ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހިން ފިޔަވައި އިތުރު ބައެއް ނޫޅެއެވެ. ފަހުރުވެރިކަމާއެކު ދިވެހި ބަސް ބޭނުންކުރާ ދިވެހިން ވެސް ބައެއްފަހަރު ދިވެހިން ބުނާއެއްޗެހި ފަހުމުނުވެ އެހެން މާނައެއް ނެގޭތަން އާދެއެވެ. ދާދި ފަހުން ދިމާވި ހާދިސާއެކެވެ. ދެބެންގެ ދެދަރި ކުއްޖެއްގެ ކައިވެނި ޕާޓީއަށް ދިޔުމަށް އަޅުގަނޑު ތައްޔާރުވާންފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ. އެހެންނަމަވެސް ދިވެއްސަކަށް ވީތީ ގިނަ ކަންކަން ހުރީ ފަހު ވަގުތު ކުރަން ބެހެއްޓިފައެވެ. ހުރިހާ ކަމެއް ނިމުނުއިރު ކުޑަ ދަރިފުޅުގެ ސޯޓެއް އަދި ނެތެވެ. ހޯދަން ޖެހުނީ “ސްކިން ކުލަ” ނުވަތަ ހަން ކުލައެވެ.

އަވަހަށް ފޯނުނަގައި ފިރިމީހާގެ ކޮއްކޮއަށް މެސެޖް ކޮއްލައިފީމެވެ. “ކުޑަމީހާ އަށް ލެވޭވަރުގެ “ހަން ކުލަ” ހުރި ސޯޓެއް އެބަ އޮތް ހެއްޔެވެ؟” އޭނަ ނިކަން ހައިރާންވެފަ ފުއްޕާހަން ކުލަ ހޭ އަހައިފިއެވެ. މި ވީ ގޮތެއް އަދި އަޅުގަނޑަކަށް ރޭކައެއް ނުލިއެވެ. އަނެއްކާވެސް އަދި އެއަށް ވުރެ ހައިރާންވެފައި ބުނެފީމެވެ. “ހުރިހާ ފުއްޕާހަން ހުންނަނީ އެއްކުލަ އަކުން ހެއްޔެވެ؟” ޖަވާބު ނިކަން އަވަހަށް އައެވެ. “ދެން ތިކިޔަނީ ކޮން ހަމެއްގެ ވާހަކަ ހެއްޔެވެ؟” ވީ ގޮތް އަޅުގަނޑަށް މި ރޭކާލީ ދެނެވެ. “ދެ ލޯ ކޮޅާ ދޫންޏާއެވެ. ހަން ކުލަ އޭ މި ބުނީ ސްކިން ކުލައަށެވެ.”

ދިވެހި ބަހުގެ މުއްސަނދި ކަމުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އިނގިރޭސި ބަހުން ރުކުން ހަމަ އެކަނި “ކޮކޮނަޓް” ފެނުނު ނަމަވެސް ދިވެހިންނަށް ގޮބޮޅި، މިރި، ކިހާއް، އަދި ކުރުނބާ ވެސް ފެނެއެވެ. އަދި ހަމަ އެހެންމެ ކާށި، ކުރޮޅި އަދި މުޑިކާށިވެސް މީހަމަ ރުކުގެ މޭވާއެވެ. ދިވެހި ބަހަކީ ސާދާ ބަހެއްކަމުގައި ބަސް ދިރާސާ ކުރާ މާހިރުން ބުނެއެވެ. ޒަމާނަށް އަންނަ ބަދަލާއެކު އައު ބަސްތައް އުފެއްދުމަށް މަޖުބޫރުވެފައިވާ މިތަންވަޅުގައި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހި ބަހަށް އަހުލުވެރިވުމަށް މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ.

ކަންމިހެން ހުރިއިރު، ދިވެހިބަސް ކުރިއެރުވުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަން މީ ހިތާމަ ހުރި ކަމެކެވެ. އަލަށް އުފައްދާ ބަސްތައް އާއްމުކޮށް ބޭނުން ކުރަން ދަތިވަނީ ސުކޫލު މާހައުލާއި އޮފީސް މާހައުލުގައި އެ ބަސްތައް ބޭނުން ނުކުރެވޭތީ ކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެކެވެ. ދިވެހި ބަހަށް ވުރެ އިނގިރޭސި ބަހަށް ދިވެހި ދަރިން ފަރިތަވުމަކީ ހިތާމަ ހުރި ކަމެކެވެ. މިހެންވަނީ ވެސް ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ބައެއް ތަކެއްޗާއި، ލަފުޒުތަކަށް ކިޔާނެ ދިވެހި ބަސްތައް އަދިވެސް ނެތްކަމީ ހިތާމަ ހުރި ކަމެކެވެ. މިސާލަކަށް “އެސްކިޔުޒް މީ” ފަދަ މުހިންމު ބަސްބަހަށް ދިވެހިބަހެއް އަދި ނެތެވެ. ނިންމާލަމުން ކިޔުންތެރިންނަށް ހަމަ އެންމެ ސުވާލެއް ކޮށްލާނަމެވެ. ޖަވާބު ކޮމެންޓްކޮށްލާށެވެ.
“ކެެންގަރޫ އަށް ދިވެހިން ކިޔަނީ ކީކޭ ހެއްޔެވެ؟”

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.