ނޯވޭ ގައި އިސްލާމްދީނާއި ދެކޮޅަށް ބޭއްވި އެއްވުމެއްގައި ކީރިތި ޤުރުއާނުގައި ރޯކޮށްލުމުން، މުސްލިމް ޒުވާނަކަށް ކެތްނުކުރެވިގެން ރޯކޮށްލި މީހާއަށް ހަމަލާދީފިއެވެ.

ނޯވޭގެ ސިޓީއެއް ކަމަށްވާ ކްރިސްޓިއަންސޭންޑް ގައި ކުރިއަށް ގެންދިޔަ މި އެއްވުމުގައި ކީރިތި ޤުރުއާނުގައި ރޯ ނުކުރުމަށް ފުލުހުން އިންޒާރު ދިނުމުން ވެސް، އެކަމަށް ބީރު ކަންފަތެއް ދީ ލާސް ތޯސެން ނަމަކަށް ކިޔާ ނުބައި ނުލަފާ މީހެއް ކީރިތި ޤުރުއާނުގެ އެއް ކޮޕީގައި ރޯކޮށްލައި، އެހެން ދެ ކޮޕީ އެއް ކުނިތަކުގެ ތެރެއަށް ވަނީ އެއްލާލާފައެވެ. އެއްވުމުގެ ބައިވެރިން ވަނީ ކީރިތި މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ހުތުރު ބަސްތައް ރައްދުކޮށް، އިސްލާމްދީނަކީ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ދީނެއް ކަމަށް ގޮވާފައެވެ.

މިހާރު އާންމު ވެފައިވާ ވީޑިއޯ އިން ފެންނަގޮތުން ތޯސެން ކިޔާ ނުބައި ނުލަފާ މީހާ ކީރިތި ޤުރުއާނުގައި ރޯ ކޮށްލުމާ އެކު، މުސްލިމް ހިތްވަރުގަދަ ޒުވާނާ ވަނީ ފުންމައިގެން ގޮސް އެމީހާ އަށް ފައިންނާއި އަތުން ހަމަލާދީފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ ވަގުތުން އޭނާ ހުއްޓުވައި އެ ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލާސް ތޯސެން ކިޔާ މި ނުބައި ނުލަފާ މީހާ އަކީ އިސްލާމްދީނާއި ދެކޮޅަށް އެކި މަސައްކަތްތައް ކުރަމުން ގެންދާ މީހެކެވެ. މި އެއްވުން އިންތިޒާމުކުރި”ސްޓޮޕް އިސްލާމިޒޭޝަން އޮފް ނޯވޭ” ކިޔާ ޖަމްޢިއްޔާ އަކީ އޭނާ އިސްވެ ހުރެ 2008 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާ އެކެވެ.

ކީރިތި ޤުރުއާން ސަލާމަތްކުރި ހިތްވަރުގަދަ ޒުވާނާ

ނޯވޭ ގެ މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އެގައުމުގެ މުސްލިމް ލީޑަރުން ދަނީ ކަމާއި ބެހޭ އިދާރާތަކުގައި މި މައްސަލަ ރަޖިސްޓަރ ކުރުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ މުސްލިމް ގައުމުތަކުން މިކަން ކުށްވެރިކުރަމުން ދާއިރު، ކީރިތި ޤުރުއާނުގެ ދިފާއުގައި ނިކުތް ހިތްވަރުގަދަ މުސްލިމް ޒުވާނާ އަކީ ބަޠަލެއް ކަމަށް ބުނެ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.