ރާއްޖޭގެ އެންމެ ހިތްގައިމު ބަޠަލާއިންގެ ތެރޭގައި ހިމެނޭ ފާތިމަތު އާޒިފާ (އަޒޫ)، ފިލްމުކުޅުން ހުއްޓާނުލާ ކަމަށާއި އޭނާ އެނބުރި އަންނަނީ މަނިކްގެ ވެބް ސީރީޒް “ހާސާ” އިން ކަމަށް ވަރަށް ހާސާކޮށް ބުނެފިއެވެ. މިއީ ބައިސްކޯފުން ދެއްކުމަށް ތައްޔާރުކުރާ ވެބް ސީރީޒެކެވެ.

އަޒޫ ފިލްމުކުޅުމާ ދުރަށް ދިޔައީކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތަސް، އެކަމަށް އަޒޫ ވަނީ ބަސްބުނެފައެވެ. މީސްމީޑިއާ އާ ފުދޭވަރަކަށް ރައްޓެހިކޮށް އުޅޭ އަޒޫގެ އިންސްޓަގްރާމްގައި “އާސްކް މީ އަ ކުއެޝަން”ގައި އޭނާ އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ކޮން އިރަކުންތޯ ފޭނަކު ސުވާލުކުރިއެވެ.

އަޒޫގެ ފޭނުންނަށް ދިނީ ވަރަށް އުފާވެރި ޖަވާބެކެވެ. އަޒޫ ބުނަނީ އަންނަ އަހަރު “ހާސާ” އިން ފިލްމީ ދާއިރާއަށް އަލުން އެނބުރި އަންނާނެ ކަމަށެވެ. އަޒޫ އިތުރަށް ބުނީ އެ ޑްރާމާގައި އޭނާ ފެންނާނީ ލީޑު ރޯލުން ކަމަށެވެ. އަޒޫ ފިލްމީ ދާއިރާއިން އެއްކައިރިވެލީ ވިހެއުމަށް ބްރޭކެއް ނެގުމަށެވެ.

އަޒޫގެ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއް

ޔޫސޭގެ “ދިރިއުޅުމަކީ މިއީބާ؟” އިން ފިލްމީ ކެރިއަރު ފެށި، އަޒޫ އަކީ ހުނަރުރުވެރި މޮޅު އެކްޓިން އެއް ދައްކަމުން އަންނަ ފަންނާނެކެވެ. އެންމެ ފަހުން އޭނާގެ މޮޅު އެކްޓިން ފެނިފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި، ޔޫއްޕެ ޑައިރެކްޓްކުރި “ދެވަންސޫރަ” އާއި ނަހުލާގެ “ބޮސް”، “ސަޒާ”ގެ އިތުރުން “ފޯޓީ ޕްލަސް” ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން އަޒޫ ފެނިފައިވާ “ރާނީ” އާއި “އާދޭސް” ފަދަ ފިލްމުތަކަކީ ވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމުތަކެވެ.

ފިލްމީ ދާއިރާގައި ދެގޮތެއް ނުވެ، އެންމެ ހަރުދަނާކޮށް ހިފަހައްޓާލަމުން އަންނަ ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު އާއި އަޒޫ ކައިވެނީގެ ގޮށްޖަހައި ބާރުކޮށްލީ 02 ސެޕްޓެމްބަރު 2016 ގައެވެ. އަޒޫ އާއި ސައީދުއަށް އަންހެންކުއްޖެއް ލިބިފައިވެއެވެ. އެމީހުންގެ ދަރިފުޅު އުފަންވީ 18 މެއި 2019 ވަނަ ދުވަހު 12:45 ހާއިރުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.