ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ މަޝްހޫރުވެގެން ދިޔަ އެއް ބަތަލާ ރަވީނާ ޓަންޑަންއަށް މާމަ ދަރިއެއް ލިބިއްޖެއެވެ.

އުމުރުގެ އެންމެ ޒުވާން ދުވަސްވަރު ރަވީނާ ދެ އަންހެން ކުއްޖަކު އެޑޮޕްޓް ކުރި ވާހަކައަކީ ހަމަގައިމުވެސް ގިނަ މީހުންނަށް އާ ވާހަކައަކަށް ވެދާނެއެވެ. އުމުރުން އެންމެ 21 އަހަރުގައި ރަވީނާ އެޑޮޕްޓްކޮށްފައިވަނީ ޗާޔާ އަދި ޕޫޖާ ނަމަކަށް ކިޔާ ދެ އަންހެން ކުދިންނެވެ. އަދި 2016 އަހަރުގައި ކައިވެނިކޮށްފައިވާ ޗާޔާއަށް މިހާރު މިވަނީ އަލަތު ދަރިފުޅު ލިބިފައެވެ.

ރަވީނާ ޓަންޑަން މާމައަކަށް ވާން އުޅޭކަން މީޑިޔާތަކަށް އެނގިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގައި ބޭއްވި ޗާޔާގެ ބޭބީ ޝަވަރގެ ފޮޓޯތައް އާންމުވުމާއި ގުޅިގެންނެވެ.

2004 ވަނަ އަހަރު އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަނިލް ތަޑާނީއާއި ރަވީނާ ކައިވެނިކޮށް މިހާރު ވަނީ ދެ ކުދިންވެސް ލިބިފައެވެ. އަނިލް އާއި ރަވީނާގެ ކައިވެންޏަށް ލިބިފައިވަނީ ރަޝާ އަދި ރަންބީރް ވަރްދަން އެވެ.

މަޝްހޫރު ޑާންސް ޝޯވް ނަޗްބަލިޔޭގެ 9 ވަނަ ސީޒަންގައި ޖަޖުކަންވެސް ކުރަމުން އަންނަ ރަވީނާ ވަނީ އޭނާގެ އަލަތު މާމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ބައެއް ފޮޓޯތައްވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޢަދީލާ
މަރިޔަމް ޢަދީލާ އަކީ ލިޔުންތެރިކަމަށް ލޯބިކުރާ، ހުނަރުވެރި ލިޔުންތެރިއެކެވެ.