ރޭ ނިމިގެން ދިޔަ ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ ފާހަގަވެގެން ދިޔަ އެއް ފަންނާނަކީ އަރަމުން އަންނަ ތަރި ދޮން އައްޔައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބެލުންތެރިންގެ ހިތުން ޖާގަހޯދައި ގިނަ ފިލްމްތަކެއްގައި ފާހަގަކޮށްލެވޭ މޮޅު އެކްޓިންއެއް ދައްކައިގެން ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ފަޚުރުވެރި ކަމާއެކު ދޮން އައްޔަ ވަނީ އުފުލާލައިފައެވެ.
ފިލްމް ދެވަންސޫރަ، މަލިކާ، ހައްދު އަދި ބޮސްގައި ކުޅަދާނަ އެކްޓެއް ދޮން އައްޔަ ވަނީ ދައްކާފައެވެ. މިވަގުތު އިންޑަސްޓްރީގައި ހުރި އެންމެ ވިދުން ގަދަ ތަރި އަކީ ދޮން އައްޔައެވެ. އޭނާގެ ކުޅަދާނަ ރިއަލިސްޓިކް އެކްޓިންގެ ސަބަބުން އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލަކަށް އޭނާ މިހާރު ވަނީ ވެފައެވެ.
“އެވޯޑަކީ ބޭނުންވި އެވޯޑެއް. އެކަމަކު މިހާއަވަކަށް ނޫން” ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ލިބުމުން އުފަލުން ހުރި ދޮންއައްޔަ ބުންޏެވެ.
ރޭގެ ހަފްލާގައި ޖޫރީ ސްޕެޝަލް އެވޯޑް ދެފަރާތަކަށް ވަނީ ލިބިފައެވެ. އެއީ ވަކިން ލޯބިންގައި ކުޑަކުއްޖެއްގެ ބައި އަދާކުރި ޔާލާ އާއި ދޮން އައްޔައެވެ.
