ދިވެހިންގެ މެދުގައި އެންމެ މަޤްބޫލް އެއް ކުޅިވަރު ޝަހުސިއްޔަތު އަދި ދިވެހިރާއްޖެ ދުށް އެންމެ މޮޅު ގޯލް ބެލެހެއްޓުންތެރިޔާ “ކީޕަރު އިމްރާން” 20 އަހަރުގެ ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
އިމްރާން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ “އަހަރެން ފުޓްބޯޅަ ކުޅުމުން ރިޓަޔަރ ކުރުމަށް ނިންމައިފިން. އަހަރެން ގަބޫލުކުރާ ގޮތުގައި މީ އެކަން ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު. އަހަރެން އުއްމީދުކުރަނީ ގޯލްކީޕަރުންގެ ގޮތުގައި ޒުވާން ހުނަރުވެރި ކުދިން އަރަމުން އަންނާނެކަމަށް. އަހަރެންގެ ހެޔޮއެދުންތައް އަބަދުވެސް އޮންނާނީ ދިވެހި ފުޓްބޯޅަ އާއިލާއާ އެކު. ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް އެރުމުގެ ތައުފީގް މާތްﷲ ދެއްވާށި. އާމީން.” މިހެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހޯމަދުވަހުގެ ރޭ ގައުމީ އިނާމު ޙާސިލްކުރި “ފުޓްބޯޅަ ލެޖެންޑް” އެއްކޮށް ކުޅުން ހުއްޓާލަން ނިންމީ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކުލަބުން މުސާރަ ނުލިބޭތީ ދެ ފަރާތުން ވާހަކަދައްކައިގެން ސީޒަނުގެ މެދަކާ ހަމައިން ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.
އިމްރާނަށް އުފާ ފާގަތި މުސްތަގުބަލަކަށް އެދެމެވެ. ގައުމަށާއި، ފުޓްބޯޅަ އަށް ތިޔަ ކޮށްދިން ޚިދުމަތުގު އަގު ދިވެހިން އަބަދުމެ ވަޒަންކުރާނެއެވެ. ދިވެހިންގެ ހިތްތަކުގައި “ކީޕަރު އިމްރާން” ގެ ނަން ފަނޑުވެގެން ނުދާނެއެވެ.

