ދިވެހިރާއްޖެ އުފެދިފައިވާ ސަތަހައިގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ކަނޑުފަޅުތަކެވެ. އެހެންކަމުން ދިވެހިންނަށް ލިބޭ އާމްދަނީއާއި، ދިވެހި އިޤުތިޞާދުގެ މައިގަނޑު މަސައްކަތްތައް ބިނާވެފައިވަނީ ކަނޑުންލިބޭ ރޯއްޖާއި ފަޅުތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި ބެހޭ މަޢުލޫމާތު ކޮންމެ ދިވެއްސަކަށް ލިބިފައިވުމަކީ މުހިއްމު ކަމެކެކެވެ.
‘ރާއްޖޭގެ ކަނޑުފަޅުގެ ދިރިމުގެ ތެރެއިން’ މި ނަމުގައި މި ހުށައަޅާލަނީ ރާއްޖޭގެ ކަނޑުފަޅުގައި ދިރިއުޅޭ މަސްމަހާމެއްސާއި ބެހޭ މަޢުލޫމާތެވެ. އެގޮތުން މިފަހަރު މި ގެނެސްދެނީ މިޔަރު ޢާއިލާގެ ވައްތަރެއް ކަމަށްވާ ‘ނިދަންމިޔަރު’ ގެ މަޢުލޫމާތު ކޮޅެކެވެ.
ނިދަންމިޔަރު
ނިދަންމިޔަރަކީ (ޓޯނީ ނަރސް ޝާރކް އަކީ) ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި ގިނައިން އުޅޭ މިޔަރެކެވެ. މިއީ ކަނޑުފީނާ އުޅޭ މީހުންނަށް ގިނައިން ފެންނަ މިރަޔެކެވެ. މިއީ ވަރުގަދަ ހަންގަނޑެއް ލިބިފައިވާ ބަރުހެލި މިޔަރެކެވެ. ނިދަންމިޔަރުގެ މަހަކީ ކެއުމަށް ރަނގަޅު މަހެކެވެ.
މިއީ ގާތްގަނޑަކަށް 3 މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް ޢާއްމުގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑުމިނަކީ 2.5 މީޓަރެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަނޑަކަށް 40 ސެންޓިމީޓަރު ހުރެއެވެ. ނިދަންމިޔަރުގެ ކާނާއަކީ ހިޔަމަ، ކަކުނި، އިހި، މުރަކަ، ބޯވަ، ބޯވަދިލަމަސް އަދި ކުދި މަހެކެވެ.
މިބާވަތުގެ ގިނަ ޢަދަދެއްގެ މިޔަރު އެއް ހިސާބެއްގައި ނިދާފައި ތިއްބާ ފެނުމަކީ ޢާއްމު ކަމެކެވެ. މި މިޔަރު ނިދާފައި ތިބޭއިރު ގިނައިން ތިބެނީ އެސޮރުމެންގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލާދޭކަމީ ފާހަގަ ކުރެވިފައިވާ ކަމެކެވެ.
ނިދަންމިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި މުށިކުލަ އެވެ. ބަނޑުދަށުގެ ކުލަ ބުރަކަށިމަތީގައި ހުންނަ މުށިކުލައަށްވުރެ ފަނޑުވާނެ އެވެ. އަދި އުރަހަތައް ހުންނާނީ އަޅިކުލައެއްގަ އެވެ. މިބާވަތުގެ މިޔަރުގެ އުރަހައަކީ މިޔަރު އުރަހައިގެ ވިޔަފާރީގައި ބޭނުންކޮށްއުޅޭ އުރަހައެކެވެ.
