ފަނަރަ ދުވަސް ތެރޭގައި ތަދުފިލާނެ ކަމަށް ބުނެ މީގެ ފަސްއަހަރު ކުރިން ޕްރޮމޯޓު ކުރި ތެލަކުން 15 ދުވަސް ތެރޭ ތަދު ނުފިލުމުން، އެ ތެޔޮ ޕްރޮމޯޓު ކުރުމުގައި ބްރޭންޑް އެންބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރިވި މަޝްހޫރު ތަރިން ކަމުގައިވާ ގޯވިންދާ އާއި ޖެކީ ސްރޮފް 20000 ރުޕީސް އިން ޖޫރިމަނާކޮށްފިއެވެ.

މީގެ ފަސް އަހަރު ކުރިން އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ކޮންސިއުމަރ ކޯޓަކަށް ހުށައެޅުނު މި މައްސަލައިގައި ބުނެފައި ވަނީ އެ ތެޔޮ ބޭނުން ކުރުމުން ގައިގެ ރިހުންތައް 15 ދުވަސްތެރޭގައި ދާނެ ކަމަށް މި ދެ ތަރިން އިޝްތިހާރުގައި ބުނެފައިވީ ނަމަވެސް ތެޔޮ ބޭނުން ކުރާތާ 15 ދުވަސް ވީ އިރުވެސް ތަދު ނުފިލާ ކަމަށެވެ.

މައްސަލަ ހުށައެޅި، އަބިނާވް އަގަރްވާލް ބުނީ، ނޫހެއްގައި ޖަހާފައި އޮތް އިޝްތިހާރެއްގައި މިތެޔޮ ބޭނުން ކުރުމުން 15 ދުވަހުގެ ތެރޭގައި ނަތީޖާ ނުފެނިއްޖެ ނަމަ ރީފަންޑް ވެސް ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން އޭނާގެ އުމުރުން ދުވަސްވީ ބައްޕައަށް އޭގެ ތެޔޮ ފުޅި އެއް ގަނެދިން ނަމަވެސް އެ ތެލުން އެއްވެސް އަސަރެއް ނުކުރި ކަމަށެވެ. އެހެންކަމުން ރީފަންޑް ހޯދުމަށް ތެޔޮ އުފެއްދި ކުންފުންޏަށް ގުޅިކަމަށާއި އެހެން ނަމަވެސް ރީފަންޑްވެސް ދީފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން ކޯޓަށް ހުށައެޅި މިމައްސަލައިގައި ކޯޓުން ވަނީ 5 ފަރާތެއް ޖޫރިމަނާކޮށްފައެވެ. 

ޖޫރިމަނާގެ އިތުރުންވެސް ތެޔޮ ފުޅި ގަންނަން އަބިނާވް ކުރި ޚަރަދުވެސް އަނބުރާ އޭނާއަށް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.