އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތަކަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ.

ﷲ އާއި ރަސޫލާ އަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުމަށްފަހު އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއެޅުމުގެ އިތުރުން އެ ހައްޤުތަކަށް ވަރަށް ތަފްސީލީގޮތެއްގައި މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. 

މިގޮތުން އެ ހައްޤުތައް އުންމަތަށް ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. އެއް މުސްލިމަކަށް އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްޤުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށްބަޔާންވެގެން ވެއެވެ. “ދެންނެވުނެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ! އެ ހައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “މުސްލިމަކާ ބައްދަލުވެއްޖެ ނަމަ ސަލާމް ކުރާށެވެ. އަދި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަދޭށެވެ. އަދި ކިނބިއްސެއް އެޅޭ ހިނދުމާތް ﷲ އަށް ޙަމްދު ކޮށްފިނަމަ، އޭނާއަށްޓަކައި ހެޔޮދުޢާ ކުރާށެވެ. އަދި ބަލިވެއްޖެ ނަމަ ޒިޔާރަތްކުރާށެވެ. އަދި އޭނާ މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.” (صحيح مسلم)

 މުސްލިމުންގެ މެދުގައި ސަލާމް ބަދަލުކުރުމަކީ، ލޯބި އިތުރުވާ ކަމެކެވެ. ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެކެވެ. ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އުނދަގުލެއް ތުރާލެއް ނުލިބޭނެކަމުގެ މައްޗަށް ވެވޭ އަހުދެކެވެ. ކީރިތި ޤުރުއާނު ގައި ވަނީ، ސަލާމް ކުރުމަށް އަމުރު ކުރައްވާފަ އެވެ. މިގޮތުން ﷲ ތަޢާލާ ނިސާ ސޫރަތުގެ 86 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. “ތިޔަބައިމީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމް ކޮށްފިނަމަ، އެއަށް ވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.” ކީރިތި ރަސޫލާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައި ވަނީ މީސްތަކުންނާއި ސަލާމް ކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއް ކަމުގައެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި، އެކުވެރިކަމާއި، އެއްބައެއް ވަންތަ ކަމުގެ ސިފަ އާލާވެގެން ދާނެތީއެވެ. 

މުޖުތަމަޢުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފަލުގައިބައިވެރިވުން ވެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ ހާލު އެނގި، އެ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާވެގެން ދާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. މާނައީ: “މުސްލިމު އަޚާ ތިބާއަށް ދަޢުވަތެއް ދީފިނަމަ އެކަމަށް ތިބާ އިޖާބަދޭށެވެ!” ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ދަޢުވަތު ދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހަކު ކަމުގައި ވީނަމަވެސް އިޖާބަ ދެއްވައެވެ. އެ ދަޢުވަތުދެވުނީ ކިތަންމެ އާދައިގެ ކާއެތިކޮޅަކަށް ކަމުގައި ވިޔަސް އިޖާބަ ދެއްވައެވެ. މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވަނީ، މީހާގެ މަޤާމަށް ބެލުމެއް ނެތި، އޭނާގެ ދަޢުވަތަށް އިޖާބަ ދިނުމަށެވެ. އަދި ޚާއްޞަ ގޮތެއްގައި އެ ދަޢުވަތަކީ، ކާވެނީގެ ވަލީމާއެއްނަމަ އެ ދަޢުވަތަކަށް އިޖާބަދެއްވުމަށް އިސްކަން ދެއްވައެވެ. އެއީ، އެ މަޖިލީހުގައި އެކުލެވިފައިވާ އެއްބަނޑު އެއްބަފާކަމާއި އަޚުވަންތަކަމާއި، އެ ދައުވަތު ދޭ މީހާއަށް އެކަމުގެ ސަބަބުންހިތްހަމަ ޖެހުމެއް ލިބިގެންދާނެތީއެވެ. 

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ހެޔޮ ކަންތަކުގެތެރޭގައި ބަލިމީހުންނަށް ޒިޔާރަތް ކުރުން ހިމެނެއެވެ. އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭނެޖެހޭ ހައްޤެކެވެ. އަދި އެއީ ސުންނަތެކެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްޤުތަކުގެ ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި މިއަދުގެ ޙާލަތަށް ރިޢާޔަތް ކުރަންޖެހެއެވެ. މިގޮތުން މި ހާލަތުގައި ހަމަ އެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލަން ޖެހެއެވެ. ޖަނާޒާގައި ބައިވެރިވުމާއި، ބަލި މީހުންނާއި ގާތް ތިމާގެ މީހުންގެގާތަށް ޒިޔާރަތް ކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް މިއަދު ފޯނާއި ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، މި ފަދަ ޒިޔާރަތް ތަކާއި، ބައްދަލުވުންތައް، ނުހަނުފުރިހަމައަށް ބޭއްވޭނެއެވެ. މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުން ވިޔަސް އިންޓަނެޓުބޭންކިން މެދުވެރިކޮށް އިސާހިތަކު އެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ. 

އިސްލާމް ދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް ބާރުއަޅާ ދީނެވެ. އެ ލޯތްބާއި ގުޅުންތައް ތިމާގެ މުސްލިމް އަޚާ މަރުވުމަށް ފަހުގައި ވެސް ދަމަހައްޓަން ޖެހެއެވެ. އޭގެ ތެރޭގައި ކަށުނަމާދާއި، ކަށުކަމާކެމީގެ ކަންތައްތަކުގައި ބައިވެރިވުން ހިމެނެއެވެ. މައްޔިތާގެ ފާފަ ފުއްސަވައި، ރަޙްމަތް ލެއްވުން އެދި ދުޢާ ކުރުމާއި، އޭނާގެ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުންތައް ދެމެހެއްޓުމާއި، ޞަދަޤާތް ދިނުމަކީ ތިމާގެ އަޚާ މަރުވުމުގެ ކުރިން އޮތް ގުޅުންތައް، އޭނާ މަރުވުމަށް ފަހުގައި ވެސް ދަމަހައްޓާ ކަމުގެ ހެއްކެކެވެ. ޖަނާޒާ ގައިބައިވެރިވުމަކީ، ދިރިތިބީންނަށާއި މައްޔިތާ އަށް މާތް ﷲ ރަޙުމަތް ލައްވާ ކަމެކެވެ. އަދިއެއީ މައްޔިތާގެ އަހުލުވެރިންގެ ހިތާމަތަކުގައި ބައިވެރިވެވޭ ބައިވެރިވުމެކެވެ. އެ މީހުންނަށްދެވޭ ތަސައްލީއެކެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.