ބައިނަލްއަޤްވާމީ އައްސޭރި ސާފުކުރުމުގެ ދުވަސް (އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ) ފާހަގަކުރުމަށް މިއަހަރުވެސް ސާފުކުރުމުގެ ޙަރަކާތް ކުރިއަށްގެންދިޔުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނިންމަވައިފިއެވެ.

ބައިނަލްއަޤްވާމީ އައްސޭރި ސާފުކުރުމުގެ ދުވަހުގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހެވެ. އެގޮތުން މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްވެސް ރަށު ކައުންސިލްތަކުން އިސްނަގައިގެން މުޅި ރާއްޖެ ސާފުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އީޕީއޭއިން ވަނީ މިދުވަސް ފާހަގަކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައިރަށެއް ސާފުކުރުމަށްފަހު ނަގާ ކުނިތައް ވަކި ކުރުމަށްފަހު ޕްލާސްޓިކާއި ބިއްލޫރިއާއި ދަނގަނޑާއި އަދިވެސް އެހެނިހެން ބާވަތްތައް ނެގުނު މިންވަރު އަންދާޒާ ކުރުމަށްފަހު އެ އެޖެންސީއަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

ބައިނަލްއަޤްވާމީ އައްސޭރި ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދާއި ވަށައިގެންވާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެމައްޗަށް ޢާންމުން ހޭލުންތެރި ކުރުވުން ކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ކޮންމެ އަހަރެއްގައިވެސް ބައިނަލްއަޤްވާމީ އައްސޭރި ސާފުކުރުމުގެ ދުވަހެއް ފާހަގަކުރުމަށް ހިންގާ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ ކުނި ނަގާކަން ފާހަގަކުރެވެއެވެ.

ބައިނަލްއަޤްވާމީ އައްސޭރި ސާފުކުރުމުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ސެޕްޓެންބަރު މަހުގެ 3ވަނަ ހަފްތާގެ ހޮނިހިރު ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން މިއަހަރު މިދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެންބަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މޫދަށާއި ގޮނޑުދޮށަށް ކުނި އެޅުން ހުއްޓުވައި، ކުނިބުނި އެޅުމުގެ ސަބަބުން ކަނޑުގެ މާހައުލަށް ލިބޭ ގެއްލުންތަކާއި މެދު އާންމުން ހޭލުންތެރިކުރުވުމެވެ. މިދުވަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ބައިވެރިވާ އެތައް ހާސް އިވެންޓެއް ކުރިއަށް ގެންދަމުންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.