ބޮލީވުޑްގެ ‘ދަކް ދަކް ގަރލް’ މަދޫރީ ޑިކްސިޓް އޭނާގެ ކައިވެނީގެ ވިހި އަހަރު ފުރުން ފާހަގަ ކޮށްފިއެވެ. މަދޫރީ އަދި ފިރިމީހާ ޑޮކްޓަރ ޝްރިރާމް ނެނޭ އާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ފިރިމީހާއަށް ކައިވެނީގެ ވިހި އަހަރުގެ ތަހުނިޔާ ކިޔާފައި ވެއެވެ.
މަދޫރީގެ އެ މެސެޖުގައި ފާއިތުވެ ދިޔަ ދިގު މާޒީގެ އިހުސާސްތައް ހާމަކޮށްފައިވެއެވެ. “މީގެ ވިހި އަހަރު ކުރިން މިއަދަކީ އަހަރުމެން ގުޅުން ފެށި ދުވަސް. ތިޔަ ފަދަ ފިރިއަކު އަހަރެންގެ ޙަޔާތަށް ލިބުމަކީ އެންމެ އުފާވާ ކަންތައް. ތީ ހަމައެކަނި ފިރިއެއްނޫން، އެންމެ ގާތް އެކުވެރިޔާ އަދި ރަޙްމަތްތެރިޔާ ވެސް މެ. ޑޮކްޓަރ ނެނޭ އަށް ކައިވެނީގެ ވިހި އަހަރުގެ ތަހުނިޔާ ކިޔަން. އަހަރުމެންގެ ދިރިއުޅުމުގައި ކުރިއަށް އޮތީވެސް މިފަދަ އުފާވެރި ލޯބި އަހަރު ތަކެއްގެ ގޮތުގައި އުންމީދު ކުރަން.” މަދޫރީގެ މެސެޖުގައި ބުނެފައި ވެއެވެ.
މަދޫރީ ވަނީ ފިރިމީހާ އާ ދެމީހުން ހިނިތުން ވުމާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް މި މެސެޖާއެކު ހިއްސާކޮށްފައެވެ.
މަސައްކަތުގެ ފަޅިއަށް ބަލާލާއިރު މަދޫރީ އެންމެ ފަހުން ފެނިފައިވަނީ ވަރުން ދަވަން އަދި އާލިއާ ބަޓް އެކްޓް ކޮަސްފައިވާ ފިލްމު ‘ކަލަންކް’ އިންނެވެ. މީގެ އިތުރުން ސަންޖޭ ދަތު، އަދިއްތިޔަ ރޯއީ ކަޕޫރު، ސޮނާކްޝީ ސިންހާ، އަދި ކުނާލް ކެއްމޫ ވެސް ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އަބީޝެކް ވަރްމަން އެވެ.
