ކެންސަރު ޖެހުމުގެ ސަބަބުން ފަރުވާ ހޯދުމަށް މިދިޔަ އަހަރު އެމެރިކާއަށް ދިޔަ ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ އަލުން އަނބުރާ ބޮލީވުޑަށް ނުކުންނަން ތައްޔާރަށް ހުރިކަމަށް އޭނާ ބުނެފިއެވެ.
ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ ފަރުވާއަށް ފަހު އެނބުރި އައި މިހާރު ދިރިއުޅެމުން ގެންދަނީ މުންބާއީގައެވެ. ސޮނާލީ ބުނެފައިވަނީ ކެންސަރަށް ފަރުވާހޯދި ދުވަސްތަކަކީ ހަނދާނުން ފިލުވާލަން އުނދަގޫ ތަފާތު ތަޖުރިބާއެއް ކަމަށެވެ.
ފަރުވާއަށް ފަހު އަނެއްކާވެސް ބޮލީވުޑަށް އެނބުރި އަންނަން ތައްޔާރަށް ހުރިކަމަށާއި ބޭނުންވާ ކަހަލަ އޮފަރ އެއް ލިބިއްޖެނަމަ ގަބޫލު ކުރާނެކަމަށް އެކްޓްރެސް ސޮނާލީ ބުނެފައިވެއެވެ.
ސޮނާލީއަކީ ފަރުވާތެރި ކަމާއެކު ހަވާލުކުރާ ކޮންމެ މަސައްކަތެއް ވަރަށް ފުރިހަމައަށް ނިންމުމަށް ލޯބިކުރާ އެކްޓްރެސް އަކަށް ވާއިރު، އެކީގައި އުޅޭ އެހެން މީހުންނާވެސް ވަރަށް ގުޅިގެން މަސައްކަތްކުރާ އެކްޓްރެސް އެކެވެ.
އެކްޓްރެސް އެއްގެ އިތުރުން ސޮނާލީއަކީ އިންޑިއާގެ ރިއަލިޓީ ޝޯވ ތަކުގެ ޖަޖެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެފައިވާ ކަނބަލެކެވެ. އަދި ސޮނާލީ ކުރިން ޖަޖުކަން ކުރި ޝޯވ ޑްރަމޭބާޒް އަލުން ފެށުމަށްވެސް ބޭނުންވާ ކަމަށް ސޮނާލީ ވަނީ ބުނެފައެވެ.
