​ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު އަދާކުރުން ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

“ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.  الصلوات الخمس، والجمعة إلى الجمعة ، ورمضان إلى رمضان،  مكفرات لما بينهن ما اجتنبت الكبا ءر (رواه مسلم) މާނައީ: ފަރުޟު ފަސް ނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑު ފާފަތަކަށް އަރައި ނުގަންނަ ކަމުގައިވާނަމައެވެ. (އެބަހީ: އެ ދެމެދުގައި ކުރެވޭ ކުދި ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެއެވެ.)” މިއަދުގެ ޚުޠުބާގައި ވެއެވެ.

ހުކުރު ދުވަހުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ސާފުތާހިރު ފޭރާންލުމާއި، ހުކުރުގެ ޖަމާޢަތަށް އަވަހަށް ހާޟިރުވުމާއި، މީހުންގެ ކޮނޑުމަތިން ހުރަސްނުކޮށް މިސްކިތަށް އެރުމާއި، ކުރިން އަންނަ މީހުން މިސްކިތުގެ ކުރީ ސަފުތައް ފުރަމުން ގެންދިއުމާއި، މިސްކިތުގައި އިށީއިނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެ ރަކުޢަތް ކުރުމާއި، ސަފު ސީދާ ކުރުމާއި އަދި މީގެ އިތުރުން ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމުގެ މުހިންމުކަން މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ޚުތުބާގައިވަނީ ހުކުރު ދުވަހު، ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް ހާޟިރުވީ މީހުން ލިޔުއްވުމަށް، މާތް ﷲ ޙާއްޞަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫންކަމެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ޞައްޙާވާނެ ކަމަށެވެ. (އެބަހީ: މެންދުރު ނަމާދުގެ ބަދަލުގައި އެ ނަމާދު ޤަބޫލު ކުރެވޭނެއެވެ.) ނަމަވެސް ﷲ ތަޢާލާ ހުކުރު ނަމާދަށް ޚާއްޞަ ކުރައްވާފައިވާ ދަރުމައާއި ޘަވާބުގެ ބޮޑުބައެއް އެބައި މީހުންނަށް އުނިވެގެން ދާނެކަމުގައި ވެސް މިއަދު ޚުތުބާގައި ވެއެވެ. މީގެ އިތުރުން އުޛުރަކާއި ނުލާ ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށާއި ނަމަވެސް ހުކުރު އަޅާފައި ދަތުރު ދިއުމާއި، ޝަރުޢީ އެއްވެސް އުޒުރަކާނުލައި ހުކުރަށް ނައިސް ތިބުމުގެ ނުބައިކަމުގެ މައްޗަށްވެސް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ.

ހުކުރު ޚުތުބާއާއި ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށާއި، އަދި ހުކުރު ޚުތުބާގައި މުޚާތަބުކުރެވޭ ފަރާތަކީ ތިމާކަމުގައި ދެކިގެން ކަނުލައި އަޑު އެހުމަށާއި، ޚަތީބު ޚުތުބާ ދެމުންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއްކަމުގައި މިއަދުގެ ޚުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި ޚަތީބު މީހާ ޚުތުބާދެމުންދާ ވަގުތު މި މުޖްތަމަޢުން ފެންނަމުންދާ ނޭދެވޭ ބައެއް ޢަމަލުތަކަށް އަލިއަޅުވާލާފައި ވެއެވެ. މިގޮތުން ޚުތުބާދެމުންދާ ވަގުތު މިސްކިތު ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުން ބޭރުގައި ވާހަދައްކަން ތިބޭކަމާއި އަދި މީގެ އިތުރުން ފޯނުން ގޭމު ކުޅުމާއި، ފޭސްބުކަށް ވަނުމާއި، ސިނގިރޭޓް ބުއިންފަދަ ނޭދެވޭ ޢަމަލުތަށް ފާހަގަކޮށް، މިފަދަ ކަންކަމުން ދުރުހެލިވުމަށް ނަޞޭހަތްތެރި ވެފައިވެއެވެ. އަދި ޚުތުބާ އަޑު އެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާއިރު އަހަރެމެން އިންސާނުން އެ ޚުތުބާ ކަނުލައި އަޑުއެހުން މާ އައުލާކަން ބޮޑުކަމުގައި މިއަދުގެ ޚުތުބާގައި ބަޔާންކުރައްވާފައި ވެއެވެ. 

“ހުކުރު ދުވަހަކީ އެ ދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ ހުކުރު ދުވަހުގެ އަޞުރު ނަމާދަށްފަހު އިރު އޮއްސުމާއި ދެމެދުގައިވާ ވަގުތު ކޮޅެއްކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިމްބަރުގައި އިށީއިނީއްސުރެ ހުކުރު ނަމާދުކޮށް އަވަދި ވެއްޖައުމަށް ދާންދެން އެވާ ވަގުތުކަމުގައި ވެސް ރިވާވެގެން ވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތު ކަމުގައި ވެސް އައިސްފައި ވެއެވެ. އެހެންކަމުން އެ ދުވަހު ދުޢާކުރުން އިތުރު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.” މިއަދުގެ ޚުތުބާގައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.