މުޅި ދުނިޔެ ވަށައިގެން ބައްދާލައިފައިވާ ކޮރޯނާގެ ބިރުވެރި ވިލާގަނޑުގެ ތެރޭގައި އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މި ދަތި، އުނދަގޫ، ބިރުވެރި ހާލަތުގައި އެކި މީހުންގެ ފަރާތުން ހޭލުންތެރިކުރުމުގެ ތަފާތު އެތައް ކަމެއް ފެނެއެވެ. ސަރުކާރުގެ ވުޒާރާތަކުން ފެށިގެން ގޮސް އަމިއްލަ ޖަމިޢްޔާތަކުން ވެސް ރައްޔިތުން މި ނުރައްކާތެރި ކޮޅިގަނޑުން ސަލާމަތްވުމަށް ގިނަ އިރުޝާދުތައް ދެމުން ގެންދެއެވެ. އެގޮތުން މިއަދު އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ދިވެހި ފިލްމީ ދާއިރާއިން އާންމުންނަށް މިފަދަ ތަފާތު މުހިންމު މެސެޖުތަކެއް ތަފާތު މޮޅު ގޮތަކަށް ގެނެސްދީފައިވުމެވެ.

މީގެ ދުވަސްކޮޅެއް ކުރިން ނުކުތް “އެންމެން އެކީ” މި ލަވަ ބަލައިފިން ހެއްޔެވެ؟ ނުބަލާނަމަ، އަވަހަށް މިލަވަ ޔޫޓިއުބު މެދުވެރިކޮށް ބަލާލާށެވެ. ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) ގެ އިސްނެގުމުގެ މަތިން ގެނެސްދީފައިވާ މިލަވަ ވަރަށް ހިތްގައިމެވެ. އެތައް ގިނަ ދިވެހި ފަންނާނުންނެއް ބައިވެރި ވެގެން އުފައްދާފައިވާ މިލަވައިގެ ޖުމުލަ 23 ފަންނާނަކު ފެނިގެން ދެއެވެ. މިލަވައިގައި ދިވެހިން މި ހާލަތުން އަރައިގަތުމަށް ކުރެވިދާނެ ކަންތައް ކިޔައިދިނުމަށްފަހު، މިހާރު އަޒޭގެ މިސްރާބު ހުރީ ކުރު ފިލްމަކާއި ދިމާލަށެވެ.

އަޅުގަނޑުމެންގެ މިލިޔުން މިޚާއްޞަކޮށްލަނީ ވެސް އަޒޭ އުފައްދާފައިވާ ކުރު ފިލްމު “ކުޑަކުޑަ ބާރު” މިއަށެވެ. ކޮރޯނާގެ ސަބަބުން ދިވެހިން ފުރަބަންދެއްގައިވާ މި ދަނޑިވަޅުގައި އަޒޭގެ މި ކުރު ފިލްމުން ދިވެހިންގެ ހޭލުންތެރިކަން އިތުރުވެގެން ދާނެއެވެ. އަޒޭގެ ހިތްވަރާއި ޖޯޝާއި އެކު، ތައްޔާރު ކުރި މި ކުރު ފިލްމަކީ ފިލްމީ ގިނަ ފަންނާނުންގެ އެހީތެރިކަމާއި އެކު ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔުނީ ވެސް އަޒޭއެވެ. އެކިއެކި ފަންނާނުންނަށް ސްކްރިޕްޓް ޙިއްޞާކޮށް، ގޭގައި ތިބެގެން އަޒޭ ބުނި ގޮަތަށް ވީޑިއޯ ފޮނުވައިގެން މި ފިލްމު މިހާރު މިވަނީ ނިމި، އަޅުގަނޑުމެން ބެލުންތެރިންނާއި ހަމައަށް އައިސްފައެވެ. މި ކުރު ފިލްމު އެޑިޓް ކޮށްފައިވަނީ ވެސް ހަމަ ކުޅަދާނަ އެކްޓަރ އަޒޭ ކަން ފާހަގަ ކޮށްލެވެއެވެ.
ފިލްމުގެ އެހެން މަސައްކަތްތަކަށް ބަލާއިރު، ފިލްމުގެ ފައިނަލް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ ހުނަރުވެރި ވާހަކަ ލިޔުންތެރިޔާ އަޙްމަދު އިގުބާލް (އައިކިޔު) އެވެ. ބެކްމިއުޒިކް ހެދީ ފަތުހުﷲ ޝަކީލެވެ.

މިކުރު ފިލްމު ފުރިހަމަ ކޮށްދިނުމަށްޓަކައި މީގައި ޤާބިލް އެތައް ފަންނާނުންނެއް ފެނިގެން ދެއެވެ. އެގޮތުން ހަސަން މަނިކު، ޝެރާ، ޖުމާ، ރިޝްމީ، ޒެއްލު، ރަވީ، އާރިފާ، ސައީދު ފާހަގަކުރެވެއެެވެ. އަދި މީގެ އިތުރުން އަޒޫ އާއި އަޒޭ ވެސް ފެނިގެން ދެއެވެ.

މިހިސާބުން މިކުރު ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވޭ ފަންނާނުންގެ ނަންތައް ނިމުނީއެއް ނޫނެވެ. ދިވެހި ސިނަމާގެ ރާނީ ކަމުގައިވާ ނިއުމާގެ ފެނިލުމެއް މީގެން ބެލުންތެރިންނަށް ފެނިގެންދެއެވެ. މިއީ ހަމަ ޔަޤީންނުންވެސް ނިއުމާގެ ފޭނުންނަށް ކޮޅުނެތްކޮޅަށް އުފާވެރި ޚަބަރަކަށް ވާނެ ކަން ކަށަވަރެވެ.

“ޖިިންނި ޖިނާ”އޭ ބުނުމުން އެއީ ކާކު ކަން ނޭނގޭ މީހަކު މިއަދު މަދު ވާނެއެވެ. އާނއެކެވެ. ތިހީކުރީ ހަމަ ރަނގަޅަށެވެ. ތިބޭފުޅުންގެ ރީކޯ މޫޫސާ މަނިކު ވެސް “ކުޑަކުޑަ ބާރު” ކުރު ފިލްމުން ފެނިގެން ދެއެވެ. މިއީ ހަމަ ގައިމުވެސް ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ނުހަނު އުފާ ކުރާނެ ކަމެކެވެ. އަދި ނިމުނީއެއް ނޫނެވެ. ދިވެހި ފިލްމު “ލޫދިފާ” އިން އެންމެ މޮޅު އެކްޓަރ (އަންހެން) ހޯދާފައިވާ އަފީފާގެ ފެނިލުމެއްވެސް ހިމެނޭ ކަމަކީ ފިލްމު އިތުރަށް ޝައުޤުވެރިވާނެ ކަމެކެވެ. އެގޮތުން އަފީފާ، ނިއުމާ އަދި ރީކޯ އަކީ ދިވެހި ސިނަމާގެ ކެމެރާގެ ކުރިމަތިން ގެއްލިފައިވާ މޫނުތަކަށް ވުމުން މި ކުރު ފިލްމު ވަނީ ވަރަށް ބޮޑަށް ޚާއްޞަ ވެފައެވެ.

އެހެންކަމުން ލަސްކުރާނެ ކަމެއް ނެތެވެ. މިހާރު “ކުޑަކުޑަ ބާރު” ޔޫޓިއުބު މެދުވެރިކޮށް ބަލާލެވޭނެއެވެ. ގޭގައި ތިބެގެން އަވަހަށް މި ކުރު ފިލްމު ބަލާލަން ހިނގާށެވެ. މި ދަތި ދަނޑިވަޅުގައި ހިތްވަރު އެލުވައި ނުލައި، ދިވެހީންގެ ހައްޤުގައި ފިލްމީ ދާއިރާއިން ކޮށްދެއްވަމުން އަންނަ ކަންތައްތައް ފާހަގަކޮށް ޝުކުރުވެރިވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.