– 230 އަށްވުރެން ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި އެއަރބަސް321 ބޯޓެއް އިމަޖެންސީގައި ޒުވާރި ދަނޑަކަށް ޖެއްސީ ބޯޓުގައި ދޫންޏެއް ޖެހުމުން.

– ފަސިންޖަރުންނަށް މާބޮޑު ގެއްލުމެއް ނުވެ ހުރިހައި ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްވި

– ޕައިލެޓަށް ތަރުޙީބާއި ތަޢުރީފު އޮހެމުންދަނީ ބަޠަލެއްގެ ލަޤަބާއެކު

މޮސްކޯ: 230 އަށްވުރެން ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ އެއަރބަސް321 ގެ ފްލައިޓެއް އިމަޖެންސީގައި މިއަދު ރަޝިޔާގެ ޒުވާރި ދަނޑަކަށް ޖައްސައިފިއެވެ. އިމަޖެންސީގައި މަތިންދާބޯޓް ޖެއްސީ ބޯޓުގައި ދޫންޏެއް ޖެހުމުގެ ސަބަބުންނެވެ.

ޔޫރަލް އެއަރބަސް321 ގައި ގާދޫނި (ސީގަލް) ބައިގަނޑެއް ޖެހުނީ ރަޝިޔާގެ ކްރިމީއާ އަށް ދަތުރުކުރުމަށް މިއަދު ހެނދުނު މޮސްކޯގެ ޒުކްވޮސްކީ އެއާޕޯޓުން މަތިންދާބޯޓު އުދުއްސައިގަތްތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ދޫނިތައް ޖެހި، އިންޖީނުގެ ތެރެއަށް ދޫނިތައް ދަމައިގަތުމާއެކު ޕައިލެޓުންނަށް މަޖުބޫރުވީ ޒުކްވޮސްކީ އިންޓަރނޭޝަނަލް އެއާޕޯޓާއި އެއް ކިލޯމީޓަރު ދުރުގައި އޮތް ޒުވާރި ދަނޑަކަށް ޖައްސަން ކަމަށް ސޮސަވިއަޓްސިވާ ޓްރާންސްޕޯޓް އޭޖެންސީން ބުނެއެވެ.

ޒުވާރި ދަނޑަށް މަތިންދާބޯޓު ޖެއްސީ އިންޖީނުތައް ނިއްވައިލައި ފުރޮޅުތައް (ލޭންޑިން ގިއަރ ތައް) މައްޗަށް ނެގުމަށްފަހުގައެވެ.

މަތިންދާބޯޓުން ދަތުރުކުރީ 226 ފަސިންޖަރުންނާއި ބޯޓުގެ ހަތް ފަޅުވެރިންނެވެ. މި އެންމެންވެސް އިންފްލޭޓެބަލް ރޭމްޕް މެދުވެރިކޮށް ބޯޓުން ބޭލުވިއެވެ. ބައެއް ފަސިންޖަނުން ހޮސްޕިޓަލަށް ގެންދެވުނުއިރު އަނެއްބައި ފަސިންޖަރުން އަލުން އަނބުރައި އެއާޕޯޓަށް ގެންދެވުނެވެ.

ރަޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ 23 ފަސިންޖަރުން ހޮސްޕިޓަލުގައި ބޭއްވިކަމަށެވެ. އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނެއެވެ. ހަތް މީހުން އޮބްސަވޭޝަންގައި ބާއްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 28 އަހަރުގެ މީހަކަށް ކޮންކަޝަން (ބޮލަށް ގުޑުން އެރުމުން ސިކުނޑިއަށް ލޮޅުން އެރުމު) ގެ މައްސަލައެއް ކުރިމަތިވެފައި ވެއެވެ.

“އެކަން ހިނގީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ… ބޯޓު އުދުއްސައިލުމާއެކު ޖައްސައިފި.” ބޯޓުން ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ އައިއީނާ .ރަޝިޔާގެ ޓީވީ ޗެނަލަކަށް ކިޔައިދިނެވެ.

އެހެން ފަސިންޖަރެއް ބުނީ ދޫނިތައް ޖެހުނު އަޑު ބޯޓު ތެރެއަށްވެސް އިވުނު ކަމަށާއި އިންޖީނުން އަޑުތަކެއް އިވެންފެށި ކަމަށެވެ.

“އަހަރުމެން ޖެހޭ ޕައިލެޓަށް ސެލިއުޓްކުރަން، އެފަދަ ނުރައްކާތެރި ހާލަތެއްގައި ޕައިލެޓް، ފްލައިޓް ޖެއްސީ ވަރަށް ސޮފްޓްކޮށް.” އެހެން ފަސިންޖަރެއް ބުންޏެވެ.

“އެންމެންވެސް ދިރި މިތިބީ! ޕައިލެޓް ވަރަށް ކުޅަދާނަ! ބޯޓު ޖެއްސުމާއެކު ތަރުހީބުގެ އަތްތިލަބަޑިން ބޯޓުތެރެ ގުގުމައިގެން ދިޔަ.” އެހެން ފަސިންޖަރެއް ބުންޏެވެ.

ބޯޓުގެ ޕައިލެޓަކަށް އިނީ އުމުރުން 41 އަހަރުގެ ޑަމިރް ޔުސުޕޮވް ނަމަކަށްކިޔާ ޕައިލެޓެކެވެ.

‘ޕައިލެޓާއި އޭނާގެ ޓީމުން އެ ސަލާމަތްކުރީ 233 ފުރާނަ. އެ އެންމެންނަކީ ބަޠަލުން.” ފަސިންޖަރުންގެ ރޫހް ހުރީ މިފަދަ ގޮތަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.