އިންސާނަކަށް ވާތީ އަޅުގަނޑުގެ ވަށައިގެންވެސް ގުޅުންތަކެއް ވަނީ އުފެދިފަ އެވެ. އަޅުގަނޑަކީވެސް ބައްޕަ އެކެވެ. ފިރިއެކެވެ. ބައެއްގެ ދަރިއެކެވެ. ބޭބެއާއި ދައްތަ އާއި ކޮއްކޮމެން މި ދެންނެވި ގުޅުމުގައި ވެއެވެ. ރައްޓެހިންނާއި، އެކުގައި އެއް ކުލާހުގައި އުޅުނު ކުދިންނާއި، އެއް ސްކޫލެއްގައި އުޅުނު ކުދިންނާއި، އެކުގައި މަސައްކަތްކުރި މީހުންނާއި އަދި މިހާރު އެކުގައި މަސައްކަތް ކުރަމުން އަންނަމީހުންނާއި މިހެން ގޮސް އެތައް ބަޔަކާއި ވަނީ ގުޅި ލާމެހިފައެވެ. މި ދެންނެވި ހުރިހައި ގުޅުމަކަށް ވުރެންވެސް ތަފާތު ގުޅުމެއް އުފެދިފައިވަނީ އަޅުގަނޑުގެ މުދައްރިސުންނާއި އެވެ. އެއީ ކީއްވެގެންތޯ އެވެ؟ މި ސުވާލަށް ޖަވާބުދާރީ ވުމަށް އެތަކެއް ބައިވަރު ސަބަބުތަކެއް ދެއްކިދާނެ އެވެ.

މުދައްރިސުންނަކީ މަދަރުސާގައި އަޅުގަނޑުމެންގެ މަންމަ އާއި ބައްޕައިންނެވެ. އެބޭފުޅުން، ހުރިހައި ރަނގަޅެއް އަޅުގަނޑުމެންނަށް ލިބުމަށް އަބަދުވެސް އެދެ އެވެ. ކުށެއް ކުރެވުނަސް ނުވަތަ ގޯހެއް ހެދުނަސް އެ މުދައްރިސުން އަޅުގަނޑުމެން ދޫކޮށެއް ނުލައްވަ އެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ހެދުނު ގޯސް ވިސްނަވައިދެއްވަވާ ރަނގަޅު މަގު ދައްކަވައެވެ. މަދަރުސާގައި އަޅުގަނޑުމެންގެ ބެލެނިވެރިންނަކީވެސް މުދައްރިސުން ނެވެ. ދުވާލުގެ ގިނަ ވަގުތުތައް މަދަރުސާގައި ހޭދަކުރާއިރު އަޅުގަނޑުމެންގެ ބެލެނެވެރި ފަރާތަކީވެސް މުދައްރިސުން ނެވެ.

ލޭގެ ގޮތުން ގުޅުމެއް ނެތަސް، އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމާއިމެދު މުދައްރިސުން ހަސަދަވެރިކަމެއް ނުގެންގުޅުއްވައެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މޮޅުވުމުން އެކަމާ އެއްމެ އުފާކުރައްވާ އެއް ފަރާތަކީވެސް މުދައްރިސުންނެވެ. މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީގެ ހުރިހައި މޮޅެއް، ހުރިހައި ފައިދާއެއް އަޅުގަނޑުމެންނަށް ލިބުނަސް، އެކަންކަމާ އެއްމެ އުފާކުރައްވާ އެއްބަޔަކީވެސް ހަމަ މުދައްރިސުންނެވެ.

ހުރިހައި އިނާމެއް، ހުރިހައި ތަޢުރީފެއް އަދި މަޝްހޫރުކަމެއް ލިބޭބަޔަކީ ހަމަ އަޅުގަނޑުމެން ނެވެ. މުދައްރިސުންގެ ދަރިވަރުންނެވެ. ކާމިޔާބީގެ ފަހަތުގައި ފަރުދާގެ ފުރަގަހުގައި ހުންނަވާ ފަރާތަކީ މުދައްރިސެވެ. މުދައްރިސުންނަށް ޙައްޤުވާ އިނާމާއި ޝަރަފު ލިބޭކަން މުދައްރިސުން ޤަބޫލުކުރައްވަނީ ދަރިވަރުންނަށް ލިބޭ މި ދެންނެވި ކާމިޔާބުންނެވެ.

މުދައްރިސުން ކުރައްވަވާ ބުރަ މަސައްކަތް ވަޒަންކޮށްލެވޭނީ ޚުދު އަމިއްލަ ތަޖުރިބާއިން އެކަމުގެ ހުރި ބުރަކަމާއި، ހޭދަކުރަންޖެހޭ ވަގުތާއި، ވިސްނަންޖެހޭ ވިސްނުންތައް އެނގިފައިވާ މީހަކަށެވެ. ނަސީބު ރަނގަޅުކަމުން އަޅުގަނޑަކީ އެކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިފައިވާ މީހަކީމެވެ. މުދައްރިސުކަމުގެ މަސައްކަތަށް ނިކުތުމުގެ ކުރިން، ޚުދު އަޅުގަނޑުވެސް އެތައް ފަހަރަކު މުދައްރިސުން ބުރަކޮށް އުޅުއްވަން ޖެހޭވާހަކަ ދެއްކެވެމުން އެކަމާ ކޮންމެވެސް ވަރަކަށް ޖަދަލުކުރީމެވެ. ކުލާހަށް ދުރުވެ ހަމައެކަނި ފިލާވަޅު ނަންގަވައިދެއްވައި ފޮތްތައް މާރކްކުރެއްވުން ފިޔަވާ އެހެން ކަމެއް ކުރައްވަން ޖެހިލައްވާ ބައެއްކަމަށް އޭރަކު ހީވެސް ކޮށްލެވިފައެއް ނުވެއެވެ. ނަމަވެސް ސަހަރޯއެވެ. މުދައްރިސެއްގެ ދުވާލުގެ ޝެޑިއުލް ބަލައިލާ، މުދައްރިސަކާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލެވިއްޖެނަމަ، މިއީ ވަކަރުފެޅުމަށްވުރެން ވަކިން ކުޑަކަމެއް ނޫންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ދަރިވަރުންނަށް އުގަންނަވައިދެއްވެވުމުގައި މުދައްރިސުން އަދާކުރައްވަވާ އަގުހުރި މަސައްކަތްތައް ގިނަގުނައެވެ. އެއީ ދަރިވަރުންތަކެއް، ޖީލެއް، މުޖުތަމަޢެއް އަދި ޤައުމެއް ބިނާކުރާނެ ފަހުލަވާނުންތަކެއް އުފައްދަވާ އެއްމެ މުހިއްމު މޭސްތިރިންނެވެ. ޖީލެއް، މުޖުތަމަޢެއް އަދި ޤައުމެއްވިޔަސް ތަރައްޤީވުން ބިނާވެފައި އޮންނަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޮރުކޮށްދެވިގެންނެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ދެވިގެން މެނުވީ ރަނގަޅު ސިޔާސީ މީހުންނެއް، ޑޮކްޓަރުނެއް، އިންޖިނޭރުންނެއް، ވިޔަފާރިވެރިންނެއް، ދަނޑުވެރިންނާއި މަސްވެރިންނެއް، އާރޓިސްޓުންނެއް، ސައިންސްވެރިންނެއް ނުވަތަ އެހެންވެސް މަޤާމެއްގެ ބައެއް އުފެދިގެންނެއް ނުދާނެއެވެ. މިކަން ކުރުމަށްޓަކައި މުދައްރިސުންނަކީ އަބަދުވެސް އުނގެނެމުން، ދަސްކުރައްވަވަމުން ގެންދަވާ ބަޔަކަށް ވާންޖެހެއެވެ. މިދެންނެވި މަންޒަރު މިއަދު ފެންނަމުންދާކަމީވެސް އުފާކުރަންޖެހޭ ކަމެކެވެ.

ކާމިޔާބު މުދައްރިސަކަށް ވުމަށްޓަކައި އެ މުދައްރިސަކީ މިހާރު އެއްމެ ޢާއްމުކޮށް ބޭނުންކުރާ ސިޔާސީ ބަހުރަވައިގެ ރަދީފުގައި ބުނާހެން ‘ހަޖަމް ކުރެވޭ’ ބަޔަކަށް ހަމަ ކޮންމެހެންވެސް ވާންޖެހެއެވެ. މުދައްރިސުންގެ ކިބައިން ރަނގަޅު އަޚްލާޤާއި ސުލޫކު އަބަދުވެސް ފެންނާން ޖެހެއެވެ. ފާޑުކިޔުންތައް ހަޖަމުކުރެވި، އެ ފާޑުކިޔުންތައް ބަލައިގަނެވޭ ބަޔަކަށް ވާން ޖެހެއެވެ. ގޯހެއް ހެދުނަސް އެ ގޯސް ޤަބޫލުކުރެވި، އެކަން ރަނގަޅުކުރެވެން ޖެހެއެވެ. މިއީކީ އަޅުގަނޑު އަމިއްލައަށް ދައްކާ ވާހަކައެއް ނޫނެވެ. ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ބައެއް ލިޔެކިޔުންތައް ކިޔާލިއިރު، އެކިއެކި މާހިރުންނާއި ތަޖުރިބާކާރުންގެ ވިދާޅުވުންތަކެއް ކުރުގޮތަކަށް ޚުލާޞާއެއްކޮށް ތިލަކޮށްލީއެވެ.

މި މުނާސަބު ވަގުތުގައި މިފަދަ މަޢުޟޫއަކަށް ލިޔެލާއިރު، އަޅުގަނޑުމެން ބެލެނިވެރިންގެ ޒިންމާގެ ވާހަކަވެސް ހަމަ ކޮންމެހެން ދައްކާލަން އެބަޖެހެއެވެ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ މުހިއްމު އެއް ކަމަކީ، ކޮންމެ މުދައްރިސަކުވެސް އެބޭފުޅެއްގެ ދަރިވަރުންނަށް އެއްމެ ރަނގަޅުގޮތް ވުމަށް އަބަދުވެސް އެދިލައްވާނެކަމާއި މުދައްރިސުންނަކީވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންކަން ދަތުމެވެ. މުދައްރިސުންގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން، އެކަމަށް އެއްމެ ރަނގަޅު ހައްލެއް ލިބޭނީ އެއްމެ ފުރަތަމަވެސް އެކަން މުދައްރިސާއި ހިއްސާކޮށްގެންނެވެ. ރަނގަޅުގޮތުގައި މުޢާމަލާތު ކުރެވިއްޖެނަމަ، ދިމާވި މައްސަލަ ހައްލުކުރެވުމުގެ އިތުރުން ޚުދު އެ މުދައްރިސެއްގެ ކުރިމަތީގައި ބެލެނިވެރިޔާގެ އަގު އުފުލިގެންދާނެއެވެ.

މުދައްރިސުންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރެވެމުން އަންނައިރު ދަރިވަރުން ވިސްނާލަންވީ އެއްމެ މުހިއްމު އެއް ނުކުތާއަކީ، ދަރިވަރެއްގެ ފަރާތުން މުދައްރިސަކަށް ދެވޭނެ އެއްމެ އަގުބޮޑު ހަދިޔާ ނުވަތަ ޓީޗަރސްޑޭ ގިފްޓަކީ، މުދައްރިސުންގެ ބަސްއަހާ، ކިޔަމަންތެރި، މޮޅު ދަރިވަރުންތަކަކަށް ވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.