ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ދިހަވަނަ މެޗު ޝީލްޑް ކާމިޔާބުކޮށް ކުޅުނު ހުރިހައި މެޗަކުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝީލްޑް ކާމިޔާބު ކޮށްފައި ވަނީ ޓީމު ޔުނީފޯމާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މުޅިމެޗު ކޮންޓުރޯލު ކޮށްގެން މޮޅަށް ކުޅެފައިވަނީ ޝީލްޑުންނެވެ. މިގޮތުން ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 11 އާސިފް ސަލީމް ވަނީ ލަނޑުޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޝީލްޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
މެޗުގެ ފަހު ހާފުގައި ޝީލްޑުން ވަނީ ޓީމު ކުރިއަށް ޖައްސައި އިތުރަށް އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ފަހު ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުގެ ޖޯޒީ ނަންބަރު 9 އަހުމަދު ރަޝީދު އެ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ ތިންވނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 14 އަހުމަދު މުޖުތަބާއެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝީލްޑަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އާސިފް ސަލީމެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ފޯރިގަދަވާނެ ކަމަށް ބެލެވިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ޓީމު ރިއަލް ސްޓާރސް އާއި ޓީމު އަހުލީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.
