ތިޔަބޭފުޅުންގެ ކުރިމައްޗަށް، މި ހުށަހަޅައިލަނީ އަލްމަރުޙޫމު ބޮޑުގަލު އިބްރާހިމް މަނިކުގެ “އެއީ ޤުދުރަތުގެ ޤާނޫނެވެ.” ކިޔުނު ޅެމުގެ ޝަރަހައެވެ. ފުރަތަމަބައިގައި، މި ހިމަނައިލަނީ، އެ ޅެމުގެ ފުރަތަމަ ފަސް ބައިތުގެ ޝަރަހައެވެ.

“އެއީ ޤުދުރަތުގެ ޤާނޫނޭ އުފެދުމާއި ނެތިފަނާވެދިއުން،
އެއީ ޙައްޤުގެ ނިޔާއޭ ފޮޅުނުހައި މައުތައް ވަޅޯވެދިއުން”

އުފެދުމާއި ނެތިފަނާވެދިއުމަކީ، ޤުދުރަތުގެ ގާނޫނޫގެތެރޭގައިވާ ކަންތައްތަކެވެ. ހަމަކަށަވަރުން މާތް ރަސްކަލާނގެ އިރާދަފުޅުން މެނުވީ، އެއްވެސްކަމެއް ނުވެއެވެ. އެކަލާނގެއީ ނެތުމުގެތެރެއިން، ހުރިހައި ތަކެތި ވުޖޫދުކުރެއްވި އިލާހެވެ. ހަމަ އެހެންމެ އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، ލަސްތަކެއްނުވެ، އެކަމެއް ތަންފީޒުވެގެންދެއެވެ. ދުނިޔޭގައި ކަންތައްތައް ހިނގަމުންދާގޮތުގެ މައްޗަށް، ވިސްނުމުގެ ނަޒަރެއް ދެއްވަވައިފިނަމަ، ހެކިތައް މިހުރީ ދިމާއަށް ފެންނާށެވެ. ގަސްގަހާގެއްސާއި، ވެޔޮވެލާވެލި ރޯވެ ހެދެމުންދާގޮތަށް ވިސްނާލިޔަސް، މިކަން ހާމަވެގެންދެއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ގަސްގަހުންނާއި، ވެޔޮތަކުން، ޝަޒާއިން ފުރިގެންވާ މާމެލާމެލި ނެރުއްވައެވެ. އަދި ކީއްތޯއެވެ. އެކަލާނގެ ނިޔާކުރައްވައިފިނަމަ، އިސާހިތަކު އެ މާމެލާމެލިތައް މޯޅިވެގެންދެއެވެ.

“ދިމާއަށް ދައްކައޭ އުފުލައި ހަދާފައިވާ ޢިމާރާތްތައް
ބިމާ ހަމައިން މުގުރި ކުދިކުދިވެގެންގޮސް ނެތިފަނާވެދިއުން”

ދުނިޔޭގެ އެތަންމިތަނުގައި ހަދާފައިވާ އުސް ޢިމާރާތްތައް ފެންނަ ހިނދު، އިންސާނުންގެ ކުޅަދާނަކަމާއިމެދު ހައިރާންވާހައި ވަރުވެއެވެ. އެވޭލާ ޒަމާނުއްސުރެ، އިންސާނުން އަންނަނީ ތަފާތު ބިނާތައް ކުރަމުންނެވެ. އެހެންނަމަވެސް، އެފަދަ ތަންތަން، އިންދިރާސްވެގެން އެހެރަދަނީ ކުޑަ ހިނދުކޮޅެއްގެތެރޭގައެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލިޔަސް، މިހިރަމިހިރަ ކަންތައްތައް މިދަނީ، ފެންނަމުންނެވެ. ބިންހެލުންތައް އައިސް، ބިމާ ހަމަކޮށްލީ ކިތައް ޢިމާރާތްތޯއެވެ. ތޫފާންތައް އައިސް، މުލުން ލުހެލީ ކިތައް ޢިމާރާތްތޯއެވެ. ތަނބުތަކުގެ އަހުލުވެރި އިރާމު، މިއަދު ކޮބައިތޯއެވެ. ޤުދުރަތުގެ ގާނޫނާއިއެކު ތަންފީޒުވެގެންދިޔައީ ނޫންތޯއެވެ.

“އެތައް ޤަރުނެއްވެ ބިޔަކަން ލިބެވިފައިވި ހިލައިގެ ފަރުބަދަތައް،
ގެތައް އާދައިގެ ހުއްޓާވެސް ގޮވައި އަޅިޔަށްވެ ނެތިވެދިއުން”

މި ބައިތުގައި ޝާޢިރު އެ ފާހަގަކުރައްވަނީ، އުޑާއި ބިމާހައި ތަފާތު ދޭއްޗެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ހެއްދެވި ފަރުބަދަތަކާއި، އިންސާނުން އަޅައިފައިވާ އާދައިގެ ގެތަކުގެ ވާހަކައެވެ. މި ބައިތުގައި، އެހައި ފަރަޤު ބޮޑު ދޭއްޗެއްގެ ވާހަކަ، އެ ވިދާޅުވަނީ، ޤުދުރަތުގެ ގާނޫނުގެ ވަރުގަދަކަން އަންގަވައިދެއްވުމުގެ ގޮތުންނެވެ. އާދެ! ދުނިޔޭގެ އެކި ޤައުމުތަކުގައި، މާސިންގާ އެތައް ފަރުބަދައެއް އެބަހުއްޓެވެ. އެތައް ޤަރުނެއް ވެފައިވާ ބިޔަ ފަރުބަދަތަކެވެ. އަލިފާން ފަރުބަދަތައް ވެސް މެއެވެ. އާދައިގެ ގެތަކާއި، ޖިފުޓިތައް އޭގެ ޒާތުގައި ސާބިތުވެ ހުއްޓައި، އެ ބިޔަ ފަރުބަދަތައް ގޮވައި އަޅިޔަށްވެގެން ދާތަން ތިބާއަށް ނުފެނޭ ހެއްޔެވެ. ހަމަކަށަވަރުން އެއިން ވެސް، އަންގައިދެނީ ޤުދުރަތުގެ ގާނޫނު ކަނޑައެޅުމުން، ކިތަންމެ ބާރުގަދަ، ކިތަންމެ ބޮޑު އެއްޗެއް ވެސް، ފަނާވެގެންދާނެކަމެވެ.

“ބައެއް ދުވަހަށް ވިދާގުގުރާ ވަޔާވާރޭ ނިކަން އަޔަކަސް،
އަނެއްބައިދުވަހު އަވިދީފައި އަރާމުގެ ވައި އައިސް ޖެހިލުން”

ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެކެވެ. ބައެއް ދުވަސްތަކުގައި، އުޑުމަތީގައި ހާވިލާތަކާއި، ކޮއްބޯވިލާތައް ދައުރުވަމުން ދާތީ ފެނެއެވެ. ވިލާމަތީ ވިލާލައި، ހަޅަޖަހައި، ވައިބުރުއްސައި، ވިއްސާރަކުރާ މަންޒަރު ވެސް ފެނެއެވެ. އަދި ކިއެއްތަ، ނަގޫރޯޅިއައިސް، ތަންތަން ސުންނާފަތިކޮށްލާތަން ވެސް ފެނެއެވެ. ހަމަ އެހެންމެ ބައެއް ދުވަސްތަކުގައި ކުނިވިއްސާރަވާތަން ވެސް ފެނެއެވެ. މީގެ އަނެއް ކޮޅަށް ބަލައިފިނަމަ، އުޑުމަތިން ވިލާރޮއްޖެހައި ހިސާބުވެސް ނެތް ދުވަސްތައް ފެނެއެވެ. އިިރުވައި ވިއްސާރަކޮށް، ދާދި އަވަހަށް އުޑުމަތި ސާފުވެގެންދާތަން ވެސް ފެނެއެވެ. އާދޭހެވެ. ދެހަޅަ ޖަހައި ހަޅަމަޑުވެ ވައި އުތުރަށް އެރުމަކީ ވެސް، ޤުދުރަތުގެ ގާނޫނުގެ ދަށުން ހިނގަހިނގާ ހުންނަ ކަންތައްތަކެވެ. ހަމަ އެހެންމެ، އިރުގެ އަވިން ދުނިޔޭގެ ހީފިލުއްވައިދިނުމާއި، އަރާމު ރޯޅިތައް އައިސް، އިންސާނުންގެ ހިއްތަކަށް ތަސައްލީ ދިނުމާއި، މިހިރަމިހަރަ ކަންކަމަކީ ޤުދުރަތުގެ ގާނޫނުގެ ދަށުން ހިނގަމުންދާހައި ކަންތައްތަކެވެ.

“ޝެހެންޝާހުގެ ނަމުން މަޝްހޫރުވެވިފައިވާ އެތައް ބަޠަލެއް،

ރަޙުމުނެތި މަރުއައިސް ކުރިމަތިލުމުން އެއްބަސްވެ ކިޔަމަންވުން”

މި ދުނިޔެ ފެށުނީއްސުރެ، ތިމަތިމާމެންގެ ވަރެއްނެތިގެން، ގަދަފައިވިއްދައިފައި އުޅުނީ ކިތައް މީހުންތޯއެވެ. މި ދުނިޔޭގައި ތާއަބަދު ހުންނާނެކަމަށް ދަޢުވާކޮށް، ގުންފައިޖަހައިފައި އުޅުނީ ކިތައް މީހުންތޯއެވެ. މި ދުނިޔޭގެ ކަންކޮޅުތަކުގައި، ގަދަބަދަވިކަން ދެއްކީ ކިތައް މީހުންތޯއެވެ. އިބްރާހިމްގެފާނުގެ ޒަމާނުގައި އުޅުނު ނަމްރޫޛު، މިއަދު ކޮބައިތޯއެވެ. މޫސާގެފާނުގެ ޒަމާނުގައި އުޅުނު ފިރުޢައުނު، މިއަދު ކޮބައިތޯއެވެ. ހާމާނާއި، ޤާރޫނު، މިއަދު ކޮބައިތޯއެވެ. އަބޫޖަހުލާއި، އަބޫލަހަބު، މިއަދު ކޮބައިތޯއެވެ. ދާރަޔާއި ސިކަންދަރު، މިއަދު ކޮބައިތޯއެވެ. ސީޒަރާއި ނަޕޯލިއަން، މިއަދު ކޮބައިތޯއެވެ. ހިޓްލަރާއި، ޢާޔަތުﷲ ހުމައިނީ، މިއަދު ކޮބައިތޯއެވެ. މިއުޒިކުގެ ރަސްގެފާނުންކަމުގައި ބުނާ، މައިކަލް ޖެކްސަންއާއި ބޮބްމާލީ، މިއަދު ކޮބައިތޯއެވެ. މަތިވެރި ރައްބުގެ އިޒުނަފުޅާއިއެކު، މަލަކުލްމައުތު ވަޑައިގަތުމުން، އިސްވެ މިދެންނެވި އެކަކަށް ވެސް، އިސްއުފުލައިލާނެހައި ހިތްވަރު ވެސް، ނުލިބޭ ދޮގެއްތޯއެވެ. ހަމަކަށަވަރެވެ. މަރުއައިސް ޖެހުމުން، އެ އަށް ކިޔަމަންވުން ނޫންގޮތެއް ނޯންނާނެއެވެ. މި ކަމުން އެއްވެސް އިންސާނަކު އިސްތިސްނާވެގެން ނުވެއެވެ. ޝެހެންޝާހެއް ކަމުގައިވިޔަސް، އަޖަލުޖެހުމުން ޤުދުރަތުގެ ގާނޫނަށް ތަބާވުން ނޫންގޮތެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.