ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ބާލާޖީ ޓެލެފިލްސްގެ ‘ކަސައުޓީ ޒިންދަގީ ކީ2’ގެ ކުޅިބައި ބަދަލުކޮށްލަން އަނޫރާގުގެ ޙަޔާތަށް އަލުން އަނބުރާ ކޮމޯލިކާ ގެންނަނީ މިސްޓަރ ބަޖާޖް ކަމަށް ސްޕޮއިލަރ އެލާޓްތައް ބުނެއެވެ.
‘ކަސައުޓީ ޒިންދަގީ ކީ2’ ގައި އަނޫރާގް އަދި ޕްރޭނާގެ ޙަޔާތަށް ގިނަގުނަ އަޑިގުޑަންތަކެއް ގެންނަމުން އަންނަ އިރު ބަޖާޖަށް ވެސް ޕްރޭނާދެކެ ލޯބިވެވިފައިވާކަން ފާހަގަކޮށްލެވެއެވެ. ޕްރޭނާ ޙާޞިލްކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރުމަށް ތައްޔާރަށް ހުރި ބަޖާޖް ބަޔަކަށް ފައިސާދީގެން އޭނާގެ ގައިގައި ރޯކޮށްލަން އުޅޭތަން ވެސް ކުރިއަށް އޮތް އެޕިސޯޑުން ފެނިގެންދާނެއެވެ.
މި ހަފުތާގައި ދައްކަން ހުރި އެޕިސޯޑުތަކުން އަނޫރާގް އާއި ޕްރޭނާގެ ގެއްލިފައިވާ ލޯބި އަލުން އިއާދަވާނެއެވެ. އަނޫރާގް ގެ ނޮފޮރޮއްޕާނުން ސަލާމަތްވުމަށް ބާސޫ މެންޝަން ދޫކޮށްލާފައި ދިއުމަށް ބަޖާޖް ނިންމައެވެ. ނަމަވެސް ޕްރޭނާ އެކަމާ ދެކޮޅުހަދައެވެ. އަނޫރާގް ގެ ހަޔާތަށް އިތުރު މައްސަލަތަކެއް ގެނައުމަށް ރުޅިގަދަ ވެފައި ހުންނަ ބަޖާޖް ނިންމައެވެ.
ކުރީގެ އެޕިސޯޑުތަކުން ފެނިފައި ނުވިޔަސް، ކޮމޯލިކާ ސަލާމަތްކޮށްދޭ މީހަކީ ބަޖާޖް އެވެ. އެހެންކަމުން އަނޫރާގް ގެ ޙަޔާތް ނަރަކައަކަށް ހަދައިލުމަށް ކޮމޯލިކާ ގެންނަން ނިންމައެވެ. ބަޖާޖްގެ މަޤްޞަދަކީ އަނޫރާގްގެ ސަމާލުކަން ކޮމޯލިކާއަށް ހުއްޓައިލުމެވެ.
ކޮމޯލިކާ އަންނަނީ ޕްލާސްޓިކް ސާޖަރީއެއް ކޮށްގެން އާ މީހެއްގެ ގޮތުގައެވެ. ކުރިން ހީނާ ޚާން ކުޅެފައިވާ ކޮމޯލިކާގެ ރޯލުން ދެން ފެންނާނީ އާމްނާ ޝަރިފް އެެވެ.
ބަޖާޖްގެ ޕްލޭން ކާމިޔާބުވޭތޯ ނުވަތަ ނޫންތޯ ބަލަން ތިބެމާ ހިނގާށެވެ.
