާ ހައިރާންވީ އަހަރެމެންގެ ދެލޯ ބައްދަލުވުމުންނެވެ. ނަމަވެސް ދެން އޭނާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އަހަންނަށް އެނގުނެވެ.

‘އަހަންނަށް ބެލުން ހުއްޓާލާ، ކުޑަކުއްޖާ.’

އަހަރެން ފޫހިވެފައި މޫނު އަނބުރާލުމަށްފަހު ފިލްމަށް ސަމާލުކަން ދިނީމެވެ.

ފައުޒާ އަހަންނާ ދިމާލަށް އާދަޔާ ޚިލާފު ގޮތަކަށް ބަލައިލިއެވެ. ނަމަވެސް އޭގެ ފަހުން އަހަރެން ހަމަޖެހިލައިގެން އިނީމެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top