މަރިޔަމް ހުރީ ހަނުހިމޭނުންނެވެ. “އަހަރެން މަންމަ ހުއްޓުވަން ޖެހޭނެ.”
“އާނ.” މަރިޔަމް ބުންޏެވެ.
“އަހަރެން ކަލޭގެ ދިފާއުގައި ތެދުވަން ޖެހޭނެ.”
“އާނ.”
“އެއީ މަންމައަށް އޮތް ޙައްޤެއް ނޫންކަން އަހަރެން ބުނަން ޖެހޭނެ.”
“އާނ.”
އޭނާ އިސްދަށަށް ޖެހިއެވެ. “އަހަރެން ބިރުގަތީ މަންމަ މާޔޫސްވެދާނެތީ.”
މަރިޔަމްގެ ލޮލުން ކަރުނަ ފޭދުނެވެ. “އަދި އަހަރެން ގެއްލިދާނެތީ ބިރެއް ނުގަނޭތަ؟”
އޭނާގެ އަތުގައި އެއްވެސް ޖަވާބެއް ނެތެވެ. އެއީ އޭނާގެ ޖަވާބެވެ.
ވަރަށް ގިނައިރު ހިމޭނުން ހުރުމަށްފަހު އޭނާ ބުންޏެވެ. “އަހަރެން ބަދަލުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަކަން އެނގޭ.”
މަރިޔަމް ބޯޖަހާލިއެވެ. “އާނ، ތިޔައީ ތެދެއް.”
“ކަލޭ އެނބުރި އަންނާނެ ކަމަށް އަހަރެން އުންމީދެއް ނުކުރަން.”
މަރިޔަމް އޭނާއަށް ބަލާލިއެވެ. “ތިޔައީ ކަލެއަށް އެންމެ ފަހުން ކަންތައްތައް ވިސްނެން ފަށައިފިކަން އަހަރެން ޤަބޫލުކުރި ފުރަތަމަ ވާހަކައަކީ.”
އިސްމާޢީލަށް ރޮވުނެވެ. ބާރަކަށް ނޫނެވެ. ހަމައެކަނި ކޯތާފަތް މަތިން ފޭދުނު އެންމެ ކަރުނަ ތިއްކެކެވެ. މަރިޔަމް އޭނާގެ ގައިގައި ބައްދައެއް ނުލައެވެ. އަދި އެ ވަގުތެއް ނުޖެހެއެވެ. ބައެއް ޒަޚަމްތަކަކީ ހަމައެކަނި މާފަށް އެދުމަކުން ފަސޭހަވާނެ ކަންކަމެއް ނޫނެވެ. ނަމަވެސް އޭނާ އިސްމާޢީލްދެކެ ނަފުރަތެއް ނުކުރެއެވެ. އޭނާއަށް ވަރަށް މުހިންމު ކަމެއް ވިސްނުނެވެ. މާފުކުރުމަކީ ކުރިން ހުރި ތަނަށް އެނބުރި ދިއުމެއް ނޫނެވެ. އެއީ ވީކަންތައްތަކުގެ ސަބަބުން އޭނާގެ ބާކީ އޮތް ހަޔާތް ވިހަވިޔަ ނުދިނުމެވެ.
މަސްތަކެއް ފަހުން، މާލީ މިނިވަންކަމާއި ނަފްސާނީ އަނިޔާއާ ބެހޭ ގޮތުން ބޭއްވި އަންހެނުންގެ ޕްރޮގްރާމެއްގައި ވާހަކަ ދެއްކުމަށް މަރިޔަމަށް ދަޢުވަތު ލިބުނެވެ. އޭނާ ހުރީ ގަދަ ނޫކުލައިގެ އާދައިގެ ބުރުގާއެއް އަޅައިގެންނެވެ. އޭނާގެ އިސްތަށިގަނޑު މިހާރު ވަނީ ބުރުގާގެ ދަށުގައި ފޮރުވޭވަރަށް ދިގުވެފައެވެ. އޭނާގެ ކުރިމަތީގައި ތިބި އަންހެނުންނަށް އޭނާ ބަލާލިއެވެ. އޭގެ ތެރޭގައި ޒުވާނުންނާއި، މައިންނާއި، އަދި އަލަށް ކައިވެނިކޮށްގެން އުޅޭ ކުދިން ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ކައިވެނިކޮށްގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ.
މަރިޔަމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެން ކުރިން ހީކުރީ އަނިޔާވެރިވުމަކީ ހަމައެކަނި ބާރަށް ހަޅޭއްލަވައި ކަންކަން ކުރުން ކަމަށް.” އޭނާ ބުންޏެވެ.
މުޅި ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ.
“އެކަމަކު އަހަރެން ދަސްކުރި ގޮތުގައި، ބައެއް ފަހަރު އަނިޔާއަކީ ތިމާގެ އަމިއްލަ ލާބައަށްޓަކައި ކުރާ ކަމެއް ކަމަށް ބުނެ ކުރާ ކަންކަން. އަނެއްބައި ފަހަރު އެއީ އާދަކާދައިގެ ނަމުގައި ކުރެވޭ ކަންކަން. ބައެއް ފަހަރު އެއީ ހަމްދަރުދީގެ ސިފައިގައި އަންނަ ކަމެއް. އަނެއްބައި ފަހަރު ފައިސާގެ ބޭނުންކޮށްގެން ކުރާ ކަމެއް. ބައެއް ފަހަރު އެއީ ފިރިމީހާ، މަންމަ ރުޅިނާރުވާށޭ ބުނާ ބުނުން. އަނެއްބައި ފަހަރު އެއީ މައިދައިތަ، މިއީ އަހަރެމެންގެ އާއިލާގައި ކަންކަން ކުރާ ގޮތޭ ބުނާ ބުނުން.”
އޭނާ ކުޑަކޮށް މަޑުކޮށްލިއެވެ. “އަދި ބައެއް ފަހަރު، އަންހެނަކު ހޯދާ ކާމިޔާބީއަކުން އެހެން މީހަކަށް އުނދަގޫވާތީ، އޭނާގެ ހުވަފެންތަކަކީ އަމިއްލަ އެދުން ބޮޑުވުން ކަމަށް ބުނެވޭ ބުނުން.”
ފަހަތުގައި ހުރި އަންހެނަކު އޭނާގެ ލޯ ފުހެލިއެވެ. މަރިޔަމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “މުސްކުޅިންނަށް އިޙުތިރާމް ކުރުމަކީ ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ދޫކޮށްލުމެއް ނޫން. ފިރިމީހާދެކެ ލޯބިވުމަކީ އަމިއްލަ ނަފްސު ޤުރުބާންކުރުމެއް ނޫން. މީހެއްގެ ޅީދަރިއަކަށް ވުމަކީ އެމީހެއްގެ ނޯކަރަކަށް ވުމެއް ނޫން. އަދި މައިދައިތައަކަށް ވުމަކީ އަނެކާގެ ހަށިގަނޑުގެ މައްޗަށް ވެރިވެގަނެވޭނެ ސަބަބެއް ނޫން.”
އޭނާގެ އަޑު ތުރުތުރުލިއެވެ. “އެރޭ އަހަރެންގެ އިސްތަށިގަނޑު ގެއްލުނު.”
އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. “އެކަމަކު އަހަރެންގެ އަމިއްލަ ނަފްސު އަހަރެން ހޯދިން.”
ޕްރޮގްރާމް ނިމުމުން، އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ގާތަށް އައެވެ. އޭނާ މަރިޔަމްގެ އަތުގައި ހިފާލިއެވެ.
“ދަރިފުޅާ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “މީގެ ސާޅީސް އަހަރު ކުރިން މީހަކު މި ވާހަކަތައް އަހަރެން ގާތު ބުނި ނަމައޭ ހިތަށް އަރާ.”
މަރިޔަމް އެ އަންހެން މީހާގެ އަތަށް ބާރުކޮށްލިއެވެ. “އެހެންވީމާ، މިހާރު ތިޔަ ވާހަކަތައް ތިޔަބޭފުޅާގެ އަންހެން ދަރިންނަށް ކިޔައިދީ.”
އެ އަންހެން މީހާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. “އާނ، އަހަރެން ކިޔައިދޭނަން.”
މިއީ މަރިޔަމް އޭނާގެ ހަނދާނުގައި ބެހެއްޓި ވާހަކައިގެ ބައެވެ. އެއީ އޭނާގެ އިސްތަށިގަނޑު ކޮށާލި މެޝިނުގެ ވާހަކައެއް ނޫނެވެ. ލިބުނު ދެރައާއި މަލާމާތުގެ ވާހަކައެއް ނޫނެވެ. މީހުން ދެއްކި ތޯތޯ ވާހަކަތަކެއްވެސް ނޫނެވެ. އަދި ރޫޅެން ދިޔަ ކައިވެނީގެ ވާހަކައެއްވެސް ނޫނެވެ.
އޭނާގެ ހަނދާނުގައި ހުރީ، ހިތްދަތި ކަމަކުން ސަލާމަތްވުމަކީ އެކަމަށްފަހު ކުރިން ހުރި ގޮތަށް ހުންނަންޖެހޭ ކަމެއް ނޫންކަން އިޙުސާސްވި ވަގުތެވެ. އޭނާ އެ ގެއަށް ވަނީ ހިތްހަމަޖެހުން ހޯދުމަކީ ތަދުތައް ހިންދާލުން ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް އެ ގެއިން ނުކުތީ، އަމިއްލަ އަބުރާއި އިއްޒަތާ ނުލައި ލިބޭ ހަމަޖެހުމަކީ އެއީ އެއްވެސް ހަމަޖެހުމެއް ނޫންކަން ދަސްކޮށްގެންނެވެ.
އަހަރެއް ފަހެވެ. އެއްދުވަހެއްގެ ހެނދުނު މަރިޔަމް ލޯގަނޑު ކުރިމަތީގައި ހުރެ އޭނާގެ ބޮލުގައި އޮތް ބުރުގާ ނެގިއެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ވަރަށް ރީތިކޮށް ދިގުވެފައެވެ. ކުރިން ހުރި ގޮތަކަށް ނޫނެވެ. ކުޑަކޮށް ކުރުވެފައި ތަފާތެވެ. އޭނާ އޭގެ ތެރެއަށް އިނގިލިތައް ހިންގާލަމުން ހިނިތުންވެލިއެވެ.
އެރޭގެ ހާދިސާއިން އޭނާގެ ކިބައިން އަބަދަށް ކަމެއް ބޭރުކޮށްލި ކަމަށް ޤަބޫލުކުރެވުނު ދުވަސްތަކެއް ދިޔައެވެ. ނަމަވެސް މިހާރު އޭނާއަށް ވިސްނެއެވެ. އެރޭ ގެއްލުނީ ހަމައެކަނި އިސްތަށިގަނޑެވެ. އެކަމަކު އޭގެ ބަދަލުގައި އެހެން ކަންތައްތަކެއް އޭނާގެ ކިބައިން ނެތިގެން ދިޔައެވެ. އެއީ “ނޫނެކޭ” ބުނަން ޖެހިލުންވުމެވެ. ހުރިހާ އެންމެން ރުއްސަން އުޅުމުގެ ބޭނުމެވެ. ހެޔޮލަފާ އަންހެނަކަށް ވުމަކީ ހުރިހާ ކަމަކަށް ކެތްކޮށްގެން ހިމޭނުން ހުރުން ކަމަށް ކުރެވުނު ކުށްހީއެވެ. އަދި އާއިލާ ބަދަހިކޮށް ބޭއްވުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ކަމަށް ދެކެވޭ ނުރައްކާތެރި ވިސްނުމެވެ.
އޭނާ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލާލިއެވެ. އޭނާއަށް އެ ފެންނަނީ އިސްތަށިތައް ކޮށާލުމުން ބިރުން އެނދުގައި އިށީނދެގެން އިިން އަނބިމީހާއެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ އަގު ވަޒަންކުރަން ދަންނަ އަންހެނެކެވެ. އިޙުތިރާމާ ނުލައި ލިބޭ ލޯތްބަކީ އަޅުވެތިކަމެއްކަން ދަންނަ އަންހެނެކެވެ. ރަހުމެއް ނެތް އާދަކާދައަކީ އަނިޔާވެރިކަމެއްކަން ދަންނަ އަންހެނެކެވެ. އިންތަކެއް ނެތް އާއިލާއަކީ ޖަލެއްކަން ދަންނަ އަންހެނެކެވެ. އަދި އަނިޔާ ލިބޭ މީހާގެ ފަރާތުން މަޖުބޫރުކޮށްގެން ހޯދާ ހިމޭންކަމަކީ އެއީ އަމާންކަމެއް ނޫން ކަމާއި، އެއީ އިތުރަށް އަނިޔާކުރަން ދެވޭ ހުއްދައެއްކަން އޭނާއަށް އެނގެއެވެ.
މަރިޔަމް އަލުން ބުރުގާ އަޅައި، އޭނާގެ ވަޒީފާއަށްދާ ދަބަސް ހިފައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. ބޭރުން ފެންނަނީ ހުޅުމާލޭގެ ހަލަބޮލިކަމެވެ. މަގުމަތީގައި ސައިކަލުތައް ދުއްވަނީއެވެ. ހެނދުނުގެ އިރުގެ ދޯދިތައް ކަނޑުގެ ރާޅުތަކަށް އެޅި ބަބުޅަނީއެވެ. އަންހެނުން އޮފީސްތަކަށް ދިއުމަށް އަވަސްވެގަނެފައިވެއެވެ. މަސްވެރިން ދޯނިފަހަރު ތައްޔާރުކުރަނީއެވެ. ކުދިން ސްކޫލަށް ދަނީއެވެ. ރަށުގެ އާދައިގެ ދުވަހެއް ފެށުނީއެވެ.
ނަމަވެސް މަރިޔަމަށް މިއީ އާދައިގެ ދުވަހެއް ނޫނެވެ. އޭނާ ބޭރަށް ނުކުމެ ދޮރު ލެއްޕިއެވެ. އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ އޭނާގެ މެނޭޖަރުގެ މެސެޖެކެވެ. “އާ ރީޖަނަލް ޕްރޮޖެކްޓް ފާސްވެއްޖެ. މަރުހަބާ! އަހަރެމެން ބޭނުމީ ތިޔަ މަސައްކަތް މަރިޔަމް އިސްވެ ހުރެ ކުރިއަށް ގެންދަން.”
މަރިޔަމް ހިނިތުންވެލިއެވެ. ދެން އަނެއްކާވެސް މެސެޖެއް އައެވެ. އެއީ އިސްމާއީލްގެ މެސެޖެކެވެ. “އަހަރެން އުންމީދު ކުރަން، އެރޭ މަރިޔަމަށް ޙައްޤުވި ފަދަ ރަނގަޅު ފިރިހެނަކަށް އަދި ކޮންމެވެސް ދުވަހަކުން އަހަރެން ވާނެ ކަމަށް.”
އޭނާ އެ މެސެޖު ކިޔާލިއެވެ. ނަމަވެސް ވަގުތުން ޖަވާބެއް ނުދެއެވެ. ސަބަބަކީ ބައެއް ވާހަކަތައް ނިމެންޖެހެނީ، އަނިޔާކުރި ފިރިހެނާގެ ގާތަށް އަންހެންމީހާ އެނބުރި ދިއުމަކުން ނޫނެވެ. ބައެއް ފަހަރު އެންމެ އުފާވެރި ނިމުމަކީ އަންހެންމީހާ އޭނާގެ އަމިއްލަ ނަފްސަށް އެނބުރި ރުޖޫޢަވުމެވެ.
ފެރީ ޓާމިނަލާ ދިމާއަށް މަރިޔަމް ހިނގަމުން ދިޔައިރު، އިރުގެ ދޯދިތައް އޭނާގެ މޫނަށް އެޅެމުން ދިޔައެވެ. އޭނާއަށް އިޙުސާސްވީ، މައިދައިތަ އޭނާ ނިކަމެތިކޮށްލަން ކުރި މަސައްކަތުން އުފެދުނީ އެމީހުން އުންމީދު ކުރި ކަހަލަ މީހެއް ނޫން ކަމެވެ. އޭނާއަކީ ބަލިކަށި މީހެއް ނޫނެވެ. ހިތްނުބައި މީހެއް ނޫނެވެ. ލަދުގަންނަންޖެހޭ މީހެއްވެސް ނޫނެވެ. އޭނާއަކީ މިނިވަނެކެވެ.
އަދި ފަހަރުގައި، އޭނާ ކޮންޓްރޯލް ކުރަން އުޅުނު މީހުންނަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެއީ ކަމަށް ވެދާނެއެވެ. އެމީހުން ހީކުރީ އޭނާގެ ބާރު ކަނޑުވާލެވުނު ކަމަށެވެ. ނަމަވެސް އެމީހުންނަށް އެ ބުރިކޮށްލެވުނީ އޭނާގެ ބާރުގެ ބޭނުންކުރުމަށް ހުރަސްއަޅަމުންދިޔަ އެންމެ ފަހު އަމަލަށެވެ.
(ނިމުނީ)
