“ހުވާ-02″ގެ ލީޑަށް އިތުރުކޮށްފައިވަނީ ފިލްމީ ދާއިރާގައި ހުނަރުވެރި ދެ ފަންނާނުން ކަމަށްވާ އަޙްމަދު އަޒްމީލް (އަޒޭ) އާއި ޢަބްދުﷲ މުއާޒް (މުއާ) ކަމަށް ނަހޫ ބުނެފިއެވެ.

މަޝްހޫރު ލިޔުންތެރިޔާ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ)، ބައިސްކޯފާއި ގުޅިގެން އުފެއްދި ދިވެހި ފުރަތަމަ ވެބް ސީރީޒް “ހުވާ”ގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށްދާއިރު، ނަހޫ މިވަނީ ބެލުންތެރިންނަށް އުފާވެރި އެހެން ޚަބަރެއްވެސް ދީފައެވެ.

“ހުވާ ދެވަނަ ސީޒަންގެ ވާހަކަ އެއްދުވަހަށް ވުރެ އަނެއް ދުވަސް އިންޓަރެސްޓިންގ ވެގެން އަންނާނެ، ….މިފަހަރު އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނެޓް.” އެޕިސޯޑެއްގެ ވަގުތު 20 މިނެޓަށް އިތުރުކޮށްފައިވާކަން ވެސް ފުރަތަމަ ފަހަރަށް މީޑިއާއަށް މުނިއަވަސް މެދުވެރިކޮށް ނަހޫ ހާމަކުރިއެވެ.

“ހުވާ-02” އަށް އަލަށް އިތުރުވި ބައެއް ކާސްޓުންގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް އާއްމުކުރުމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނަހޫ ބުނީ މި ދެ ތަރިންނަނީ ރާއްޖޭގައި އެކްޓިންގެ ގޮތުން ފާހަގަކޮށްލެވޭ މޮޅު ތަރިން ކަމަށެވެ.

“މި ދެ ސްޓާރުން ވެސް ލީމަ އަދި “ހުވާ” މި ފުރިހަމަ ވަނީ.” ނަހޫ ބުނީ އަދިވެސް ތަރިން އިތުރަށް ފެނިގެންދާނެ ކަމަށާއި އެގޮތުން އަންހެން ތަރިންވެސް އިތުރުކުރާނެކަން ނަހޫ ފާހަގަކުރިއެވެ.

“ހުވާ-02” ގެ މަންޒަރެއްގައި އައްޒަ އާއި ޝީލާ – ފޮޓޯ: ހުވާ ޓީމް

“ހުވާ-02″ން ފުރުޞަތު ލިބުމުން އަޒޭ އާއި މުއާ ތިބޭނީ ހަމަ ގައިމުވެސް ވަރަށް އުފަލުންކަން ޔަޤީނެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހައިތަނަށް ރާއްޖޭގައި އުފެއްދި ސީރީޒްތަކުން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައި ވަނީ “ހުވާ” ކަމާމެދު ހުވާކުރަން ކެރޭހައިވެސް ޔަޤީނެވެ.

“މި ފުރުޞަތު ލިބުނީމަ ވަރަށް އުފާވި. މިއީ ވަރަށް ރަނގަޅު އޮޕޮޗިއުނިޓީއެއް. ދެން ޚާއްޞަކޮށް ނަހޫ އާ ޔޫއްޕެ އާ އެކީގަ ވަރަށް ދުވަސްކޮށްފަ އަނެއްކާވެސް މަސައްކަތެއް ކޮށްލަން ލިބުނީމަ ދެން ހަމަ ވަރަށް ބޮޑަށް އުފާވާކަމެއް އަސްލު.” މުއާ އަށް މި ފުރުޞަތު ލިބުމުން ބުނެލަން ބޭނުންވަނީ ކީކޭތޯ މުނިއަވަސް އިން އަހައިލުމުން ބުންޏެވެ.

“ދެން ‘ހުވާ’ އަކީ މި ފަހުގެ ތާރީޚެއްގަ ރާއްޖޭގެ އެންމެ ގިނަ މީހުން ބެލި، އަދި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީޒެއް. އޭގެން ބައެއް ކުޅެން ފުރުޞަތު ލިބުނީމަ މިދާއިރާގެ ކޮންމެ މީހަކުވެސް ހަމަ އުފާވާނެދޯ، ހަމަ އެގޮތަށް އަހަރެންވެސް ވަރަށް އުފާވޭ.” ވެބް ސީރީޒް “ހުވާ-02″ން ފުރުޞަތު ލިބުމުން މުއާގެ ޝުޢޫރުތައް ހިއްސާކުރިއެވެ.

އެކްޓިންގެ ގޮތުން ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ މުއާ އަކީ ޑައިރެކްޝަންގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އެގޮތުން ދާދި ފަހުން ރިލީޒްކުރި “ލީނާ” އަކީ މުއާ ޑައިރެކްޓްކޮށް މޮޅު އެކްޓިންއެއްވެސް ދައްކާފައިވާ ފިލްމެކެވެ. “ހުވާ-02” ގައި މުއާ ފެނިގެންދާނީ ކޮންކަހަލަ ރޯލަކުން ކަމެއް އަދި މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސީރީޒްގައި މުއާ ފެނިގެންދާ ރޯލާއިމެދު ބުނެލަން ބޭނުންވަނީ ކީކޭތޯ އަހައިލުމުން މުއާ ބުނީ ބެލުންތެރިން މާޔޫސް ނުވާނެ ކަމަށެވެ.

ޢަބްދުﷲ މުއާޒް އަކީ “ހުވާ-02” ގެ ލީޑަށް އިތުރުކޮށްފައިވާ ހުނަރުވެރި ތަރިއެއް

“އޭގަ ބުނެވޭނީ ހަމަ ގައިމުވެސް ބެލުންތެރިން ޑިސަޕޮއިންޓެއް ނުވާނެ. ހަމަ ގައިމުވެސް އެވަރު ޔަގީންކޮށްދެވޭނެ. ދެން މީގެ ޝޫޓިން ފެށުމުގެ ކުރިންވެސް ވަރަށްގިނަ ތައްޔާރީތައް ވީން. ޝޫޓިން ތެރޭގަވެސް ނަހޫ އާ ޔޫއްޕެ އާ ހުރިހައި އެންމެންގެ އެއްބާރުލުން ހަމަ ވަރަށް ބޮޑަށް ލިބިފަ ވަނީ. އެހެންވީމަ ރަނގަޅުވާނެ.” މުއާ މިހެން ބުނިއިރު، ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ ނަހޫ އާއި ޔޫއްޕެގެ ތައްގަނޑު ޖެހިގެން ފެންވަރު ރަނގަޅު އެއްޗެއް ނޫނީ ނުނިކުންނާނެ ކަމެވެ.

‘ޔާރާ ޕްރޮޑަކްޝަން’ގެ ކުޑަ ދަށުން އުފައްދާ ރިލީޒްކުރި “އުމުރަށްވެސް އިންތިޒާރުކުރާނަން” އާއި “ފަނާ” ގެ އިތުރުން ދިވެހި ސިލްސިލާ ފިލްމު “ވަގުތު ފާއިތު ނުވަނީސް” އާއި “މިހިތަށް ލޯބި ދޭށޭ” އިން މޮޅު އެކްޓިން އެއް ދައްކާފައިވާ އަޙްމަދު އަޒްމީލް (އަޒޭ) ވެސް ހުރީ “ހުވާ-02” ގައި އެކްޓްކުރަން ފުރުޞަތު ލިބުމުން ވަރަށް އުފަލުންނެވެ.

“ހުވާ-02″ގެ ސެޓުގައި ޑައިރެެކްޓަރ ޔޫއްޕެ އާއި ޝަކިއްތަ – ފޮޓޯ: ހުވާ ޓީމް މެންބަރެއް

“ނަހޫގެ އެ ސްޓޯރީ އާ ސީރީޒް ގެންގޮސްފަ އޮތްގޮތް ހަމަ ވަރަށް ރީއްޗޭ އަޒޭ ބުނާނީ. ދެން ބައިވަރު ކާސްޓުން ތަކެއް ލައިގެން ކުރިއަށް ގެންދިޔައީ. ސީޒަން ޓޫ އިން ފުރުޞަތު ލިބުނީމަ ހިތަށް އެރީ މިފަހަރު ފުރުސަތު ދޫކޮށް ނުލާނަމޭ. ދެން ހަމަ ވަރަށް ކުޅޭހިތުން މި ކުޅެނީ، ވަރަށް އުފާވޭ އަސްލު ސީޒަން ޓޫ އިން ފުރުޞަތު ލިބުނީމަ.” ވެބް ސީރީޒް “ހުވާ”ގެ ފުރަތަ ސީޒަނުން ވެސް ފުރުޞަތު ލިބި، ވަގުތު ދެވެން ނެތުމުން އޭރު އެފުރުޞަތު ނުދެވުނުކަން ފާހަގަ ކުރަމުން އަޒޭ ބުންޏެވެ.

“ހުވާ-02” ގެ ޝޫޓިންގައި އަޒޭގެ ބައިތަކު ޝޫޓިންވެސް ފެށިގެން ކުރިއަށްދާއިރު މި ސީރީޒްގައި އަޒޭ ކުޅޭ ބަޔާމެދު ބުނަނީ ކީކޭތޯވެސް އޮޅުންފިލުވައިލީމެވެ.

“މި ބަޔާ ދޭތެރޭ ބުނާނީ މީ ވަރަށް ސަޅި ރޯލެކޭ މި ސީރީޒްގަ. ދެން މިހާރު މިއޮތީ ސީޒަން ޓޫ އަށް އިތުރު ކާސްޓުން ހިމަނާފަތާ. އެހެންވީމަ ހަމަ ވަރަށް ރަނގަޅު ރޯލެއް މީ. އިބްރަތެއް، ނޫނިއްޔާމުން ބެލުންތެރިންނަށް އަޒޭގެ ކެރެކްޓާއިންވެސް ކޮންމެވެސް ކަހަލަ މެސެޖެއް ނަހޫ އެބަ ދެއްވާ. އެހެންވީމަ އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް.” އަޒޭގެ ރޯލާ މެދު ބުންޏެވެ.

އަޙްމަދު އަޒްމީލް (އަޒޭ) އަކީ “ހުވާ-02” ގެ ލީޑަށް އިތުރުކޮށްފައިވާ ތަރިއެއް

“ނަހޫގެ އިންނާނެ ގޮތަކީ، އެއްވެސް މީހަކު ބޭކާރެއް ނުވާނެ. އެހާ ބައިވަރު ކާސްޓުން ސީރީޒެއްގަ އުޅޭއިރު ވެސް އެންމެންގެ ވެސް މުހިންމު ބޭނުން އޭގަ ހިފާފަ ހުންނާނީ. ދެން އެހެންވީމަ ސީޒަން ޓޫ ގަ އަޒޭގެ ރޯލަކީވެސް ހަމަ ވަރަށް މުހިންމުކޮށް ފެނިގެންދާނެ ރޯލެއް.” އަޒޭ އިތުރަށް ބުނީ ޔޫއްޕެ އަކީ ވަރަށް އިތުބާރުކުރާ ޑައިރެކްޓެއް ކަމަށާއި ހަމަ އެހެންމެ ނަހޫ އަކީވެސް ވަރަށް އިތުބާރުކުރެވޭ ޑައިރެކްޓަރެއް އަދި ވާހަކަލިޔުންތެރިއެއް ކަމަށެވެ. އެހެންކަމުން އެ ޓީމާއެކު މަސައްކަތްކޮށްލަން ފުރުޞަތު ލިބުމަކީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަންވެސް އަޒޭ ތަކުރާރުކޮށް ފާހަގަކުރިއެވެ.

“ހުވާ-02” ގެ ފުރަތަމަ އެޕިސޯޑްތައް ޑައިރެކްކުރަނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ އަދި ސްކްްރީން ރައިޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. ޔޫއްޕެ ޑައިރެކްޝަން ހަދާއިރު ސެޓްގައި ނަހޫ ވެސް ގިނަ ވަގުތު ހޭދަކުރެއެވެ. އެހެންކަމުން ހަމަ ގައިމުވެސް ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ދެ ޑައިރެކްޓަރުންނާއި ހުނަރުވެރި ކާސްޓެއް ލައިގެން އުފައްދަމުން އަންނަ “ހުވާ-02” ވެގެންދާނީ ފުރަތަމަ ސީޒަނަށް ވުރެވެސް ފެންވަރު ރަނގަޅު އެއްޗަކަށް ކަމަށް ޤަބޫލުކުރަން ޖެހެއެވެ.

ނަހޫ، ބައިސްކޯފު ގެ ބާނީ މިރޫ އަދި ފައިސަލް – ފޮޓޯ: ހުވާ ޕޭޖް

“ހުވާ” ސީޒަން އެކެއްގެ ޑައިރެކްޝަން ހެދުމުގައި ޔޫއްޕެ ހަރަކާތްތެރިވިއިރު، ނަހޫ އާއި މުޙައްމަދު ފައިސަލް ވެސް ގިނަ އެޕިސޯޑްތަކެއް ޑައިރެކްޓްކުރިއެވެ. 82 އެޕިސޯޑްގެ “ހުވާ” ނިންމާލިއިރު ޖަވާބު ނިލިބިހުރި ސުވާލުތަކުގެ ޖަވާބުތައް ހަމަ ގައިމުވެސް “ހުވާ-02″ން ލިބިގެންދާނެއެވެ.

އަލަށް ފަންނީ މަސައްކަތެއް ފަށާ ތަޢާރަފުކުރުމަކީ ހަމަ ގައިމުވެސް ކުޑަކަމެއް ނޫނެވެ. ވަރަށް ‘ރިސްކް’ ނަގަން ކެރޭ މީހަކަށް ނޫނީ ކުރަން ނުކެރޭނެ ފަދަ ކަމަކެވެ. ރާއްޖޭގެ ފިލްމީ ހަޔާތުގައި އަލަށް ވެބް ސީރީޒެއް ހަދައި، ބެލުންތެރިންނާ ހަމައަށް އެ ގެނެސްދިނުމަށް އެންމެ ފުރަތަމަ ފިޔަވަޅުއެޅީ މަޝްހޫރު ލިޔުންތެރިޔާ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) އެވެ.

އޮންލައިންކޮށް ދިވެހި ފަންނާނުންގެ އުފެއްދުންތައް ބަލައިލުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިން ‘ބައިސްކޯފު’ އާއި ނަހޫ ގުޅިގެން އުފެއްދި ވެބް ސީރީޒް “ހުވާ”ގެ ފުރަތަމަ ސީޒަން ނިންމައިލީ ދިވެހި ފިލްމު އޯޑިއަންސަށް ނަހޫ ކުރި ހުވަޔާއި އެއްގޮތަށް، ބެލުންތެރިން ހިތްހަމަޖެހޭފަދަ ވަރުގަދަ، މޮޅު ވެބް ސީރީޒެއް ގެނެސްދީފައެވެ.

“ހުވާ-02″ގެ ޝޫޓިން ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާއިރު، ޝޫޓިންއާއި ސީރީޒްގެ އެންމެ ފަހުގެ މަޢުލޫމާތުތައް “ހުވާ-02” ގެ ޓީމާއި ގުޅިގެން މުނިއަވަސްގެ ކިޔުންތެރިންނަށް އެންމެ ތާޒާކޮށް، އެންމެ އަވަހަށް ގެނެސްދެމުން ގެންދާނަމެވެ. ކުރިއަށް އޮތްތަނުގައި “ހުވާ-02” ގެ ‘ކެމެރާގެ ފުރަގަހުން’ (ބިހައިންޑް ދަ ސީން) މަންޒަރުތަައްވެސް މުނިއަވަސް އިން ގެނެސްދޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.