ހަފުތާގެ ތަރި ސެގްމެންޓުގެ ފުރަތަމަ އެޕިސޯޑްގައި ގެނެސްދިނީ ދިވެހި ފިލްމީ ދާއިރާގެ މަންމަގެ ލަޤަބު ދީފައިވާ ޢާރިފާ އިބްރާހިމެވެ. މި ދާއިރާގައި ދުވަސްވީ ހުނަރުވެރި ތަރިއެކެވެ. އެހެނަސް މިއަދު މި ގެނެސްދެނީ އެހާ ސީނިއާ ތަރިއެއް ނޫނެވެ.

ފިލްމީ ދާއިރާއަށް ޝަޢުގުވެރިކަން ހުންނަނަމަ، އެއީ ކޮންމެ ދާއިރާއެއްގެ، ކޮންމެ ވަޒީފާއެއް އަދާކުރާ މީހަކަސް އޭނާގެ ޝޯޚު ފުރިހަމަކުރުމަށް ކޮށްލުން ހަމަ އެންމެ ރަނގަޅު ކަމެކެވެ. މިއަދު މި ގެނެސްދެނީ އެފަދަ ތަރިއަކާބެހޭ މަޢުލޫމާތުކޮޅެކެވެ.

މިހައި ހިސާބުން މުނިއަވަސް އިން އައިޝަތު ގުލްފާ (އައިޝާ) އާއި ބައްދަލުކޮށްލައި ކުރެވުނު ސުވާލާއި ޖަވާބުތައް ހުށައަޅައިލަމެވެ. މުނިއަވަސް އިން އައިޝާ އާއި ބައްދަލުކޮށް އިންޓަވިއުނެގީ ލިޔުންތެރިޔާ މޫސާ ނަޒީރު އެވެ.

ކުރު  ތަޢާރަފެއް؟

ފުރިހަމަ ނަން: އައިޝަތު ގުލްފާ

އުފަން ރަށް: ކ. މާލެ

އުފަން ތާރީޚް: 17 މާރިޗް

އެންމެ ފުރަތަމަވެސް ފިލްމީ ދާއިރާއިން ފަށަމާ.. ފިލްމީ ދާއިރާއަށް ނުކުމެވުނީ ކިހިނެއް؟ ކޮން އިރަކު؟

ފިލްމީ ދާއިރާއަށް ނުކުމެވުނީ 1999 ވަނަ އަހަރު އާސިމް ތައުފީޤް ދެއްވި އޮފަރއަކުން.. އެއީ އިސްމާޢީލް ވަޖީހާއެކު ކުޅެފަ އިންނާނެ “ނަލަނަލަ ދަންވަރު ފަރި” ކިޔާ ލަވައެއް.. އެ ލަވައިން ނުކުމެވުނީ..

https://www.youtube.com/watch?v=P-Qi9QggPrQ

އެކްޓިންގ ކެރިއަރގައި މިހައިތަނަށް ކިތައް ފިލްމު ކުޅެވިއްޖެ؟ އަދި ކިތައް ޑްރާމާ؟

7 ފިލްމު.. ދެން 3 ޑްރާމާ ސީރީޒް.. 3 އިސްތިހާރުވެސް ކުޅުނިން.. އެކަމަކު ބެލުންތެރިންނަށް ފެނުނީ ޕަވަރ ސްޕޯޓްސްގެ އިސްތިހާރު އެކަނި.. މިހާރުވެސް އެ އިސްތިހާރު ދައްކާ.. ގިނައިން ދައްކަނީ ވީޓީވީއިން ކަންނޭނގެ..

ދުނިޔޭގެ ތަފާތު ކަންކޮޅުތަކަށް ބަލައިލިޔަސް، މުނިފޫހިފިލުވުމުގެ ދާއިރާގައި، ޚާއްސަކޮށް ފިލްމީ ދާއިރާގައި އުޅޭ މީހުންނަކީ އެހާ މުހިންމު ބައެއް ނޫންކަމަށް ސިފަކުރާތަން އެބަފެނޭ. އަދި މިކަމަކީ އަދިވެސް ރާއްޖޭގެ މުޖުތަމަޢުގައިވެސް އޮތްކަމެއް. އެހެންވީމާ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން މަސައްކަތްކުރި ދުވަސްވަރު އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ކޮންކަމެއް ނުވަތަ ކޮން ކަންތައްތަކެއް؟

އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އަސްލު، ފިލްމީ ދާއިރާއާ ދޭތެރޭ މީހުން ދެކޭގޮތް.. އަޅުގަނޑުމެން ވަންއިރު މީހުން ދެކޭގޮތުގައި ފިލްމީ ދާއިރާއަކީ ރަނގަޅު ދާއިރާއެއް ނޫންކަމަށް ވަނީ.. އެކަމަކު އަޅުގަނޑު ބުނާނީ ކޮންމެ ދާއިރާއެއް ވިޔަސް އެމީހެއްގެ ރެޕިއުޓޭޝަން ހިފަހައްޓާނީ އެމީހެކޭ.. އެއީ ގަވަރމެންޓް އޮފީހެއްވިޔަސް ޕްރައިވެޓް ސެކްޓަރއެއްވިޔަސް.. ހަމަ އެގޮތަށް ފިލްމީ ދާއިރާއަކީވެސް އެމީހެއްގެ ގޮތުގައި އުޅެންޏާ ހަމަ ރަނގަޅު ދާއިރާއެކޭ އުޅެން..

މި ދާއިރާގައި މިހާ ދުވަހު މަސައްކަތް ކުރިއިރު ޑައިރެކްޓަރުންގެ ފަރާތުން ދަސްވީ ކޮން ކަންތައްތަކެއް؟ 

އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅު ޑައިރެކްޓަރުންނާއެކީ މަސައްކަތްކުރެވިފައި ހުރީ.. އޭގެތެރެއިން އީޝާ ޝަރީފް.. ދެން މޮގާ ފާހަގަކޮށްލަން.. ޓައިމިންއަށް ޝޫޓިންތަކަށް ދިޔުމާ، ޑިސިޕްލިން ހިފަހައްޓާ ގޮތާ، ގިނަ މީހުންތަކެއް ގޮވައިގެން ގޮސް އުޅޭއިރު ޓައިމިންއާ ކަންތައްތައް މެނޭޖްކުރާ ގޮތާ.. ދެން އެގޮތަށް ބޭސިކަލީ ވަރަށް ގިނަ އެއްޗެހި ދަސްވި..

މިހާތަނަށް ކުޅެވުނު ރޯލުތަކުން އެންމެ ކަމުދާ ރޯލަކަށް ކުޅެވުނީ ކޮން ރޯލެއް؟

އިންނާނެ އާރިފާ ޑައިރެކްޓްކުރި “ވަފާތެރި ނުވެވުނަސް” ކިޔާ ޑްރާމާއެއް.. އޭގަ އިންނާނީ ނެގެޓިވް ރޯލެއް ކުޅެފައި.. ފައިސަލް ފިލްމީ ދާއިރާއަށް ނުކުތީވެސް އެ ޑްރާމާއިން.. އެއީ ވަރަށް ޚާއްސަ ޑްރާމާއެއް.. އޭތި ކުޅުނުއިރު ޕްރެގްވެ ވަން މަންތު.. ސިކްސް މަންތުގައި ނިންމާލެވުނީ.. ސީރީޒްގައި ފެންނާނެ ސިކްސް މަންތުގެ ބަނޑާ އެކީވެސް..

ފިލްމީ ދާއިރާގެ މަންމަ، އާރިފާ އާއި އެކު އައިޝާ

އައިޝާ މިހާތަނަށް އައިއިރު އެންމެ ޑްރާމާއެއް ނޫނިއްޔާ މުޅިންވެސް ފެނިފައި ހުރީ ސައިޑް ރޯލްތަކުން.. ލީޑް ރޯލް ކުޅެން ފުރުސަތު ނުލިބެނީތަ؟ 

ނޫން.. ވަރަށް ރަނގަޅު އޮފަރސް ލިބުނު ކުރީގަވެސް ލީޑް ރޯލް ކުޅެން.. މިހާރުވެސް ލިބޭ.. ފަސްޓް ޕްރިއޯރިޓީއަކީ ޖޮބް.. ދެން ކުދިންނަށްވެސް ވަގުތު ދޭން ބޭނުންވާތީ އެފުރުސަތުތަކުގެ ބޭނުން ނުހިފާ ދޫކޮށްލަނީ.. މިހާރުވެސް ބޭނުންކޮށްލާ މަދު ފުރުސަތުތަކުގައި ޝޫޓިންއަށް ދަނީ ބްރޭކް ގަޑިތަކުގައި.. ފިލްމު ކުޅުމަކީ ކުރާހިތްވާ ކަމަކަށް ވާތީވެ..

ޝޫޓިންތަކުގައި އުޅޭއިރު ހުންނާނެ ހަނދާނުން ފިލުވާނުލެވޭ ކަހަލަ ކަންތައްތައް ހިނގާފައި.. މަޖާ ކަންތައްތައްވެސް.. އެކަހަލަ ކަމެއް ހިއްސާކޮށްލަބަލަ.. 

ގިނިހިލަ ފިލްމުގެ ކްލައިމެކްސްގެ މަންޒަރެއް އިންނާނެ ސީޒަންއާއެކީ ކުޅެފައި.. އެ މަންޒަރުގައި ސީޒަންއަށް ޖެހެނީ އަޅުގަނޑުގެ ކަރުގައި ހިފާ މައްޗަށް އުފުލާލާފަ ދުރަށް އެއްލާލަން.. ދެން ހަމަ ކޮންމެ ފަހަރަކުވެސް ސީޒަން އަޅުގަނޑުގެ ކަރުގައި ހިފާއިރަށް ހިނިއަންނަނީ.. ދެން އަޅުގަނޑު ބުނެފިން ތަންކޮޅެއް ބާރަށް ހިފާށޭ.. އޭރުންނޭ ނުހެވޭނީ.. ދެން ސީޒަން ތަންކޮޅެއް ބާރަށް ހިފާލީމަ އެ މަންޒަރު ރަނގަޅަށް ނެގުނީ.. އެކަމު މަންޒަރު ނިމުނުއިރު ކަރު ހުރީ ކުޑަކޮށް ދުޅަވެފަ.. އެއީ ދެން ވަރަށް ހަނދާނުން ފިލުވާލަން ދަތި މަންޒަރެއް..

އަދި ޝޫޓިންގެ ބޭރުންވެސް ވަރަށް މަޖާ ކަމެއް ދިމާވި.. އަޅުގަނޑުމެން ގޭ އެންމެން މިތިބީ ފިލްމީ އުދަރެސް ޕްރޮގްރާމް ބަލަން.. ތިއްބާ އަޅުގަނޑުގެ އާ ލަވައެއް ދެއްކީ.. އެއީ އަންމަޑޭއާ އެކީ ކުޅެފަ އިން ލަވައެއް.. ހާޑީ ކިޔާފަ އިންނަ އަމިއްލަ ރާގުގެ ލަވައެއް އެއީ.. “ދޫވެއްޖެ ހިތް މަގޭ”.. އެ ލަވައިގައި އަޅުގަނޑު މުޅިންވެސް ލައިގެން އުޅުނީ ކޮއްކޮ (ކުކޫ)ގެ ހެދުންތަކެއް.. އޭނައަށް ނުވެސް އެނގި.. އެކަން އެނގިގެން އޭނަ ވަރަށް ރުޅިއައި.. އެއީ ވަރަށް ހަނދާނުން ފޮހެލަން ދަތި ދުވަހެއް.. މިހާރުވެސް އެކަމާ ވަރަށް ޖޯކު ޖަހާ..

ފިލްމީ ދާއިރާގައި ހަރާކާތްތެރިވާ ފަންނާނުންގެ ތެރެއިން އެންމެ ކަމުދާ ފިރިހެން އަދި އަންހެން އެކްޓަރަކީ ކޮބާ؟ 

ނިޢުމާ، އާރިފާ، ޝަމީލް، މަނިކު.. މި ހަތަރު މީހުން ވަރަށް ފާހަގަކުރެވޭ..

ފިލްމީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އާ ކުދިންނަށް ދޭނެ ނަސޭހަތަކީ ކޮބާ؟ 

ފިލްމީ ދާއިރާއަށް އަލަށް ވަންނަ ކުދިންނާ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އަޅުގަނޑު ދޭނެ ނަސޭހަތަކީ ގަޑިއަށް ފަރުވާތެރިވެ، އެމީހެއްގެ ރެޕިއުޓޭޝަން އެމީހަކު އަމިއްލައަށް ހިފަހައްޓާށޭ.. ބައެއްފަހަރު އައުޓްޑޯ ޝޫޓިންތަކަށް ގޮސް އެ އުޅޭ އުޅުމުގައި އެމީހެއްގެ އަގު ހިފަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެޔޭ.. ދެން އަތޮޅުތެރެއަށް ގޮސް އުޅޭއިރުވެސް އެ ދިމާވާ ކަންތައްތަކާ އެ މާހައުލުވެސް އެބަޖެހޭ ކަންނޭނގެ އިނގެން.. މި ކަންތައްތައް އަސްލު ވަރަށް ގިނަ މީހުން ބަލައިގަންނާނެ.. ފިލްމީ ދާއިރާއަށް ވަނުމަށްފަހު މީހުންނަށް އެނގޭނެ މަގުމަތިން ފެނުނީމަވެސް ނޫނީ ހަމަ ތަނަކަށް ދާއިރުވެސް.. ދެން އަނެއްކާ ކޮފީއަކަށް ތަނަކަށް ދިޔަޔަސް އެމީހެއް އެމީހެއްގެ ގޮތުގައި ހުންނާށޭ.. އެހެންވެ މި ކަންތައްތަކަށް ވަރަށް ބޮޑަށް ބަލަން ޖެހޭނެ.. އެއީ ދޭން އޮތް ނަސޭހަތަކީ…

ފިލްމީ ދާއިރާއިން މިހާތަނަށް އައިއިރު ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟ 

އަޅުގަނޑު އަސްލު ފިލްމީ ދާއިރާއަށްވުރެ ބޮޑަށް ފޯކަސް ކުރަނީ ޓުއަރިޒަމް ދާއިރާއަށް.. ފިލްމު ކުޅެނީ ކުރާ ހިތްވާ ކަމަކަށް ވާތީ.. ފިލްމީ ދާއިރާގައި އަނެއްހެން މާގިނަ ބޮޑެތި ރޯލުތަކެއް ކުޅެފައިވެސް ނެތީމަޔާއެކު އެވޯޑެއް ކަހަލަ އެއްޗެއް ލިބިފައެއް ނެތް.. އެކަމަކު ބެލުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭ އަޅުގަނޑު ކުޅެފައި ހުރި ފިލްމުތަކާ ލަވަތަކަށް.. އެއީ ފިލްމީ ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ.. ބެލުންތެރިންގެ ސަޕޯޓް..

ފިލްމު ކުޅުމުގެ އިތުރަށް އައިޝާގެ ހުރި ހުނަރުތަކަކީ ކޮބާ؟ 

ފިލްމު ކުޅުމުގެ އިތުރަށް ދެން ހުނަރަކަށް ބުނަންޏާ އަޅުގަނޑުގެ ޖޮބްގެ ވާހަކަ ބުނެވޭނީ.. ދެން އޭގެ އިތުރަށް ސެލެބްރިޓީ އިވެންޓްސްތަކުގައި ފުޓްބޯޅަ ކުޅެ އުޅެން.. އެއީ ދެން..

އައިޝާ ވަޒީގެ މާހައުލުގައި

މި ދާއިރާއިން ހާސިލްކުރަން ބޭނުންވާ ކަމަކީ ކޮބާ؟ މިސާލަކަށް ކުޅެލަން ބޭނުންވާ ތަފާތު ރޯލެއް އޮތިއްޔާ އެކަހަލަ ކަމެއްވިޔަސް އެބައޮތްތަ؟ 

ވަރަށް ކުޅެލަން ބޭނުންވޭ ވަރަށް ހިތާމަވެރި ރޯލެއް.. އެކަމަކު ގިނައިން ލިބެނީ ނެގެޓިވް ރޯލް..

އަދާކުރި ވަޒީފާތަކުގެ ތަފްސީލެއް ދީބަލަ 

އަޅުގަނޑު ފުރަތަމަ ވަޒީފާ އަދާކުރީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި.. އެތާ އެއް އަހަރު ވަންދެން ޓެލެފޯން އޮޕަރޭޓަރަކަށް އުޅެފައި 2002ގައި ސޮނެވާއާ ޖޮއިންކުރި ގޮތަށް މި އުޅެނީ.. ސޮނެވާއާ ޖޮއިންކޮށްފަ ފުރަތަމަ ސޮނެވާފުށީ ސްޕާ ރިސެޕްޝަންގައި އުޅުނީ.. ދެން ސުނާމީގެ ފަހުން މާލެއަށް ބަދަލުވީ.. އޭރު ސޮނެވާ ލޯންޖް ޖޮބް ވެކެންޓް ނެތީމަ ހުޅުލޭ އައިލެންޑް ހޮޓެލް ކަސްޓަމާ ސާވިސްގަ އުޅުނިން ހަ މަސް ވަންދެން.. ހަ މަސް ވީފަހުން ސޮނެވާ ލޯންޖް ހޮސްޓެސްއަށް ބަދަލުވީ.. އެބަދަލުވީ ގޮތަށް އެތާ މި އުޅެނީ.. ދެން މި ފުރުސަތުގައި ސޮނެވާ އެއާޕޯޓް މެނޭޖަރ ޢަލީ އަދި ސޮނެވާ ލޯންޖް ސުޕަވައިޒަރ ހިލްމީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން..

ފިލްމީ ދާއިރާއާއި މަސައްކަތުގެ ދާއިރާއާއި ކުޑަކޮށް ދުރަށް ޖެހިލައި އަމިއްލަ ދިރިއުޅުމަށް އަލިއަޅުވާލާނަން.. އައިޝާއަކީ ވަރަށް ބިޒީ މަންމައެއް.. ވަޒީފާގައި ވަރަށް ބުރަކޮށް އުޅެމުންވެސް ދަރިންގެ ކަންކަން ވަރަށް ގާތުން ބަލާނެ.. ދަރިންނާމެދު ކުރެވޭ އުއްމީދުތަކަކީ ކޮބާ؟

ދަރިންނާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެވޭ.. އަންހެން ދަރިފުޅު އީޝަލް އާޓް ވާރކަށް ވަރަށް ފޯރި ހުރޭ.. ދެން ފިރިހެން ދަރިފުޅު އެހާން މަސްވެރިކަމަށް ވަރަށް ޝައުޤުވެރިކަން ހުރޭ.. އެހާ ކުޑައިރުވެސް މަސްމަހުގެ ނަންވެސް އެނގޭ.. ކުދިންގެ ބައްޕައަކީ މަސްވެރިކަމުގައި ވަރަށް ކުރީގަ އުޅޭ މީހެއް.. އެހެންވެ ކަންނޭނގެ.. ފިރިހެން ދަރިފުޅު އެންމެ ފޯރި ހުންނަނީ މަސްވެރިކަމަށް.. ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަޔަސް އަޅުގަނޑު ބޭނުންވަނީ ކިޔަވައި މޮޅު ކުދިންތަކަކަށް ވެގެން ކުރިއަށް ދާތަން ދެކެން.. އެއީ ދަރިންނާ ދޭތެރޭ ކުރެވޭ އުއްމީދަކީ..

އައިޝާގެ ދެ ދަރިންނާއެކު ލިބޭ ހުސްވަގުތުތައް ހޭދަކުރޭ

އައިޝާ މިހާރު ތި ހުންނަނީ ހުސްކޮށް.. ޒަވާޖީ ޙަޔާތަކަށް ނުވިސްނަންތަ؟

ނޫނޭ.. ވަރަށް ވިސްނަން.. ކައިރި މުސްތަޤުބަލެއްގެ ގުޑް ނިއުސްއެއްވެސް ލިބިދާނެ..

އަބަދުވެސް އައިޝާ މި ފެންނަނީ ހަމަ އެއްވަރެއްގަ ހަށިގަނޑު ހިފަހައްޓާލާތަން.. ތިހާ ފިޓްކޮށް ހުރުމުގެ ސިއްރަކީ ކޮބާ؟ 

ހެހެހެ.. ތީ ވަރަށް ގިނަ މީހުން ކުރާ ސުވާލެއް.. ހަމަ އެއްވެސް ދޮގެއްނުލާ މިބުނަނީ.. ދުވަހަކުވެސް ޖިމްއަކަށް، އެރޮބިކްސް އޯރ ބޫޓް ކޭމްޕެއް ކަހަލަ ތަނަކަށް ނުދަން.. ހަމަ ޑިއުޓީގައި ނިންމާފައި އައިސް ކުދިންނާ އެކީގަ އުޅެނީ.. ދެން ކެއުންވެސް ވަކި ގޮތަކަށް ނުބަހައްޓަން.. އިންޑިއަން ފުޑްސް އާ ސީ ފުޑްސް ވަރަށް މީރު..

އައިޝާ ތި މަސައްކަތް ކުރަނީ ޓުއަރިޒަމް ދާއިރާއާއި ފިލްމީ ދާއިރާގައި.. މިހާ ދިގު މުއްދަތެއް ހޭދަކުރެވުނުއިރު ގައިމުވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފަ ހުންނާނީ.. ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮން ބަޔަކަށް؟

ފިލްމީ ދާއިރާއިން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާރިފާ މަންމައާއި މޮގާ، ޖުމާ އަދި ކުކޫގެ ފަރާތުން.. ދެން ޓުއަރިޒަމްގެ ދާއިރާއާއި ދިރިއުޅުމުގައި ކުރިމަތިވާ ޗެލެންޖުތަކާ އެކީވެސް މިއަދާ ހަމައަށް މިއުޅެވުނީ އަޅުގަނޑުގެ މަންމައާއި ބައްޕައާއި ކޮއްކޮމެންގެ ފަރާތުން ލިބޭ ސަޕޯޓާއި ހިތްވަރުން.. ގިނަ ވަގުތު ޖޮބްގަ އުޅެމުން ކުދިންގެ ކަންތައްތައް އެހާ ރަނގަޅަށް މި ކުރެވެނީ މަންމަގެ ވަރަށް ބޮޑު އެހީއެއް ލިބޭތީ..

ޖުމައްޔިލް އާއެކު އައިޝާ

އިންޓަވިއު ނިންމާލަމުން ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ފިލްމީ ދާއިރާއަކާ ދުރަކަށް ނުދަމޭ.. ކުރިއަށް އޮތްތާވެސް ފެންނާނެޔޭ..

އަދި އެއް ސުވާލު…. މުނިއަވަސް އާމެދު ދެކެނީ ކިހިނެއް؟

ވަރަށް އުފާވޭ ފިލްމީ އަދި މިއުޒިކީ ދާއިރާއަށް ޚާއްޞަކޮށްގެން، މި ދާއިރާ ކުރިއެރުވުމަށް މުނިއަވަސް އިން ތިޔަކުރާ މަސައްކަތާމެދު. މި ދާއިރާއިން ކުރިން ފެނިފަ މިހާރު ނުފެންނަ ތަރިންގެ މަޢުލޫމާތުތައް ސަޕޯޓަރުންނަށް ގެނެސްދޭކަންވެސް ފާހަގަކުރަން.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.