މަޝްހޫރު ފިލްމީ ޖޯޑު، އަޙްމަދު ސަޢީދު އާއި ފާތިމަތު އާޒިފާ (އަޒޫ) އަށް މި އަހަރު މެއިމަހުގެ 18ވަނަ ދުވަހު ލިބުނު އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ސައީދުގެ ފޭސްބްކްގައި އޭނާ އާއްމުކޮށްފައިވާ ޕޯސްޓެއްގައި އެމީހުންގެ އަންހެން ދަރިފުޅުގެ ފޮޓޯއެއް އާއްމުކުރަމުން ސައީދު ބުނީ އޭނާގެ ކައިވެންޏަށް ތިން އަހަރު ފުރިގެން ދިޔައިރު އެންމެ އުފާވަނީ އަޒޫގެ ފަރާތުން އަބަދުވެސް ލިބޭ ލޯތްބާއި އަޅައިލުމާއި، އެހީތެރިކަމަށް ކަމަށެވެ.

“އަލްޙަމްދުލިﷲ. ކައިވެންޏަށް ތިން އަހަރު ފުރިގެން ދިޔައިރު އެންމެ އުފާވަނީ އަޒޫގެ ފަރާތުން އަބަދުވެސް ލިބޭ ލޯތްބާއި އަޅައިލުމާއި، އެހީތެރިކަމަށް. އަޒޫ މަގޭ ފެމެލީ އާއި ބާއްވާ ގާތްކަން. އަޒޫގެ އެންމެ މުހިންމު މީހަކީ އަބަދުވެސް މަށާ، މަގޭ ދަރިންކަމަށް ދެކުން. ދެން މިހެން ކިޔިދާނެ. އަސްލުވެސް ތީ ވަރަށް ޕާރފެކްޓް ވައިފެއް. އަޒޫ ލިޔާހެން ދިގުކޮށް ލިޔާކަށް ނޭނގެ. އެކަމަކުވެސް ބުނަން ބޭނުންވަނީ ކައިވެންޏަށް ކާމިޔާބު ތިން އަހަރު މި ހޭދަވީ ވަރަށް އުފަލާ ހިތްހަމަޖެހުމުގައޭ. އަދި މި ހިތްހަމަޖެހުން މިހާރު ދެގުނަވީ އަހަރުންގެ ލޯބި ދަރިފުޅާއެކު ހޭދަކުރެވޭ އުފާވެރި ވަގުތުތަކާ އެކުގައޭ. އަދި އަހަރެން މަސައްކަތުގަ ގިނަ ވަގުތު ބޭރުގައި އުޅެން ޖެހުމުންވެސް އަޒޫ އެއްވެސް ޝަކުވާއެއް ނެތި އެކަނި، ދަރީގެ ކަންކަން ބަލަނީ ވަރަށް ފުރިހަމަކޮށޭ. ދެން މިހެން ގޮސް ބައިވަރު ކަންކަން. މި ހުރިހާ ކަމެއް ހިތުގެ އަޑިން ބަލައިގަންނަމުން ބުނެލާނީ ވަރަށް ލޯބިވޭ އަނބި. މިފަދަ ނިޢުމަތެއް ﷲ މިންވަރުކުރެއްވީތީ ﷲއަށް ޝުކުރުވެރިވަން.”

ލޯތްބާއި ކުލުނުވެރިކަމާއެކު ސައީދު ޖަހާފައިވާ ދިގު ޕޯސްޓާއެކު ހިއްސާކޮށްފައިވަނީވެސް އެހާމެ ލޯބި ފޮޓޯއެކެވެ. އަޒޫ އާއި ސައީދުގެ ދަރިފުޅު އުފަންވީ 18 މެއި 2019 ވަނަ ދުވަހު 12:45 ހާއިރުއެވެ.

ހުނަރުވެރި، އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އާއި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލީ 02 ސެޕްޓެމްބަރު 2016 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ