ކޮންމެ މުސްލިމަކު ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމް ދީނާއި رسول الله صلي الله عليه وسلم ދިފާޢު ކުރުމަކީ ވާޖިބެއް ކަމުގައި މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައިވަނީ “ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އައު ކަމެއް ނޫނެވެ. މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލުބޭކަލަކަށް ފުރައްސާރަކުރި ބަޔަކުވެއެވެ.” މާތްﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ (الحجر 95 ) މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަން ރަސްކަލާންގެ ކަލޭގެފާނު ރައްކާތެރި ކުރައްވާ ހުށީމެވެ.”

ޚުތުބާގައި ވަނީ ކީރިތި رسول الله صلي الله عليه وسلم ދެކެ ލޯބިނުވެ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށެވެ. އަދި ކައުއިތުރު މާތް ނަބިއްޔާ صلي الله عليه وسلم އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމުގައެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް އިޙްތިރާމްކޮށް އަދަބު ތަޢުޠީމު އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެއް ކަމުގައެވެ. އެ މީހެއްގެ އަމިއްލަ ނަފަސާއި، މުދަލާއި، އަނބި ދަރިންނަށްވުރެ ބޮޑަށް އެ ކަލޭގެފާނުދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމުގައެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފުރަތު ކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ޢަމަލެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

މުސްލިމުންގެ ހިތްތައް ދިރިގެންވަނީ އެކަލޭގެފާނުދެކެ ލޯބިވުމާއި މަތިވެރި ކުރުމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ ކަރާމާތަށް އުނިކަންލިބޭ ކޮންމެ ޢަމަލަކީ މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުން އަސަރު ކުރުވާނޭ ކަމެކެވެ.

ކީރިތި رسول الله صلي الله عليه وسلم އަކީ އިސްލާމް ދީނާއިގެން ވަޑައިގެންނެވި ތަޤުވާވެރިންގެ އިމާމެވެ. އަދި ރަސޫލުކަމާއި ނަބީކަން ޚަތިމު ކުރެއްވި އެންމެހައި އާދަމުގެ ދަރިންގެ މައްޗަށް މާތްކުރައްވައި، ޚާލިޤުވަންތަ މާތް ﷲ ގެ ހަޟްރަތުން ހޮއްވަވައި ޚިޔާރުކުރައްވާފައިވާ މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ހަމްދު ލިބިގެންވާ މަތިވެރި މަޤާމުގެ ވެރި އަދި ޙައުޟޭ ކިޔުނު ފެންގަނޑުގެ ސާހިބާއެވެ. އަދި ޤިޔާމަތްދުވަހު ސުވަރުގޭގެ ދޮރުކޮޅު ހުޅުވި އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެ ވަޑައިގަންނަވާނީ އެކަލޭގެފާނެވެ.

ކީރިތި رسول الله صلي الله عليه وسلم ދެކެ ލޯބިވާ އަދި އީމާންވާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި އަދި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ޛިކުރާ އާވެ އާލާވޭވޭ ހުންނާނެ ކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.