ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝަހުދީގެ ”މަވެށި“ ވާހަކަ ވިއްކަން ފަށައިފި

ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހުދީ ކުޑަކުދިންނަށް ހާއްސަކޮށް ލިޔުއްވާފައިވާ ވާހަކަ ފޮތްތައް ނެރެ ވިއްކަން ފަށައިފި އެވެ. މި ވާހަކަ ފޮތްތައް މިހާރު މާލޭގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.

ޝަހުދީ ލިޔުއްވާފައިވާ ފަސް ވާހަކަ ފޮތަކީ ”އެކުވެރި ތިން މިޔަރު“، ”ބުއްދިވެރި ފިނދަނަ“، ”ނަސީބުދެރަ ކޮވެލި“، ”ކިބުރުވެރި ބުޅާ“، ”ކޮކާލުގެ ހުވަފެން“ އެވެ. މި ވާހަކަތައް ނެރެފައިވަނީ ”މަވެށި“ ސީރީސްގެ ނަމުގަ އެވެ.

‘މަވެށި’ ފޮތް ބައިގެ ޕަބްލިޝާއަކީ ވާހަކަ.ކޮމް އެވެ. މިއީ އެގޮތަށް ނެރެނު ދެވަނަ ވާހަކަ ބަޔެވެ.

”މަވެށި“ ވާހަކަ ފޮތް ބައި ނެރެދެއްވީ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ތަރިކަ އާއި ބަހާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނެވެ. މި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންނަށް ޚާއްޞަކޮށް ދިވެހިން ވާހަކަ ފޮތްތައް ނެރުން ވަރަށް މުހިންމު ކަމަށެވެ. އެއީ އަބަދުވެސް ހިތްވަރު ދެއްވާނެ ކަމެއް ކަމަށެވެ. ކުޑަކުދިން އަބަދު އިނގިރޭސި ވާހަކަ ދައްކައި ދިވެހި ބަސް ދެކެ ފޫހިވަމުންދާއިރު މިފަދަ ވާހަކަ ފޮތްތަކުން ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް ޝައުގުވެރިކަން އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވާހަކަ ފޮތް ބަޔާ ގުޅޭ ގޮތުން ވާހަކަ ދައްކަަވަމުން ޝަހުދީ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ ދަރިންނަށް ނިދާ ގަޑީގައި ކިޔައިދިން ވާހަކަތަކެއް ކަމަށެވެ. ވާހަކައެއް ސިފައެއްގައި ފޮތްތައް ލިޔުނީ އެހެން ކުދިންނަށް ވެސް އެ މެސެޖްތައް ފޯރުކޮށްދޭން ބޭނުންވާތީ އެވެ.

”މަވެށި“ގެ ކޮންމެ ވާހަކައެއްގައި ވެސް އިބްރަތަކާއެކު އާ ބަސްތައް ދަސްކޮށްދީފައިވެ އެވެ. އަދި ތިމާވެށީގެ މުހިންމުކަން ފާހަގަކޮށްދީފައިވެއެވެ. މި ވާހަކަ ފޮތްތައް ފަރުމާކޮށްފައިވަނީ ކުލަގަދަ ގިނަ ކުރެހުންތަކާއެކު ޝައުގުވެރި ގޮތަކަށެވެ.

ޚަބަރުގެ އަސްލު: ތިލަދުން

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top