މިމަހު 15 ގައި ބާއްވާ “ދިވެހި ފިލްމު އެވޯޑްސް 9” ގެ ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު ހުޅުވާލައިފިއެވެ.
އެންސީއޭ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ “ދިވެހި ފިލްމު އެވޯޑްސް”އަށް އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުންނާއި އަދި ދިވެހި ފިލްމް ފެސްޓިވަލްގެ ސްޓިއަރިންގ ކޮމެޓީން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ހޮވޭ ފަރާތް ކަނޑައަޅާނީ ނަން ހުށަހަޅާފައިވާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު ކުރާ އިންޓަވިއުއަކަށް ފަހުގައި ކަމަށް އެންސީއޭ އިން ހާމަކުރައްވައެވެ.
ދިވެހި ފިލްމު އެވޯޑްސް 9 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުއްވުމަށްފަހު 5 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެން.ސީ.އޭ އަށް ހުށަހެޅުމަށް އެންސީއޭ އިން ވަނީ އެދިފައެވެ.
ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހަޅާ ފޯމް އެން.ސީ.އޭ ގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބެން ހުންނާނެކަމަށް ވެސް އެންސީއޭ އިން ވިދާޅުވެއެވެ.
ދިވެހި ފިލްމު އެވޯޑްސް 8 ން ލަައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ފިލްމު އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަދި ގިނަ ދިވެހި ފިލްމުތަކެއް ޕްރޮޑިއުސްކުރައްވާފައިވާ އަސްލަމް ރަޝީދު އެވެ.
ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި އެންސީއޭ އިން ދެމުން އަންނަ އެވޯޑެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!