ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޤްބޫލު ޑްރާމާ ސީރީޒް “ކަސައުޓީ ޒިންދަގީ ކީ2” ގެ ކުރިއަށްހުރި އެޕިސޯޑުތަކަށް ބަލާލާއިރު، ވަރުގަދަ ޓްވިސްޓްތަކެއް އަންނާނެކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން މާދަމާގެ އެޕިސޯޑުގައި ސޮނާލިކާ (އާމްނާ ޝަރީފް) އަކީ ކޮމޯލިކާ ކަން ޕްރޭނާ (އެރިކާ ފެނާންޑެޒް) އަށް ފަޅާއަރާނެ އެވެ.

މިއަދުގެ އެޕިސޯޑް ނިމިގެން ކުރިއަށް އޮތް އެޕިސޯޑްގެ އުސްއަލިތައް ދައްކާފައިވާއިރު، ސޮނާލިކާގެ ހޫނުގަދަ ބަހުގެ ހަމަލާތަކަކާއެކު ޕްރޭނާ އާއި ކުރިމަތިލައެވެ. ސޮނާލިކާގެ އަމަލުތަކާއި ބަސްމަގު ހުންނަގޮތުން ސޮނާލިކާއަކީ ކޮމޯލިކާކަން ޕްރޭނާ އަށް ޝައްކު ކުރެވެން ފަށައެވެ.

ކޮމޯލިކާގެ ފިރިހެން ކޮއްކޮ އާއި ސޮނާލިކާ ބައްދަލުކުރަނިކޮށް ޕްރޭނާއަށް ފެނެއެވެ. އެމީހުން ދައްކާ ވާހަކަތަކުގެ އަޑު އިވެއެވެ. ހަޤީޤަތް އެނގުމުން ޕްރޭނާއަށް ޝޮކެއް ލިބެއެެވެ. ކޮމޯލިކާ ދިރިހުރިކަމާއި އޭނާ ޕްލާސްޓިކް ސާޖަރީއެއް ހަދައިގެން ސިފަބަދަލުކޮށްގެން ބަދަލުހިފުމަށް އައިސް އުޅެނީކަން މާދަމާގެ އެޕިސޯޑުން ނުވަތަ ކުރިއަށް އޮތް ދެތިން ދުވަހުގެ އެޕިސޯޑުތަކުން ފެނިގެންދާނެއެވެ.

ޕްރޭނާގެ އިތުރުން، ސޮނާލިކާގެ ބައެއް އަމަލުތައް ހުންނަގޮތުން، އަނޫރާގުގެ ދައްތަ ނިވިދިތާ ބާސޫއަށް ވެސް ޝައްކުއުފެދޭ ފަދަ ދެކަމެއް މީގެ ކުރިންވަނީ ފާހަގަކުރެވިފައެވެ.

ކޮމޯލިކާގެ ރޯލުން މިހާރު ފެނިގެންދާ އާމްނާ ޝަރީފްގެ އެކްޓިން އެރިކާ ފެނާންޑެޒް އަށް ވުރެން މާބޮޑަށް ވެސް ފެންވަރު ރަނގަޅުކަމަށް ފާހަގަކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ