ބ. ގޮއިދޫގައި ކައިޓް ސާފިންގް ކޭމްޕެއް ފަށައިފިއެވެ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން މިމަހުގެ 10 ން 12އަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ޖުމްލަ 30 ކުއްޖަކު ބައިވެރިވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން މަަޢުލޫމާތު ދެއްވައެވެ.
ޖަމްއިއްޔާގެ ރައީސް އަލްފާޟިލް ހަސަން ނިޒާމް ވިދާޅުވި ގޮތުގައި އެ ޖަމްއިއްޔާ އިން މިފަދަ ކޭމްޕެއް ބޭއްވުމުގެ މަޤްސަދަކީ އެކަމަށް ޝައުގުހުރި ކުޑަ ކުދިންނަަށް ކައިޓް ސާފިންގެ ހުނަރުތައް ދަސްކޮށް ދިނުމެވެ. ނިޒާމް ވިދާޅުވިގޮތުގައި މިކޭމްޕަށް ރަށުންނާއި އަދި އެހެނިހެން ރަށްރަށުން ވެސް ބޮޑު އެއްބާރުލުމަކާއި ތަރުޙީބެއް ލިބިގެން ދިޔަކަމަށެވެ.
“އަޅުގަނޑުމެން މިފަހަރުގެ ކޭމްޕް އަމާޒުކޮށްފައި މިވަނީ 18 އަހަރުން ދަށުގެ ކުދިނަން .. ހަމައެކަނި މިރަށުން ވެސް 30 ކުދިން ވަނީ ބައިވެރި ވެފަ.. އަދި އެހެން ރަށް ރަށުންް 10 ކުދިން ބައިވެރިވާން ހަމަޖެހިފަވީ ނަމަވެސް އެ ކުދިންނަަށް އެކި އެކި ސަބަބުތަކާހުރެ ވަނީ އާދެވޭ ގޮތް ނުވެފަ.” ނިޒާމް ވިދާޅުވިއެވެ.

މި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކުދިންގެ ލެވެލްއާއި ގުޅޭ ގޮތަށް އިންޓަރނޭޝަނަލް ކައިޓް ސާފިންގް އޯގަނައިޒޭޝަން ގެ ސެޓްފިކެޓް އެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

