ހަނދާނަށް އަންނަނީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރީގެ ހަނދާނެކެވެ. އެ ދުވަސްވަރު ރާއްޖޭގައި މާގިނަ ނޫސްތަކެއް ނުހުރެއެވެ. އަދި ނޫހެއް ކިޔައިލަން ބޭނުން ހަމަ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ނޫސް ކިޔައިލުމުގެ ފުރުސަތުތަކެއް ވެސް އެހައި ތަނަވަސް ވެފައެއް ނޯވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރުގެ ލިޔުންތަކުގެ ފެންވަރު ބެލުމުގެ ގޮތުން ދިރާސާއެއް އަޅުގަނޑު ނުކުރަމެވެ. ވުމާއިއެކު އެދުވަސްވަރުގެ ލިޔުންތެރިކަމުގެ ހާލަތެއް މާބޮޑަކަށް ނޭނގެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި އެތައް ބައިވަރު އޮންލައިން ނޫސްތަކެއް އުފެދި ނޫސްތަކުން ޚަބަރު ކިޔާ މީހުން މިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެހެން ނަމަވެސް ހިތާމައަކީ ލުއިފަސޭހަތައް އިންތިހާއަށް އޮތް މިޒަމާނުގައި ގިނަ ނޫސްތަކުގައި ލިޔެވިފައި ހުންނަ ލިޔުންތަކުގައި ދިވެހިބަސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވިފައިވާތަން ނުފެނުމެވެ.

މި ރިޕޯޓުގައި އަޅުގަނޑު މިބަޔާން ކުރަނީ ދިވެހި ފަސް ނޫހަކުން އަޅުގަނޑު ދިރާސާކުރި ފަސް ޚަބަރުން ނުވަތަ ފަސް ލިޔުމުން ފާހަގަކުރެވުނު މައްސަލަތަކެވެ. އަޅުގަނޑު މިދިރާސާގައި ބަލާފައިވަނީ މި ލިޔުންތަކުގައި ތިކިޖެހި ތާނަ ބޭނުން ކޮށްފައިވާގޮތާއި، ސުކުން ކުރުމާއި، ލަފުޒު ވަކިކޮށްގެން ލިޔެފައިވާގޮތާއި އަދި ރަނގަޅު އަކުރު ބޭނުން ކޮށްފައިވާ މިންވަރުގެ އިތުރުން ބަހުގެ ދަރަޖަތައް ބޭނުން ކުރުމުގައި ލިޔުންތެރިން ސަމާލުކަން ދީފައިވާ މިންވަރަށެވެ.

ތިކިޖެހި ތާނަ
އާންމު ގޮތެއްގައި ދިވެހިބަހުގައި ތިކިޖެހި ތާނަ ބޭނުން ކުރެވެމުން އަންނަނީ ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހިބަހުން ލިޔުމުގައެވެ. ޚާއްޞަކޮށް އަރަބި ބަހުން ދިވެހި ބަހަށް ވަދެފައިވާ ލަފުޒުތައް ގިނަވެފައި މިލަފުޒުތައް ލިޔުމުގައި ތިކިޖެހިތާނަ ބޭނުން ކުރެވެމުންދެއެވެ. މިދިރާސާގައި ބަލާލެވިފައިވާ ފަސް ލިޔުމުން ވެސް ތިކިޖެހިތާނަ ބޭނުން ކުރުމުގައި ލިޔުންތެރިން ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައިވާކަން ފާހަގަކުރެވުނެވެ. މިގޮތުން ތިކިޖަހައިގެން ލިޔަންޖެހޭ ގިނައަކުރުތަކެއް ތިކިނުޖަހައި ދޫކޮށްލާފައި ހުރިތަން ފެނުނެވެ. މީގެތެރެއިން ބައެއް މިސާލު މިތަނުގައި ހިމަނާލާނަމެވެ. “ޣައްޒާ” ލިޔުމުގެ ބަދަލުގައި “އައްޒާ” ލިޔެފައިވުމާއި، “ޚަތީބު” ލިޔަންޖެހޭ ތަންތަނުގައި “ޙަތީބު” ލިޔެފައިވުމާއި، “ޤާނޫނު” ގެ ބަދަލުގައި “ގާނޫނު” އަދި “ތާރީޚު” ގެ ބަދަލުގައި “ތާރީހު” ލިޔެފައިވެއެވެ. ބައެއް ހާލަތްތަކުގައި ތިކިޖަހަން ޖެހޭ އަކުރުގައި ތިކިނުޖަހައި ލިޔެފައިވުމުން ލިޔުމުގެ ރީތިކަން ގެއްލިގެން ދާގޮތްވެއެވެ. މީގެ އިތުރުން ފާހަގަވި އަނެއްކަމަކީ އެއް ލަފުޒެއް ތަކުރާރުކޮށް ބޭނުން ކުރެވިފައިވާއިރު، ބައެއް ފަހަރު އެލަފުޒުގައި ތިކިޖަހައިގެން ލިޔެފައި ފުދޭވަރަކަށް ގިނަފަހަރު ތިކި ނުޖަހައި ލިޔެފައިވާކަމެވެ.

ސުކުން
ތާނަ ލިޔުމުގައި ސުކުން ކުރެވޭ އަކުރުތަކަކީ އ، ސ، ނ، ތ، ށ، މި ފަސް އަކުރުގައެވެ. ނަމަވެސް ތާނަ ލިޔުމުގައި މިނޫން އަކުރުތަކުގައި ސުކުން ޖެހިފައިވާތަން ފެންނާނެއެވެ. މި ބަޔާން ކުރެވުނު ފަސް އަކުރުގެ އިތުރުން އެހެން އަކުރު ތަކުގައި ސުކުން ކުރަން މަޖުބޫރު ކުރުވާ ހާލަތް މެދުވެރިވާ ސަބަބަކީ ދިވެހި ލިޔުންތަކުގައި ބޭރު ބަސްބަހުން ވަދެފައިވާ ލަފުޒުތައް ތާނައަކުރު ބޭނުން ކޮށްގެން ލިޔަން ޖެހުމެވެ. އަޅުގަނޑު ދިރާސާކުރި ފަސް ލިޔުމުގައި ވެސް އިސްވެ ބަޔާންކުރިފަދައިން ބޭރުބަސްބަހުގެ ލަފުޒުތައް ގިނަ އަދަދަކަށް ހިމެނިފައި ވުމުގެ ސަބަބުން އެކިއެކި އަކުރުގައި ސުކުން ކުރުމަށް މަޖުބޫރު ވެފައިވާތަން ފެނިފައިވެއެވެ. ނަމަވެސް ތާނައިން ލިޔުމުގައި ބައެއްފަހަރު ނުބައިކޮށް ސުކުން ކޮށްފައިވާތަން ފެނިފައި ވެއެވެ. މިގޮތުން ފާހަގަވި ބައެއް ބަސްބަހުގެ ތެރޭގައި “ބައްތެލިކޮޅު” ލިޔަންވާ ތަނުގައި “ބަތްތެލިކޮޅު” ލިޔެފައިވުމާއި، “ތުންތުން މަތިން” ލިޔަންވާ ތަނުގައި “ތުއްތުން މަތިން” މިހެން ލިޔެފައިވުމާއި، “ބަތްމޮޑެން” ލިޔަންވާ ތަނުގައި “ބަތްމޮޑެއް” ލިޔެފައިވާތަން ފެނިފައިވެއެވެ. ނަމަވެސް އެހެނިހެން ބައިތަކާއި އަޅައިބަލާއިރު ސުކުން ގޯސްކޮށް ކުރުމުގެ މައްސަލަ ކުޑަކަން ފާހަގަ ކުރެވިފައިވެއެވެ.

ލަފުޒު ވަކިކުރުން
ލިޔުންތެރިކަމުގެ ދާއިރާގައި ރަނގަޅަށް ލަފުޒު ވަކިކޮށްގެން ލިޔުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ލިޔުންތައް ކިޔައިލާ ދިރާސާކޮށްލުމުން ލަފުޒު ވަކިކުރުމުގެ ހަމަތަކަށް ލިޔުންތެރިން އިންތިހާއަށް ފަރުވާކުޑަކޮށްފައިވާތަން ފެނިގެން ދިޔައެވެ. ލިޔުންތަކުން މިމައްސަލަ ވަރަށް ގިނަ އަދަދަކަށް ފާހަގަ ކުރެވިފައިވެއެވެ. މިގޮތުން ބަލާއިރު “މަތިމައްޗަށް” ލިޔަންވާ ތަނުގައި “މަތި މައްޗަށް”، ލިޔެފައިވެއެވެ. “މަޝްވަރާ ކުރެއްވި ނަމަވެސް” ލިޔަންވާ ތަނުގައި “މަޝްވަރާކުރެއްވިނަމަވެސް” އަދި މީގެ އިތުރުން “މި ފަހަރު” ލިޔަންވާ ތަންތާގައި “މިފަހަރު” ލިޔެފައިވެއެވެ. ލަފުޒު ވަކިކުރުމުގައި ފަރުވާކުޑަ ކުރެވިފައިވާ މިފަދަ ވަރަށް ގިނަ ހާލަތްތައް މި ލިޔުންތަކުން ފާހަގަ ކުރެވުނެވެ. މިހެންވުމުގެ ސަބަބުން ބައެއް ފަހަރު މިފަދަ ލިޔުންތައް ކިޔަން އުނދަގޫވުމާއި އަދި ލިޔުންތެރިޔާ ބުނެދޭން އުޅޭ އެއްޗެއްގެ މާނަ އޮޅޭގޮތް ވެސް ދިމާވެއެވެ.

އަކުރު
އަކުރު މިބައި މައިގަނޑު ދެ ބަޔަކަށް ބަހައިލެވިދާނެއެވެ. އެއްބަޔަކީ ތާނަ ލިޔުމުގައި ބޭނުން މިކުރާ ވަކިވަކި އަކުރެވެ. ދެވަނަބަޔަކީ އެއް އަކުރަކަށްވުރެ ގިނަ އަކުރު އެކުވެގެން އުފެދިފައިވާ ބައެއް ތަންތަން ފުރިހަމަ ކުރުމަށް ބޭނުންކުރާ ވަކިން އޮންނަ އިރު މާނައެއް ދޭހަ ނުވާ “އެވެ” މިފަދަ އަކުރެވެ. ދިވެހި ނޫސްތަކުގައިވާ ގިނަ އަދަދެއްގެ ލިޔުންތަކުން އަކުރު ބޭނުން ކުރުމުގައި ކުށް ގޮތްގޮތަށް އަކުރު ބޭނުން ކޮށްފައިވާތަން ފެނިފައި ވެއެވެ. ބައެއް ތަންތަނުގައި އަކުރު ގިނަވުމާއި އަދި އަނެއްބައި ތަންތަނުގައި އަކުރު މަދުވުންފަދަ ހާލަތްތައް ފާހަގަކުރެވިފައި ވެއެވެ. މިގޮތުން ތިރީގައި މީގެ ބައެއް މިސާލުތައް ހިމަނާލާނަމެވެ. “އަންހެން މީހާ” ލިޔަންވާ ތަނުގައި “އަން މީހާ” ، “އުތީމު” ލިޔަންވާ ތަނުގައި “އުއްތީމު” ލިޔެފައި ވުމާއި، “ވެރިކަމާއި” ލިޔަންވާ ތަނުގައި “ވެރިކަމާ” ލިޔެފައި ވުމުގެ އިތުރުން “އިއްވަމުންނެވެ” ލިޔަންވާ ތަނުގައި “އިއްވަމުން އެވެ” ލިޔެފައި ވަނިކޮށް ފެނިފައި ވެއެވެ.

ދަރަޖަ
ދިވެހިބަހުން ވާހަކަދެއްކުމުގައި ބޭނުންކުރާ ދަރަޖަ ތަކެއް ހުރެއެވެ. ހަމަ މިގޮތުން ދިވެހި ލިޔުންތެރިކަމުގައި ވެސް މިކަން އޮންނަނީ މިގޮތަށެވެ. ﷲ ތަޢާލާއަށް ޚާއްޞަ ލަފުޒުތަކާއި އަދި ރަސޫލާ ޞޢވ އަށް ޚާއްޞަ ލަފުޒު ނުވަތަ ދަރަޖަ އާއި އަދި އިމާމުން، ވެރިން، އަދި މީގެ އިތުރުން އާންމުން ގެ ތެރޭގައި ދިވެހިބަސް ބޭނުން ކުރުމުގައި ދަރަޖަތަކެއް ވަކިވަކިން ބަޔާންވެފައި ހުރެއެވެ. މިކަމަކީ އެހެން ބަސްބަހުގައި ނެތް، ދިވެހި ބަހަށް ލިބިފައިވާ ޚާއްޞަ ކަމެކެވެ. ޚާއްޞަ ފަޚުރެކެވެ. އަޅުގަނޑުގެ މިދިރާސާގައި ހިމެނުނު ފަސް ލިޔުމުގައި ދަރަޖައިގެ މައްސަލަތައް މަދުކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ފެނުނު އެއް މައްސަލަ މިތާގައި ބަޔާން ކޮށްލާނަމެވެ. ލިޔެފައިވެއެވެ. “އަމީން ދީދީ ބޮޑުތިލަދުންމައްޗަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުގައި” މިތަނުގައި ފުރަތަމަ ތަނުގައި އަމީން ދީދިއަށް ނިސްބަތްކޮށްފައި ދަތުރުފުޅު މިހެން ލިޔެފައި ހަމައެއާއި ވިދިގެން ދަތުރު އަމީން ދީދީއަށް ނިސްބަތްކޮށްފައި “އެދަތުރުގައި” މިހެން ލިޔެފައިވެއެވެ. ނަމަވެސް މިތަނުގައި އޮންނަންވާނީ “އެ ދަތުރުފުޅުގައި” މިހެންނެވެ.

ބަޔާންކުރެވި ދިޔަ މައްސަލަތަކާއި އަދި ބައެއް މިސާލުތަކުގެ އިތުރުން، މި ލިޔުންތަކުން ކުދިކުދި އެހެނިހެން މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވެއެވެ. މިގޮތުން ބައެއް ލިޔުންތަކުގައި ފިލި އިތުރު ވުމާއި، ފިލި މަދުވުމާއި އަދި ޖުމްލަ ނިމޭތަނުގައި ޖުމްލަ ނިމުނުކަން އެންގުމުގެ ބޭނުމުގައިޖަހާ ތިކި ޖަހާފައި ނެތުން ފާހަގަވެފައިވެއެވެ. މީގެއިތުރުން ރީތި ދިވެހި ލަފުޒުތައް ބޭނުން ކުރެވެން ހުންނަ ތަންތަނުގައި ވެސް އިނގިރޭސި ބަހުގެ ލަފުޒު ބޭނުން ކޮށްފައި ހުންނަނީ މަދެއްކޮށެއް ނޫނެވެ. މިކަންކަމީ ދިވެހި ލިޔުންތެރިން ވިސްނައިލުން މުހިންމު ކަންތައްތަކެވެ. ދިވެހި ލިޔުންތެރިންނާއި އަދި ކިޔުންތެރިން ދިވެހިބަހުން ރަނގަޅަށް ލިޔަން އަދި ވާހަކަ ދައްކަން ދަސްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އަންނަން އޮތް ޖީލުތަކަށް ފުރިހަމަ ގޮތުގައި ދިވެހީންގެ ފަޚުރުވެރި ދިވެހިބަސް ފޯރުކޮށްދެވޭނީ އޭރުންނެވެ. އަދި ކިއެއްތަ؟، ދިވެހީންގެ ފަޚުރުވެރި ދިވެހިބަހޭ ބުނެވޭނީ އޭރުން ނޫންތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.