މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދައި މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ޙަމޫދު އަޙްމަދު އާއި އަރަމުން އަންނަ ތުއްތުތުއްތު ލަވަކިޔުންތެރިޔާ ލައިބާ އަޙްމަދު މަޙްލޫފު ހަނގާކުރުމާ ދެކޮޅަށް އަޑު އުފުލުމަށް “ހަނގާ”ގެ ނަމުގައި ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވާން ފަށައިފިއެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރާއި ވީޓީވީ ގުޅިގެން މިދިޔަ އަހަރު ގެނެސްދިން “ޤައުމުގެ ދުލުން” ޤައުމީ ލަވަ މުބާރާތުގެ 08 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ހޯދި ލައިބާގެ ބެލެނިވެރިން ބަލަހައްޓަމުން އަންނަ ލައިބާގެ މީސްމީޑިއާ އެކައުންޓުތަކުގައި “ހަނގާ”ގެ ޓްރެއިލާއެއް ވެސް ވަނީ އާއްމުކޮށްފައެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފުގެ ޓްވިޓަރގައި މި ލަވައިގެ ޓްރެއިލާ އާއްމުކުރަމުން މަހްލޫފު ވިދާޅުވީ މި އަހަރު މާރިޗް މަހުގެ 03ގައި ވީޑިއޯ ރިލީޒްކުރެވޭވަރު ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ލަވަކިޔުމަށް ނުހަނު ބޮޑަށް ޝައުޤުވެރިވާ ލައިބާ އާއި ހަމޫދު ގެނެސްދޭ މި ޚާއްޞަ ލަވައިގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ހަމޫދު ބުނީ ލަވައިގެ ވީޑިއޯގެ މަސައްކަތް މިވަގުތު ކުރެވެމުން އަންނަ ކަމަށާއި މާރިޗް 03 ގައި ލަވަ ރިލީޒްކުރާނެ ކަމަށެވެ.

“ހަނގާ” ލަވައިގެ ޅެމާއި ރާގު ހެދީ ހަމޫދު އެވެ. މިއުޒިކް ކޮމްޕޯސްކޮށް މިކްސިން ހަދަނީ މަޝްހޫރު މިއުޒީޝަން އިރުފާން ލަތީފް (ޓްރޯ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.